ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 08:28
ފުލުހުންގެ ލޯންޗަށް އާއްމުންގެ ބަޔަކު އަރުވަނީ
ފުލުހުންގެ ލޯންޗަށް އާއްމުންގެ ބަޔަކު އަރުވަނީ
ޕޮލިސް
ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުން
ރާއްޖޭއިން ދެން އިވޭނީ ސަންދޯކަށް، މޮހޮރު ޖަހާ އަޑުތޯއެވެ؟!
 
ރާއްޖޭގެ މިވަގުތެގެ ހާލަތުގައި ވަރަށް ބޮޑު ސަމާލުކަމެއް ނުދެވިއްޖެނަމަ ގިނަ ބަޔަކު ވައިރަހަށް ފައްސިވެދާނެ ކަމުގެ ބިރު އެބައޮތް
 
ޢާންމު ގޮތެއްގައި ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު، ޚިދުމަތުގައި ތިއްބައި، މަރުވެފައިވަނީ، ކޮރޯނާ ވައިރަހުގެ ޝިކާރައަކަށް ވެގެން

އެއީ ކިތަންމެ ބޮޑުމަހެއްކަމަށްވިޔަސް، ގަލަށްވަދެ، ގަލުން ނުނެއްޓިއްޖެ ޙާލަތުގައި ޖެހޭނީ، ކަންވާރު ކަނޑާލާށެވެ! ރަށެއްގައި ހިންގާފައި ހުރި ޖެނެރޭޓަރެއްވެސް، އޭގެ ލޯޑު ނުހިފެހެއްޓޭ ޙާލަތުގައި ފެންނާނީ، ބްރޭކަރު ވެއްޓޭތަނެވެ! މި ބީދައިން، އެއީ ކިތަންމެ ފުރިހަމަ ހޮސްޕިޓަލެއް ކަމަށްވިޔަސް، އެތަނެއްގައި ޚިދުމަތް ދޭންތިބި މީހުންނަށް އޮބިނޯންނަ ވަރަށް، ބަލިމީހުން އެނދުމަތިވެއްޖެ ޙާލަތެއްގައި، ފެންނާނީ ފަހަރަކު "ޕޭޝަންޓެއް"ގެ ބްރޭކަރު ވެއްޓޭ ތަނެވެ. ފެންނާނީ ފަހަރަކު ގަބުރެއް ނެރޭ މަންޒަރެވެ! ސުވާލަކީ، އަހަރެން ދިވެހިން މިތިބީ، މި މަންޒަރާ ކިހާ ކައިރީގައި ހެއްޔެވެ؟

ކޯވިޑް19ގެ ބަލި މީހުން ތޮއްޖެހި، ސިއްޙީ ޚިދުމަތް ތެރިންނަށް, ގޮތް ހުސްވި ހިނދު، ޗައިނާއިންވެސް ފެނުނީ މި މަންޒަރެވެ. ދެން އިޓަލީންނެވެ. އެއަށްފަހު، ސްޕޭނާއި އިނގިރޭސިވިލާތުންނެވެ. މިއަދު އެމެރިކާއިންނެވެ. ސުވާލަކީ، މާދަމާ، ދިވެހިރާއްޖެއިންވެސް، ދެކެން ބޭނުމީ، ހަމަ މި މަންޒަރު ހެއްޔެވެ؟

ކާބަފައިންގެ މިސާލަކުން ދަންނަވާނަމަ، "ހާރަކަސް ތަރާވީޙަކަސް"، އަހަރެމެންގެ ގައުމުގައި ތިބީ، ގާތްގަނޑަކަށް، 905 ޑޮކްޓަރުންނެވެ. ގާތްގަނޑަކަށް 2930 އެއްހައި ނަރުހުންނެވެ. އެއިގެ ތެރެއިން ކޯވިޑު19ގެ ބަލިމީހުންނަށް، މި ޢަދަދު ތަކުގެ 50 އިންސައްތަ ޚާއްސަ ކުރިނަމަވެސް، އެއީ މަދު ޢަދަދެކެވެ. ޢަދަދު މަދުވާނީ، ޙާލަތު އަރާ ހަމަވާ ގަޑީގައެވެ. ޢާންމު ގޮތެއްގައި ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު، ޚިދުމަތުގައި ތިއްބައި، މަރުވެފައިވަނީ، ކޮރޯނާ ވައިރަހުގެ ޝިކާރައަކަށް ވެގެންނެވެ. އެ ޙަގީގަތާ އަހަރެމެންނަށްވެސް ކުރިމަތިލާންޖެހިއްޖެނަމަ، އެފަދަ ޙާލަތެއްގައި އޮންނާނީ ސިއްޙީ ޚިދުމަތްތެރިންނަށް ޖެހިފައެވެ.

ފެންނާން އޮތް މަންޒަރަކީ، ދުނިޔެއިން މިހާތަނަށް، މި ވައިރަހުގެ ޝިކާރައަކަށްވެ، އެތައްސަތޭކަ ސިއްޙީ ޚިދުމަތްތެރިން ދުނި ދޫކޮށްފައިވި މަންޒަރެވެ. އެމެރިކާގެ ބައެއް ސްޓޭޓު ތަކުގައި، ކޯވިޑް19ގައި، މަރުވި މީހުންގެ 20 އިންސައްތަ އަކީ، ހެލްތުކެއަރ ވޯކަރުންނެވެ. އިޓަލީވިލާތުން އެކަނިވެސް މާރޗް 30ގެ ނިޔަލަށް 60ށްވުރެން ގިނަ، ޑޮކްޓަރުން މަރުވެފައި ވެއެވެ. ނަރުހުންނާއި ސިއްޙީ އެހީތެރިންގެ ގިނަބަޔަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮވިޑް19 ޖެހިގެން މަރުވި އިޓަލީ ރައްޔިތުން ވަޅުލުމަށް ސަންދޯއް ތައްޔާރުކޮށްފައި

މި ތަފާސް ހިސާބުތަކުން ހާމަވާ ކަންބޮޑުވުމަކީ، އެންމެ ގިނަވަގުތު އެންމެ ނާޒުކު ބަލިމީހުންގެ ކައިރީގައި ހޭދަކުރާބަޔަކީ، ނަރުހުންނާއި އެމީހުންގެ އެހީތެރިންނަށްވެފައި، މި ވައިރަހުގެ އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާންޖެހޭ މީހުންނަކީވެސް އެމީހުންނަށް ވުމެވެ. އެހެންކަމުން، މިއަދު ސިއްޙީ މާހިރުން، ރާއްޖޭގެ ނާޒުކު ޙާލަތަށް އަންދާޒާކޮށް، ކުރައްސަވައިފައިވާ ރޮނގުޗާޓަކީ، ގައިދުރު ކަމުގައި ތިބެ، މި ޙާލަތު ބަދަލުކުރަން ސަމާލުކަން ނުދީފިނަމަ، ކުރިމަތީގައި އޮތް ބިރުވެރި ޗާޓެކެވެ. އެ ޙާލަތުގައި، އަހަރެމެންގެ ދުނިޔެވީ ޙަޔާތުގެ އެންމެފަހުނޭވާ، ދޫކޮށްލަން ޖެހޭނީ، އެ ޗާޓުގެ ތެރެއަށް ކަމަށްވުމީ، ދުރުގައި އޮތް ކަމެއް ނޫނެވެ.

ދިވެހި މުޖުތަމަޢުގެ ތެރޭގައި މިހާރު ފެތުރެން ފަށައިފައިވާ ކޯވިޑު19ގެ މި ޙާލަތަކީ، ރައްޔިތުންގެ ފެންވަރުގައި ވަރަށްބޮޑު ސަމާލުކަމެއް ނުދެވިއްޖެނަމަ، ލައްކައަކަށްވުރެން ގިނަ ދިވެހިން، މި ވައިރަހަށް ފައްސިވެދާނެ ފަދަ ބިރުވެރި ޙާލަތެކެވެ.

ސިއްޙީ ދާއިރާއިން އަންދާޒާ ކުރާގޮތުގައި، މިހާރު މި ފެންނަމުންދާ މަންޒަރަށް ބަލާއިރު، ލަފާކުރަން ޖެހެނީ، މިވަގުތުވެސް 100ށް، ވުރެން ގިނަ މީހުން، ވައިރަހަށް ފައްސިވެފައި ތިބެދާނެ ކަމަށެވެ. އެހެން ކަމުން މިހާރު މި އޮތް "ލޮކްޑައުން"ގެ ތެރޭގައި، އަޅާ ފިޔަވަޅު ތަކަށް ބޯނުލަނބާ، ފަރުވާ ކުޑަކޮށްފިނަމަ، ބޮޑުތަނުން ޙާލަތު ގޯސްވެ، ބަލިޖެހޭ މީހުން ގިނަވެ، ފަރުވާ ނުދެވިގެން މަރުވާ މީހުންގެ ޢަދަދު 2000ށްވެސް، އަރައިފާނެ ކަމަށް، އަންދާޒާ ކުރެވިފައިވާ ގްރާފްތަކުން ދައްކައެވެ.

ރާއްޖޭގެ ގަޑީގެ ކަށިން ހިނގަމުން މިދަނީ، 21 ވަނަ ގަރުނުގައި ދުއް، އެންމެ ނާޒުކު ވަގުތެވެ. އެހެންކަމުން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި މުޖުތަމަޢުން ފެންނާނީ، ބަލިޖެހިފައިވާ 19000 މީހުންތޯ ނުވަތަ 29 މީހުންތޯ؟ ނިންމަން، ސުވާލު ވެވިފައި އެވަނީ، އަހަރެމެން ދިވެހިންނަށެވެ. މި މުޖުތަމަޢުގައި ތިބި، ދިރިތިބީން ނަށެވެ.

މާލޭގެ މަގުމަތި: މާލެ ސަރަހައްދު މިވަގުތުވަނީ ލޮކްޑައުންގައި - ރާއްޖެއެމްވީ

މާދަމާ ތިމާއާއި އާއިލާ އައިސީޔޫގައި އެކަނިވެ، ހިތާމައިގައި ގެނބޭނީތޯ؟ ނުވަތަ، ގޭގައި ގައިދުރު ކަމުގެ ޒިންމާ، މިވަގުތު އުފުލާނީތޯ؟ މިއަދު މި ސުވާލު މިވެވެނީ، ދިވެރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކާއެވެ. މި ސުވާލުގެ ކުރިމަތީގައި، ހަމަ އެކަކުވެސް އިސްތިސްނާއެއް ނުވެއެވެ. މާދަމާ ކުރިމަތިވެދާނެ ހިތާމަވެރި ޙާލަތެއްގައި ފަރުވާނުލިބި އޮވެ، މަރުވެދާން ޖެހޭ މީހުންނަކީ، މި ޒިންމާއިން ހަމައެކަނި ރެކުނު މީހާ އެކަންޏަށް ނުވެދާނެއެވެ!

ފަހަރުގައި، އަހަރެމެން ކޮންމެ މީހެއްގެ ލޯބިލޯބި ދަރިންނާއި، މައިންބަފައިންނާއި، ޢާއިލާވެސް، މި ސަފުޙާގައި ލިޔެވި، ނިމިދާނެއެވެ. "ޓޭކް ކެއަރ" އޭ، ބުނެ، އިއްޔެ، މެސެޖު ފޮނުވި، ރަޙުމަތްތެރިންވެސް މި ލިސްޓުގައި ހިމެނިދާނެއެވެ. އެހެންކަމުން ކުރިމަތީގައި މިއޮތީ، ހަރުދަނާކަމާއި، ސާބިތުކަމާއި، ޢަޒްމާއި، އިޚުލާސްތެރިކަމާއި، އިތުބާރާއެކު، ކޮންމެ މީހަކުމެ، ޖާވާބުދޭން ޖެހޭ ބޮޑު ސުވާލެކެވެ. އެމީހެއްގެ ފުރާނައިގެ ރަށްކަލަކަށެވެ.

ކޯވިޑު19، "ކޮމިއުނިޓީ ސުޕްރެޑެއް"ގެ ގޮތުގައި، ފެތުރިގަތް ކޮންމެ ގައުމަކުން، ޙާލަތު ބަދަލުކުރި އެންމެ ކާމިޔާބު ދިފާޢަކީ، ވެންޓިލޭޓަރާއި، އައި.ސީ.ޔޫ ތަކުގެ ޚިދުމަތާއި، އަޖުމަ ބަލަމުން ގެންދާ، އެހެން ބަލިތަކަށް އުފައްދާފައިވާ، ބޭސްތަކެއް ނޫނެވެ! މޮޅު ޑޮކްޓަރުންނާއި ތަޖުރިބާކާރު ނަރުހުންގެ މަސައްކަތުން އެކަންޏެއް ނޫނެވެ.

މި ވައިރަހުގެ އެންމެބޮޑު ދިފާޢަކީ "ގައިދުރު" ކަމެވެ. ގިނަގިނައިން އަތް ދޮވުން ފަދަ، ސާފުތާހިރު ކަމަށް މަގުފަހިކުރާ، ސިއްޙީ އާދަތަކެވެ. މިކަން މިހެން ނުވެއްޖެނަމަ، ދެކޭން އޮތީ، ރާއްޖެއަށް، ސިއްޙީ ޚިދުމަތްތެރިން، ކުރަހައިދީފައި އެވާ، ބިރުވެރި މަންޒަރެވެ! އެދުވަހެވެ. ފަހަރުގައި ކޮންމެވެސް ބައެއްގެ މަހާނައެވެ!

މެންދުރުގެ އިރު ހާމަވާހެން، މިއަދު ދުނިޔޭން ފެންނާން އޮތް ޙަގީގަތަކީ، 329 މިލިއަންގެ އާބާދީއެއް އޮތް އެމެރިކާގައި، ހަތްލައްކައެއްހާ މީހުން، މި ވައިރަހަށް ފައްސިވިއިރު، އާބާދީގެ ބޮޑުބައެއް، އަދިވެސް ސަލާމަތުން ތިބީ، ގައިދުރުކަން އިޚްތިޔާރު ކުރީތީކަމެވެ. 46 މިލިއަންގެ އާބާދީއެއް އޮތް ސްޕޭނުގައި، ދެލައްކައާ ގާތްކުރާ ޢަދަދެއްގެ މީހުން ކޮވިޑު19އަށް ފައްސިވީއިރު، އާބާދީގެ ބޮޑުބައެއް ޙިމާޔަތްކަން ހޯދީ ގައިދުރުކަމުން ކަމެވެ. 60 މިލިއަންގެ އާބާދީއެއް އޮތް އިޓަލީން، އެއްލަކަ ހަތްދިހަ ދެހާސްމީހުން، މި ވައިރަހަށް ފައްސިވީއިރު، އާބާދީގެ ބޮޑުބައެއް އަމާންކަން ހޯދީ، ގައިދުރުކަމާއި ސިއްޙީ އާދަތަކުން ކަމެވެ.

ކޮވިޑް19 ބަލި ޖެހުނު މީހަކު މަރުވެގެން ސަންދޯއް ގެންދަނީ

މިއިން ކޮންމެ ގައުމެއްގެ ސިއްޙީ ޚިދުމަތް ތެރިންނަށް އޮބި ނޯންނަ މިންވަރަށް، ގިނަބަޔަކު ވައިރަހަށް ފައްސިވި ޙާލަތުގައި، އެންމެން ސަލާމަތް ކުރެވޭނެހާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އައިސީޔޫ އެނދުތަކެއް ނެތެވެ. ފެންނަމުން ދިޔައީ، މަރުވަމުންދިޔަ އެންމެންގެ ޖަނާޒާތަކަށް، އެޕޮއިންޓުމަންޓުގެ ކިއު ދަމާލި މަންޒަރެވެ. ދުނިޔެ، ހެކިވަމުންދިޔައީ މި ޙަގީގަތަށެވެ. މިދެންނެވި ގައުމުތަކަކީ، މާސްކާއި އަންގީގެ އިތުރުން، "ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓު" (ޕީ.ޕީ.އީ) އާއި، ވެންޓިލޭޓަރު އުފައްދާ ގައުމުތަކެވެ. ކާރުޚާނާތައް، އަމިއްލަ ގައުމުގައި ހުރެމެ، ބޭނުންވާ މިންވަރާ ގާތަށްވެސް، އެތަކެތި ސިއްޙީ ޚިދުމަތްތެރިންގެ އަތަކަށް ނޭރިއެވެ. ދެން ނެރެންފެށީ ފަހަރަކު ގަބުރެކެވެ.

ދިވެހިރާއްޖެއަކީ، މިދެންނެވި ސާމާނު އުފެއްދުމުގެ މިފަދަ ގާބިލުކަމެއް އޮތް ގައުމެއް ނޫނެވެ. އަލިފާންދަނޑި ފޮއްޓަށް ދާންދެން، ބޭރަށް ބަރޯސާވެފައި އޮތް ކުޑަ ގައުމެކެވެ. ދެންމެ ނަންކިޔަމުން މިދިޔަ ގައުމުތަކާއި އަޅާބަލާއިރު، ނިސްބަތުން މާފަގީރު ގައުމެކެވެ. އިންސާނީ ވަސީލަތް، އަމްދުން މަދު ގައުމެކެވެ.

މި ފަދަ ޙާލަތަކަށް ރާއްޖެ ހިނގައިދާނެއަތީ، ދުރާލާ އޯޑަރުކުރި، ވެންޓިލޭޓަރާ، ޕީޕީއޭ، ފަދަ، ސިއްޙީ އާލަތްތައް، އަދި އޮތީ ލިބުމުގެ މަގުމަތީގައެވެ. ލިބިދާނެ ކަމުގެ އިންތިޒާރީގެ ގަޑީގެކަށި ރާއްޖޭގައި އެ އޮތީ ހިނގަހިނގައެވެ.

އަނެއްކޮޅުން މެޝިނެއްގެ މީޓަރު ހިނގަމުންދާހެން، ރާއްޖެއިން ފެންނަމުންދަނީ، ކޮވިޑު19އަށް ފައްސިވާ މީހުންގެ ޢަދަދު އިތުރު ވަމުންދާ ތަނެވެ. އެހެންކަމުން ޙާލަތުގެ ނުރައްކާ، ރާއްޖެއަށް އޮތް މިންވަރު ދެނެގަންނަން، ހަމަ އެކަކަށްވެސް ދައްޗެއް ނޫނެވެ.

މިފަދަ ވަގުތެއް ލައިގަތީވެސް، ލިބެމުންދިޔަ އިރުޝާދު ތަކަށް، އަހަރެމެން އުޅެމުންއައި "ކެއަރ ފްރީ ކަލްޗަރ"، އެ އިރުޝާދުތަކާ އެއްގޮތަށް، ބަދަލުކޮށް ނުލެވުނީތީއެވެ. އެހެންކަމުން ވިލާގަނޑު މި އޮތީ ލައިގެންފައެވެ. ރޯޅި އެދަނީ ވަގުތެއް ވަގުތަކަށް ބާރުވަމުންނެވެ. "އެގަހުކޭލެއް، މިގަހުކޭލެއް" ނޭގޭހައި، ބޮޑަށް، "ކޮންޓެކްޓް ޓްރޭސިން"ގެ ބާރުބޮޑުވެ، މަސައްކަތް އެވަނީ ބަރުވެފައެވެ.

އެހެންކަމުން، ސިއްޙީ ދާއިރާގެ އިރުޝާދު ތަކަށް، މިވަގުތު ބީރުކަންފަތެއް ދިން ކޮންމެ މީހެއްގެ ކަންފަތުގެ ހިދުރި، ދެން ހުޅުވެންފަށާނީ، ނާމާންކަމާއި، ބިރުވެރި ކަމުގެ، ބާރު އަޑުފަށް ގަނޑަކުން ކަމަށް، ފަހަރުގައި ވެދާނެއެވެ. އެއީ ދާދި ގާތުގައި އޮތްކަމަކަށްވެސް ވެދާނެއެވެ.

މި ރިޕޯޓުގެ ސުރުޚީގައި، މި ކުރެވޭނީ އެ ސުވާލެވެ! އެ ސުވާލަކީ، މި ހިނގާ 14 ދުވަހުގެ " ލޮކްޑައުން" ގައި، މި އިވޭ އިރުޝާދު ތަކަށް، ދިވެހީން ބީރު ކަންފަތެއް ދީފިނަމަ، ދެން އިވޭން އޮތް އަޑަކީ، "އަހަރެމެންގެ ސަންދޯއް ތަކަށް މޮހޮރު ޖަހާ އަޑުތޯ؟" މިހެން ހިތައި، ހިތާހިތުން މި ކުރެވޭ ސުވާލެވެ! ދުޢާއަކީ އެފަދަ ދުވަހެއް ﷲ މިންވަރުނުކުރެއްވުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
2%
0%
90%
5%
1%
2%
ކޮމެންޓް
20 އޭޕްރިލް 2020 | ހޯމަ 00:03
އެއއއއއއއއއްއއއއއއއއއއއއއއފަލަކު
ފުރިހަމަ ކަމުން ކުޅު ހިކި އްޖެ ފަ އިދާކުރާނީ ވިދާޅުވި ގޮތަ އް އއކަންކުރުމުން .
19 އޭޕްރިލް 2020 | އާދީއްތަ 08:31
ޢާއިޝާ
މި ވަގުތަށް ވަރަށް ބޭނުންތެރި ލިޔުއްވުމެއް. މި ލިޔުން ގިނަ މީހުންނާ ޝެއަރކުރެވިއްޖެނަމަ، ފައިދާކުރާނެކަމަށް ފެނޭ.
18 އޭޕްރިލް 2020 | ހޮނިހިރު 23:19
ދުވާ
މިގައުމުން އިރާދަކުރެއްވިޔާ ތިކަހަލަ މަންޖަރެއް މިންވަރުނުކުރައްވާނެ.ގިނަ ދިވެހިން ގާނުނާ ގަވައިދަށް ބޯލަނބާބަޔެއް.
18 އޭޕްރިލް 2020 | ހޮނިހިރު 18:38
ދަވާލި19
ސަނޮދޯކަކީ މޮހޮރު ޖަހައިގެން ހަދާ އެއްޗެއް ނޫން
18 އޭޕްރިލް 2020 | ހޮނިހިރު 08:47
ޢަހަންމަދު ބެ
. ސުވާލަކީ، މާދަމާ، ދިވެހިރާއްޖެއިންވެސް، ދެކެން ބޭނުމީ، ހަމަ މި މަންޒަރު ހެއްޔެވެ. ނޫނެކެވެ. ﷲ އަޅަމެން ގެ މިޤައުމާއި ދިވެހި އުންމަތް މިވަބާއިން ސަލާމަތް ކުރައްވައި ރައްތެރި ކުރައްވާށި އާމީން.
ގުޅުންހުރި