ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 23:28
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ރައީސް އޮފީސް
ކޮވިޑް-19
ކޭސްއެއް ނުފެނި ދުވަސްކޮޅެއްވި ނަމަވެސް މިއީކަން ފަސޭހަ ކޮށްލަންވީ ވަގުތެއް ނޫން: މިނިސްޓަރު އަމީން
 
ކޮވިޑް-19 އަލާމާތެއް ފެންނަނަމަ ހިއްސާކުރަންޖެހޭ
 
މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކޭސްއެއް ރާއްޖެއިން ނުފެންނަތާ ދުވަސްކޮޅެއްވި ނަމަވެސް މިއީ ކަން ފަސޭހަކޮށްލަންވީ ވަގުތެއް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ނުފެންނަތާ ދުވަސްކޮޅެއްވުމަކީ ނުވަތަ ޝައްކުކުރެވޭ މީހުންގެ އަދަދު މަދުވުމަކީ ކަން ފަސޭހަކޮށްލަންވީ ވަގުތު ނޫން ކަމަށާއި، މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި މި މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރިސޯޓުތަކުން ވެސް ތެދު މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި ބައެއްފަހަރު ހުމާއި ރޯގާގެ ކޭސްތައް ފެނުމުން ކަން ފަސޭހަކޮށްލާ ނުވަތަ މައުލޫމާތު ހިއްސާކުރުމަށް ޖެހިލުންވާ ވަގުތު އަންނަ ކަމަށެވެ.

މީގަ ވަކިން ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ 14 ދުވަސް ހަމަވެގެން މީހުން މުޖުތަމައުއަށްދާއިރު 14 ދުވަހުގެ ތެރޭގައި ވެސް އެއްވެސް އާލާމާތެއް ފެންނަކަމުގައިވާނަމަ އެކަން ސިއްރު ނުކުރުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް. ސިއްރު އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި 14 ދުވަސް ވާން ކައިރިވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާއިރު ބައެއް ފަހަރު މައުލޫމާތު ހުންނަ މީހުންގެ މައުލޫމާތު މިހާތަނަށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށް ނުދީ ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

މިނިސްޓަރު އަމީން ވިދާޅުވީ އެމީހެއްގެ ގައިގައި ކޮވިޑް-19 އަލާމާތެއް ހުރި ނަމަވެސް ރިސޯޓެއްގައި ތިބި މުއައްޒަފުން 14 ދުވަހަށްވުރެ ގިނަ ދުވަހު ތިބެންޖެހިދާނެ ކަމަށްޓަކައި އެ މައުލޫމާތުތައް ސިއްރު ކޮށްފިކަމަށްވާނަމަ އެއީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދިއުން ކަމަށެވެ. އެހެންކަމުން މައުލޫމާތު ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މާލެ ސިޓީގެ ކާފިއު އުވާލާފައިވާތީ އެކަމާ ބެހޭ ގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ކާފިއު އުވާލުމަށް ނިންމީ މަޝްވަރާތައް ކުރުމަށްފަހު އެ ލުއި ދިނުމަށް ފެނުމުން ކަމަށެވެ. އަދި އެގޮތަށް ނިންމުމުގައި މިވަގުތު ހާލަތަށް ރިޔާއަތްކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރު ވަނީ ކާފިއު ކުރިއަށްގެންދިޔައިރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް