ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 15:07
ސައުތެމްޓަނުގެ ކުޅުންތެރިން
ސައުތެމްޓަނުގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ސައުތެމްޓަނުން ނިންމައިފި
 
މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރި ފުރަތަމަ ފަހަރު

މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، ކުޅުންތެރިންގެ މުސާރަ ކުޑަކުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައުތެމްޓަނުން ނިންމައިފި އެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ސައުތެމްޓަނުން ނިންމިއިރު، މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ގިނަ ކްލަބުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް، ގިނަ ބަޔަކު އަންނަނީ އެގޮތަށް އަމަލުނުކުރަން ގޮވާލަމުންނެވެ. އެގޮތުން ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިންވެސް ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

އެކަމަކު ބުރާސްފަތި ދުވަހު ސައުތެމްޓަނުން ވަނީ އެޓީމުގެ ކުޅުންތެރިންގެ މުސާރައިން ބައެއް ކުޑަކުރަން ނިންމާފައެވެ. އެޓީމުގެ ކުޅުންތެރިންގެ އިތުރަށް ޓީމުގެ ކޯޗާއި އޮފިޝަލުންގެ އިތުރުން ބޯޑް މެމްބަރުންގެވެސް މުސާރަ ޖޫން މަހުގެ ނިޔަލަށް ކުޑަކުރަން ސައުތެމްޓަނުން ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ. ސައުތެމްޓަނުން ބުނީ އެ ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރި ނަމަވެސް، މުވައްޒަފުން ނޯޕޭއަށް ނުފޮނުވާނެ ކަމަށާއި، މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގިގެ ބައެއް ކްލަބުތަކުން ވަނީ އެ ކްލަބުގެ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް