ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 17:09
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
އަންނަ ހަފުތާގައިވެސް ސްކޫލުތަކާއި ތަޢުލީމު ފޯރުކޮށްދޭ އެންމެހާ ތަންތަން ބަންދު
 
މިހާރު ސްކޫލުތައް ބަންދުކުރި ފަހުން 4 ހަފުތާ ފާއިތުވެއްޖެ

އަންނަ ހަފުތާގައިވެސް ތަޢުލީމު ފޯރުކޮށްދޭ އެންމެހާ ތަންތަން ބަންދު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ސްކޫލުތަކާއި ތަޢުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ގޭގައި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކުލާސްތަކާއި އެހެނިހެން ތަޢުލީމު ދޭ ކުލާސްތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ސުކޫލުތަކުގެ ފުރަތަމަ ޓާމްގެ މިޑްޓާމް ހޮލިޑޭ ފެށުނީ މާރޗު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި 15 މާރޗުގައި އަލުން ސްކޫލްތައް ހުޅުވޭގޮތަށް މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ހަމަޖައްސާފައިވީ ނަމަވެސް ސަރުކާރުން ވަނީ ސްކޫލުތައް ބަންދުކޮށްފައެވެ. މިހާރު ސްކޫލުތައް ބަންދުކުރި ފަހުން 4 ހަފުތާ ފާއިތުވެ ގޮސްފައިވާއިރު އެ ކުދިންނަށް ސަރުކާރުން ދަނީ އޮންލައިންކޮށް ކްލާސްތައް ނަގައިދެމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން މިގޮތަށް ނިންމީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ވައިރަސް އިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް