ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 18:56
ލޮކްޑައުންގެ ވަގުތުގައި މާލެސިޓީގައި ބައެއް މީހުން ކޮފީ ބިއުމަށް މަޑުކޮށްލައިގެން
ލޮކްޑައުންގެ ވަގުތުގައި މާލެސިޓީގައި ބައެއް މީހުން ކޮފީ ބިއުމަށް މަޑުކޮށްލައިގެން
ޔޫސުފް ސޮފްވާން ރަޝީދު
މާލެސިޓީ ނުރައްކާތެރި ހާލަތެއްގައި
މިހާލަތުގައި ކޭކުފަޅާ އަތްޖަހާކަށް ނުވޭ، ލިބޭ ހިތާމަ މާ ބޮޑު!
 
ކޮންމެ މީހެއްގެ ގައިން ވެސް ވައިރަސް ފެނިދާނެ
 
ލޮކްޑައުންކޮށް 14 ދުވަހަށް އެ މުއްދަތު އިތުރުކޮށްފައިވޭ
 
ރައީސް ސާލިޙު ޤައުމާ މުޚާޠަބު ކުރެއްވެވީ ވެސް ކީރިތި ކުރައްވަމުން

އޭޕްރީލް 15 ވީ ބުދަ ދުވަހަކީ ދިވެހިންގެ އުފާވެރިކަމާ މިނިވަންކަމަށް ވަރުގަދަ ބިޔަ ރާޅެއް ބިންދާލި ދުވަހެކެވެ. ދުނިޔޭގެ ނިސްބަތުން އެންމެ އާބާދީ ބޮޑު ވެރިކަން ކުރަމުންދާ މާލޭ ސިޓީގެ ރައްޔިތުންގެ ލޯތަކުން ކަރުނަ ހިލުވާލި ދުވަހެކެވެ. މުޅި ރާއްޖެ ސިއްސުވާލީ މާލޭގައި ދިރިއުޅެމުންދާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތައް ޕޮޒިޓިވްވި ވާހަކައިންނެވެ.

ހުދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ޤައުމާ މުޚާޠަބު ކުރެއްވެވީ ވެސް ކީރިތި ކުރައްވަމުންނެވެ. އެވަގުތު މިބަލިމަޑުކަމުގެ ބިރުވެރިކަމާއި ނާމާންކަން އިހުސާސް ކުރެވުނެވެ. އެދުވަހު ރައީސް ސާލިޙު އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުން ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށެވެ. އަދި މިހާތަނަށް ފަރުވާއެއް ފެނިފަ ނުވާ ކޮވިޑް-19އިން ރައްކާތެރި ވެވެން އޮތް ހަމައެކަނި ގޮތަކީ މިއީކަމަށެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެ ސަރަހައްދު ވަނީ 24 ގަޑިއިރުގެ ލޮކްޑައުންކޮށް, 14 ދުވަހަށް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް މާލެ ސަރަހައްދުން މި ފެންނަމުން ދަނީ ހިތާމަވެރި މަންޒަރެކެވެ. ބައެއް މީހުން މާލެތެރޭ ހޭލަމޭލަވެ އުޅޭމަންޒަރެވެ. ކަރަންޓީން ކުރެވޭ މީހާ ވެސް ދޫކޮށްލުމުން މުޅި ގެ ޒީނަތްތެރިކޮށް އާއިލާއާއި ގާތްމީހުން އެއްތަނަކަށް އެއްވެ މަޖާކޮށް ލަވަކިޔާ ކޭކުފަޅާ މަންޒަރެވެ.

ލޮކްޑައުން ކުރި ފުރަތަމަ ދުވަހު މާލޭގެ މަގުތައް ޓްރެފިކްގައި ޖެހިފައި

އޭގެ އިތުރުން، ކަރަންޓީނުން ދޫކޮށްލާ ވަގުތުވެސް އާއިލާގެ ގިނަބަޔަކު އެމީހަކާ ހަވާލުވުމަށް އާދެއެވެ. އަދި ގޭގޭ ދޮރުމަތީ ނިކުމެ ގޭދޮށުމީހުންނާ ހުސްއަނގަ ތަޅަން ތިބޭމަންޒަރުވެސް ފެންނަނީ މަދަކުން ނޫނެވެ. ސަރުކާރު އޮފީސްތަކާއި ސުކޫލުތައް ބަންދުކުރުމުން ފެނުނީ އެއީ ޗުއްޓީއެއް ކަމަށް ދެކި މަސް ދަތުރުތައް ރާވައި އެކަމުގައި މުޅިދުވަސް ހޭދަކޮށްލާ މަންޒަރެވެ.

ގައުމަށް ދިމާވެފައިވާ ބިރުވެރިކަން ހިތައް ނުގެނެވެނީ ތޯއެވެ؟ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އިބްރާހީމް އަފްޒަލް ވެސް ވަނީ ރައްޔިތުން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުން ނުލިބޭކަން ފާހަގަކޮށްފައެވެ.

އަޅުގަނޑުމެން އެކަމަކަށް ނޭދިހުރިކަންތައް މިއޮތީ އައިސް ލައިގަނެފަ، މިކަމަކީ އަޅުގަނޑުމެން ބޮޑެތި ފިލާވަޅު ދަސްކުރަންޖެހޭ ވަގުތެއް އާންމުންނަށް މިދޭ އިރުޝާދުތަކަށް ބޯ ނުލަބާކަން މީގެން މިއިގެނީ.
ޑރ. އިބްރާހީމް އަފްޒަލް

ދިވެހި ސަރުކާރާއި ސިއްހީ މާހިރުން އަބަދުމެ ދައްކަމުންދާ ވާހަކަތަކަކީ މީހުންތެރެއަށް އެއްވެ ނޫޅުމަށެވެ. މަގުތައް މަތީ ދުއްވާލަން ނުނިކުތުމަށެވެ. ގައިދުރުކަން އިޙްތިޔާރު ކުރުމަށެވެ. ނަމަވެސް ފެންނަމުން މިދަނީ ދިމާ އިދިކޮޅެވެ. ސަރުކާރުން ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނެކަމުގެ ޔަގީންކަން ދިނުމާއެކީ ފެނުނީ ފިހާރަތައް ތޮއްޖައްސާލި މަންޒަރެވެ. ހީވީ ކާބޯ ތަކެތީގެ ކާރިޘާއެކޭ ސަރުކާރަށް ބުނެވުނުހެންނެވެ.

ގެއިން ބޭރަށް ނުނިކުންނަން ބުނުމުން ފެނުނީ ދުއްވާ އުޅަނދުފަހަރުން މުޅި މާލެ ހަލަބޮލި ކޮށްލި މަންޒަރެވެ. ގައިދުރުކަން އިޙްތިޔާރު ކުރުމަށް އެދުމުން ފެނުނީ ގިނަ އަދަދެއްގެ މީހުން މަސްހުނިވެ ކަންކަންމަތީ ކޮފީ ބޯންތިބި މަންޒަރެވެ. އެދުވަހު އަޅުގަނޑުމެން އެވާހަކަތައް އަޑުނޭހުމުން މިއަދު މިވަނީ މިކަމުގެ ހިތި ފެނިފައެވެ.

މާލެސިޓީ ކުރިއަށް އޮތް 14 ދުވަހު ޕީކަށްދާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވޭ

މިއަދު މިވަނީ މި ފުރަމާލޭގައި ދިރިއުޅޭ އެތަކެއް ބަޔަކު ބިރުވެރިކަމެއް ގައެވެ. ބުނާބަސްނޭހުނީތީއެވެ. މާލެ އިން ފެނުނު ޖުމްލަ ކޭސްގެ އަދަދުތައް މިދަނީ އިތުރުވަމުންނެވެ. މާދަމާ ކިހާވަރެއްބާއެވެ؟

މާލެސިޓީގައި ދިރިއުޅޭ ކޮންމެ މީހެއްގެ ގައިގައިވެސް ވައިރަސް ހުރެދާނެ ކަމަށް ބަލައިގެން އުޅުމަށް ކޮވިޑް-19ގެ ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެފައިވެއެވެ. އަދިވެސް މިކަންކަމާ މެދު ވިސްނާކަށް ނުވޭހެއްޔެވެ؟ ނޫނީ ތިބާގެ އާއިލާ މިކަމުން ސަލާމަތް ކުރާނީތޯއެވެ؟ މިދަތި އުނދަގޫ ހާލަތުގައި ކެއްތެރިވާށެވެ. މިންވަރަށް ޝުކުރުކުރާށެވެ. އެހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. މާތްﷲ ގެ އިރާދަފުޅުން މި ބަލިމަޑުކަމުން އަރައިގަނެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
75%
0%
0%
0%
0%
25%
ކޮމެންޓް
17 އޭޕްރިލް 2020 | ހުކުރު 19:28
ތޯޙާ
އެއްޗެކޭ ބުނާއިރަށް ބުނާނެ ޕޮޒިޓިވް ވި އަންހެން މީހާ އަކީ ވ ކިއުޓް މީހެކޭ. އެހެން ނުކިޔާށޭ މިހެން ނުކިޔާށޭ. ހުރިހާ އެއްޗެއް ވެސް ކިޔޭނެ. މި ބިރުވެރި ކަމުގެ ތެރޭގައި ވެސް ބެލީ މަޖާ ނެގޭތޯ. 207 މީހުން ނާ ކޮންޓެކްޓް ވީމަ ދެން ކިޔާނެ ކަމެއް ނެތް މަ އޮތީ ގޭ ކޮޓަރީގައޭ. މީގެ ހިތި މި ފެންނަނީ ހުރިހާ ދިވެހަންނަށް.