ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 15:19
އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް
އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް
ގެޓީ އިމޭޖަސް
ކޮވިޑް-19
ކުޅުންތެރިންގެ މުސާރަ ކުޑަނުކުރަން އޮޒިލްގެ އޭޖެންޓް ގޮވާލައިފި
 
ސައުތެމްޓަނުން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމާފައި
 
ޕްރިމިއާ ލީގު ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އަންނަނީ މަސައްކަތްކުރަމުން

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް އެއްބަސްނުވުމަށް އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލްގެ އޭޖެންޓް ގޮވާލައިފި އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކްލަބުތަކުން އަންނަނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރަން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ޕްރިމިއާ ލީގުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމާފައިވަނީ ސައުތެމްޓަނުން އެކަންޏެވެ.

މީގެ ކުރިން ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ދެކޮޅު ހަދާފައެވެ. އެ ޔޫނިއަނުން ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމުން، ކްލަބުތަކަށް ޖުމްލަ 500 މިލިއަން ޔޫރޯ އެއްކުރެވޭ ކަމަށެވެ. އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 200 މިލިއަން ޔޫރޯ މަދުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ބައެއް ކްލަބުތަކުން ނާޖައިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮޒިލްގެ އޭޖެންޓް ބުނީ މި ދަނޑިވަޅުގައި ކުޅުންތެރިންގެ މުސާރަ ކުޑަކުރުމުގެ ބަދަލުގައި ކުޅުންތެރިންގެ މުސާރައިން ވަކި އިންސައްތައެއް، ނެޝަނަލް ހެލްތު ސާވިސަސްއަށް ހަދިޔާ ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި ކްލަބުތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކުޅުންތެރިންގެ މުސާރަ މިވަގުތު ނުދީ، ފަހުން ދޭ ގޮތަށްވެސް ބަދަލު ގެނެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ވޭން ރޫނީ އާއި ގެރީ ނެވިލާވެސް ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަނުކުރަން ގޮވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ވަނީ އެ ކްލަބުތަކުގެ މުވައްޒަފުން ނޯޕޭ ލީވްއަށްވެސް ފޮނުވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް