ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 08:37
ބްރޮންޒް ގެ އެމަރޖެންސީގައި ބަލިމީހުންނަށް ފަރުވާދެނީ
ބްރޮންޒް ގެ އެމަރޖެންސީގައި ބަލިމީހުންނަށް ފަރުވާދެނީ
ނިއުޔޯކް ޓައިމްސް
ކޮވިޑް-19
ކޮވިޑް-19: ނިއުޔޯކްގެ އެންމެ ޙާލަތު ގޯސް 2 ހޮސްޕިޓަލުން ފެންނަނީ މަރުގެ ބިރުވެރިކަން !
 
ކޮންމެ 5 މީހުންގެ ތެރެއިން 4 މީހުންނަކީ ގިނަފަހަރު ޑޮކްޓަރުން އުއްމީދު ކަނޑާލަން ޖެހޭ މީހުން
 
ވެންޓިލޭޓަރާއި، ހައިޑްރޮކްސީކްލޮރޯކުއިން ފަދަ ބޭސް ބޭނުން ކުރޭ
 
ނިއުޔޯކްގެ ހޮސްޕިޓަލުތަކުގައި އެތައް ބަލިމީހުންނަކަށް ފަރުވާދެމުންދޭ

ބިރުވެރިކަމާއި، ހިިތްނުތަނަވަސްކަން މުޅި މާޙައުލުގައި ވަނީ ފެތުރިފައެވެ. އެމެރިކާގައި ކޮވިޑް-19 ގެ ބިރުވެރިކަން އެންމެ ނުރައްކާ ފައްތަރެއްގައި އޮތް ނިއުޔޯކްގެ ބްރޮންޒް ޖެކް ޑި ވެއިލަރ ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާޓުމަންޓުގެ އެތެރެއިން ފެންނަނީ މަރުގެ ބިރުވެރިކަމެވެ. ވާރޑުތައް ފުރެމުންދަނީ އިންތިހާ ބިރުވެރިކަމުގައި ފުރާނަ އަތް މައްޗަށް ލައިގެން ތިބި ބަލި މީހުންނާއި، ޙާލު ބޮޑުވެ، އަލުން ލޯބިވާ މީހުންނާއި ބައްދަލުވާނެ ކަމުގެ އުއްމީދު ފަނޑުވެފައިވާ ބަލި މީހުންނާއެކުއެވެ.

އެތަނަށް ޢާއިލާ މީހުން ދިއުން މަނާކޮށްފައިވާއިރުވެސް މުޅި ހޮސްޕިޓަލު އޮތީ ފުރިބާރުވެފައެވެ. އެމަރޖެންސީގައި 81 ބަލިމީހުން ތިބިއިރު، އެއިން ކޮންމެ މީހަކީވެސް ދެންމެ ދެންމެ ފުރާނަ ގޮސްދާނެކަމަށް ޑޮކްޓަރުންނަށްވެސް ހީވެފައިވާ މީހުންނެވެ. ޖެހި ޖެހިގެން އެތުރިފައި ހުރި އެނދުތަކުގައި ތިބީ ހުސް އެފަދަ، ޙާލުބޮޑު ބަލި މީހުންނެވެ. ނުވިތާކަށް އަލަށް ވައްދާ ބަލި މީހުން ގޮނޑިތަކާއި ސްޓްރެޗަރތަކުގައި ތިބޭ މަންޒަރު ފެންނައިރު، މުޅި ތަނުންވެސް ފެންނަނީ ބިރުވެރިކަމާއި ހާސްކަމެވެ.

ޑޮކްޓަރުންނާއި ނަރުހުން ކޮޅުކޮޅުމައްޗަށް ދުވަމުންދާއިރު، އެންމެންވެސް ތިބެނީ މުޅި މީހާ ނިވާވާނެހެން ރައްކާތެރިކަމުގެ ގިއަރު ލައިގެންނެވެ. ޚުދު އެކަކު އަނެކަަކަށްވެސް މޫނު ނުފެންނަވަރަށް ފޮރުވައި ރައްކާތެރިވެގެންނެވެ. ޑޮކްޓަރުންވެސް ތިބީ ލޯ ކުރިމަތިން އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާ މަންޒަރު ބަލަން ގޮތް ހުސްވެފައެވެ. އެއްފަހަރާ އެތައް ބަޔަކު މަރުވާ މަންޒަރު ފެނި، ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އުމުރުން 29 އަހަރުގެ ނިކޯލް ޑެލް ވޭލް ބުނާ ގޮތުގައި އެންމެ ބޮޑު މާޔޫސްކަމެއް ގެނުވީ އޭނާ ފަރުވާދެމުން ގެންދިޔަ އުމުރުން 30 އަހަރުގެ އަންހެނެއްގެ ކޮއްކޮ މަރުވުމުން، އެހިތާމައާއި ހިތްދަތިކަން ލޮލަށް ފެނުނު ވަގުތުއެވެ. އެވަގުތު އޭނާއަށްވެސް އޭނާގެ ކޮއްކޮއަށް ގުޅައި ގެއިން ބޭރަށް ނުނިކުމެ ހުރުމަށް ބުނެވުނީ ބޭއިޚުތިޔާރުގައެވެ. ޑރ ނިކޯލް ބުނާ ގޮތުގައި ފަރުވާ ދީދީ ހުއްޓައި އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ދޫވެގެންދާއިރު އެމަންޒަރު ބަލަން ހިތްވަރު ކޮށްފައި ހުރި ނަމަވެސް ކޮންމެ ދުވަހަކުވެސް ގެއަށް ގޮސް އިންތިހާއަށް ރޮވެއެވެ.

މިއީ އެމެރިކާގެ ނިއުޔޯކްގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދިނުމުގައި އެންމެ ޙާލުބޮޑު އެއް ބަޔަކު ތިބި 2 ހޮސްޕިޓަލަށް ޒިޔާރަތްކުރި އެ ޤައުމުގެ ނޫސްވެރިއެއް ކަމަށްވާ ނިކޮލަސް ކްރިސްޓޮފްއަށް ފެނުނު މަންޒަރުތަކެވެ. އޭނާ ބުނާ ގޮތުގައި ކޮވިޑް-19 ގެ ޙާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ ހޮސްޕިޓަލުތަކުގެ މަންޒަރުތައް ބަލާލުމަށްވުރެ، އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމައިގެ ޒޯންތަކުގެ މަންޒަރުތައް ނަގާލުންވެސް އެތައް ގުނައެއް ފަސޭހައެވެ.

ނިކޮލަސް އިންޓަރވިއުކުރި ޑޮކްޓަރެއްކަމަށްވާ އުމުރުން 29 އަހަރުގެ ޗެލްސީ ޖިފޯޑް ބުނާ ގޮތުގައި އެންމެ ކަންބޮޑުވާ އެއް ކަމަކީ ޙާލުބޮޑު ބަލި މީހުން އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އޮތީ ކޮން ފަރުވާއެއްތޯ އެހުމުން، އެ ދަނޑިވަޅުގައި ދޭނެ ޖަވާބެއް ނެތި ބަސްހުއްޓިގެންދާ ކަމެވެ. އެއަށް ދޭނެ ސީދާ ޖަވާބެއް ޚުދު އޭނާއަށްވެސް ނޭނގޭ ކަމެވެ. އަދި ކޮންމެ ރެއަކުވެސް އޭނާގެ ފަރާތުން އޭނާގެ މައިންބަފައިންނާއި ޢާއިލާއަށް ވައިރަސް ވާޞިލުވެދާނެ ކަމުގެ ބިރުވެރިކަމުގައި ދިރިއުޅެމުންދާކަން ޗެލްސީ ފާހަގަކުރިއެވެ.

ޗެލްސީ ބުނާ ގޮތުގައި މަސައްކަތުން އެނބުރި އަންނައިރު ޕާކުތަކާއި މަގުތައް މަތީގައި ހޭލަމޭލައަށް އުޅޭ މީހުން ފެނުމުން އިންތިހާއަށް ރުޅި އަންނަނީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. އެމީހުންނަށްވެސް ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިންނަށް ކޮންމެ ދުވަހަކު މި ފެންނަ ހިތްދަތި މަންޒަރުތައް ފެންނަނަމަ ގެއިންވެސް ނުނިކުންނާނެ ކަމަށް ޗެލްސީ ބުނެއެވެ.

ނިއުޔޯކްގެ ހޮސްޕިޓަލުތަކުގައި އެތައް ބަލިމީހުންނަކަށް ފަރުވާދެމުންދާއިރު، ހޮސްޕިޓަލުތަކަށް ގެނެވޭ ކޮންމެ 5 މީހުންގެ ތެރެއިން 4 މީހުންނަކީ ގިނަފަހަރު ޑޮކްޓަރުން އުއްމީދު ކަނޑާލަން ޖެހޭ މީހުންނެވެ. އެހެންވުމާއެކު ޑޮކްޓަރުންވެސް ބަލި މީހުން ޢާއިލާއާ ގުޅުމުގެ ފުރުޞަތު ދެއެވެ. މިއީ ވާހަކަދެއްކޭނޭ އެންމެ ފަހު ފަހަރަށް ވެދާނެ ކަމުގެ ބިރާއެކުގައެވެ.

ބްރޮންޒް ގެ އެމަރޖެންސީގައި ބަލިމީހަކަށް ފަރުވާދެނީ

ޑޮކްޓަރުން ބުނާ ގޮތުގައި ބަލި މީހުންގެ ތެރެއިން "އިންޓިއުބޭޝަން" ( އަނގައިގެ ތެރެއަށް ހޮޅިއެއް ލައި، ނޭވާލާ ހޮޅި ސާފު ކުރުން) އަކީ އޭގެ ނުރައްކަލާއި ބިރުވެރިކަން އޮންނަ ކަމެކެވެ. އެގޮތުން އިންޓިއުބޭޓް ކުރާއިރު، ހޮޅީގެ ޒަރިއްޔާއިން ވައިރަސްވެސް ވައިގެ ތެރެއަށް ނުކުތުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން އިންޓިއުބޭޓް ކުރަން ޖެހެނީވެސް ވަކި ޚާއްޞަ ފިނިހޫނުމިނެއް ހުންނަ ކޮޓަރިއެއްގައި، ބަލި މީހާގެ ބޮލަށް ޕްލާސްޓިކް ފޮއްޓެއް ލައްވައި، އޭގެ ތެރެއިން ނަރުސް ކުއްޖާގެ އަތް ލައިގެންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިމީހާވެސް އެވަގުތު ބާއްވަނީ ދެއަތް އައްސައި، އައްސިކުރާ "ސެޑޭޓިވްސް" ދީފައެވެ.

އޭގެ އިތުރުން، ވެންޓިލޭޓަރާއި، ހައިޑްރޮކްސީކްލޮރޯކުއިން ފަދަ ބޭސް ބޭނުން ކުރުމުންވެސް، މީހުންގެ ފުރާނަ ސަލާމަތް ނުކުރެވިދަނީ އެ މިންވަރަށް ޙާލުބޮޑުވެގެންކަން ޑޮކްޓަރުން ފާހަގަކުރެއެވެ. އަދި މިފަދަ ބޭސްތަކުގެ އަސަރުވެސް ކުރަނީ ބަލި ބޮޑުވުމުގެ ކުރިން ފަރުވާދިނުމުން ކަމަށް ބައެއް ޑޮކްޓަރުން ފާހަގަކުރެއެވެ.

ނިކޮލަސް ބުނާ ގޮތުގައި މުޅި ހޮސްޕިޓަލުގެ ތެރެއިންވެސް އޭނާގެ ހިތަށް އެންމެ ބޮޑު ހަމަޖެހުމެއް ގެނުވީ ވެންޓިލޭޓަރާއި، ސީޓީ ސްކޭންއާއި، ބޭސް ބޭނުންކޮށްގެން ދޭ ފަރުވާ ފެނިގެންނެއް ނޫނެވެ. ނަމަވެސް ނަރުހުންނާއި ޞިއްޙީ އެހީތެރިން ބަލި މީހުންނާމެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަމަކީ މުޅި ހޮސްޕިޓަލުގެ ތެރެއިންވެސް ފެނުނު ހަމައެކަނި އުފާވެރި މަންޒަރު ކަމަށް އޭނާ ސިފަކުރިއެވެ. އަދި އެގޮތަށް ބަލިމީހުންނާމެދު ޚާއްޞަ ސަމާލުކަމެއް ދީގެން މި ދަނޑިވަޅުގައި ޢަމަލުކުރުމަށްވެސް އިސް ފަރާތްތަކުން ޑޮކްޓަރުންނާއި ނަރުހުންނަށް ލަފާދީފައިވާކަމަށް އެ ފަރާތްތަކާ ޙަވާލާދީ ނިކޮލަސް ރިޕޯޓުކޮށްފައިވެއެވެ.

ނިކޮލަސް ބުނާގޮތުގައި މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޫސްވެރިންގެ ބައްދަލުވުންތަކަށްވުރެ، ޞިއްޙީ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިރުޝާދުތައް އަޑުއަހައި އެއަށް ޢަމަލުކުރުން މާ ބުއްދިވެރިއެވެ. ކޮވިޑް-19 ގެ ހަޤީޤީ މަޢުލޫމާތު އެންމެ ބޮޑަށް އެނގި، ލޮލުން ދެކޭނެ އެއްބަޔަކީ އެއީއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
7%
9%
83%
0%
0%
2%
ކޮމެންޓް