ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 19:01
ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް
ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް
ގެޓީ އިމޭޖަސް
އޮލިވިއޭ ޖިރޫޑް
ޖިރޫޑްގެ އެއްބަސްވުން އާކުރަން ޗެލްސީން މަސައްކަތް ކުރަނީ
 
ޖިރޫޑް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިންޓަ މިލާނުން
 
މި ސީޒަން ނިމުމުން ޖިރޫޑްގެ އެއްބަސްވުން ހަމަވާނެ

ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑްގެ އެއްބަސްވުން އާކުރަން ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޗެލްސީއާއެކު ޖިރޫޑް މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޖިރޫޑް ވަނީ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައެވެ.

އެކަން ކާމިޔާބުވާގޮތް ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް ޖިރޫޑް ހޯދުމަށް އިންޓައިން މަސައްކަތް ކުރާނެ އެވެ. އެގޮތުން ޗެލްސީއާއެކު ޖިރޫޑް ހަދާފައިވާ އެއްބަސްވުން ހޫނު މޫސުމަށް ހަމަވާނެތީ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ޖިރޫޑް ހޯދުމަށް އިންޓައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެއާއެކު ޗެލްސީން މިހާރު ވަނީ ޖިރޫޑްގެ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެކުރިން މީޑިއާއާ ވާހަކަދައްކަމުން ޖިރޫޑް ވަނީ އޭނާ ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޖިރޫޑް ހޯދުމަށް އިންޓަގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް އާއި ލާޒިއޯ އިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާސެނަލްއިން ވިދާލި ޖިރޫޑް ވަނީ އެ ކްލަބާއެކު އޭނާ ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ޗެލްސީއަށް ބަދަލުވެ، އެ ކްލަބާއެކު އެފްއޭ ކަޕާއި ޔޫރަޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 76 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ.

އަދި ފްރާންސާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 97 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް