ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 07:37
ހަސަން ލަތީފު- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ
ހަސަން ލަތީފު- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ
ޝުއައިބް މުހައްމަދު އިގްބާލް
ކައުންސިލް އިންތިޚާބު
ކައުންސިލްތަކަށް އަންނަ ޤާނޫނީ ހުސްކަން ފިލުވުމަށް ހުށަހެޅި ބިލު، ޤާނޫނު އަސާސީއާ ޚިލާފެއް ނޫން: ހަސަން ލަތީފު
 
މިޙާލަތަކީ ޤާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނޫންކަމަށާއި މިއީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށް ހަސަން ލަތީފު ވިދާޅުވި
 
މިހާރު ޤާނޫނު އަސާސީ ބުނާގޮތުން ކައުންސިލްތަކުގެ މުއްދަތަކީ 3 އަހަރު

މިހާރު ހިނގަމުންދާ ކައުންސިލްތަކަށް އަންނަ ޤާނޫނީ ހުސްކަން ފިލުވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރ ޙަސަން ލަޠީފު ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު ޤާނޫނީ އަސާސީގެ ރޫޙާ ޚިލާފުނޫންކަމަށް ބިލު ހުށަހެޅުއްވި މެންބަރ ވިދާޅުވެއްޖެއެވެ.

އެބިލާއި ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ޙަސަން ލަޠީފު ވިދާޅުވީ މި ބިލު ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބައެއް ބޭފުޅުން ވާހަކަ ދެއްކެވިނަމަވެސް އެކަމާ އެއްބަސްވެ ވަޑައިނުގަންނަވާ ކަމަށެވެ. އެކަމުގެ އެންމެ މުހިއްމު ސަބަބެއްކަމަށް ޙަސަން ލަޠީފު ވިދާޅުވަނީ މިބިލުން ވުޖޫދު ކުރަން ބޭނުންވާ މިޙާލަތަކީ ޤާނޫނުއަސާސީ ތަޞައްވަރުކޮށްފައިވާ ޙާލަތެއް ނޫން ކަމުގައިވުމެވެ. އެއީ، މިއަދު ދިމާވެފައިވާ މިޙާލަތަކީ ޤާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނޫންކަމަށާއި މިއީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށް ޤާނޫނީ ވަކީލުކަންވެސް ކުރައްވާފައިވާ ޙަސަން ލަޠީފު ވިދާޅުވިއެވެ.

މިކަން މިހެން އޮތްއިރު، ޤާނޫނުއަސާސީ ތަސައްވަރު ކޮށްފައި އޮތީ، ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން ލޯކަން ކައުންސިލްގެ އިންތިޚާބު ބާއްވަންޖެހޭ ކަމުގެ ތަސައްވުރު. އެހެންވީމާ، އަޅުގަނޑު ހުށަހެޅި ބިލުގައިވާ ކަންކަމަކީ، ޙަޤީޤަތުގައި ޤާނޫނުއަސާސީގައި އެ ކަންކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިވާ ކަންކަމެއް ނޫން. އެހެންވީމާ، ދިމާވެފައިވާ މިމައްސަލައަށް ޙައްލެއް ހޯދުމަށް ޤާނޫނެއް އެކުލަވާލުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމަކަށް ނުވަނީ.
ހަސަން ލަތީފު / ހެންވޭރު ހުޅަނގު ދާއިރާ

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ފަސްކޮށްފަ އެވެ. މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ 3 ވަނަ ދުވަހަށެވެ. މިހާރު ޤާނޫނު އަސާސީ ބުނާގޮތުންނަމަ، ކައުންސިލްތަކުގެ މުއްދަތަކީ 3 އަހަރެވެ.

ޙަސަން ލަޠީފު ހުށަހެޅުއްވި ބިލުގައިވާގޮތުން ޤާނޫނުއަސާސީއާއި، ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތީން ލޯކަލް ކައުންސިލްތައް އިންތިޚާބުކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު، ޤާނޫނު ލާޒިމުކުރާ މުއްދަތުގެ ތެރޭގައި ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވުމަކީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލަށް ޢަމަލުކުރުން އިސްތިސްނާ ވާނޭކަމެއް ނޫންކަމަށެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ކައުންސިލްތަކަކީ 3 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކަކަށް ވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވެ، އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވެދާނެ ޙާލަތެއްގައި ޢަމަލުކުރާނޭ ގޮތެއް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަން ބިލުގައި ފާހަގަކޮށްފައިވެއެވެ.

ޙަސަން ލަޠީފު ވިދާޅުވީ މިހާރު ތިބި ކައުންސިލަރުން އިންތިޚާބުކޮށްފައި ވަނީ ޤާނޫނުއަސާސީން ކަނޑައަޅާފައިވާ 3 އަހަރުގެ މުއްދަތަށް ވާއިރު އެމުއްދަތު ޤާނޫނަކުން އިތުރުކުރާނީ ކިހިނެއްތޯ ސުވާލުއުފައްދާ ކަމަށެވެ. އެސުވާލުގެ ޖަވާބަކަށް ޙަސަން ލަޠީފު ވިދާޅުވީ އެއީ، ޤާނޫނުއަސާސީގެ އެއް މާއްދާ ކަމަށާއި ޤާނޫނުއަސާސީގެ އެހެން މާއްދާތަކުގައި އެހެން ވާހަކަތައްވެސް އެބަހުރިކަމަށެވެ.

މިސާލަކަށް، ޤާނޫނުއަސާސީގައި އެބަ އޮވޭ އިދާރީ ދާއިރާތައް ހިންގަންވާނީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކެއް މެދުވެރިކޮށް ކަމަށް ވެސް. އެހެންވީމާ، މިކަންކަމުގައި ގޮތް ނިންމާއިރު މިހުރިހާ ކަމަކަށްވެސް ބަލައިގެން މަޖިލީހުން ކަންކަން ނިންމަންވާނީ. އަދި މިހުރިހާ ކަމަކަށްވުރެ މުހިއްމު ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވެނީ، ޤާނޫނުއަސާސީ އަށް ބަދަލު ގެންނައިރު، ބަލަންޖެހޭ އެހެން ކަންކަންވެސް ހުންނާނެކަން. އެއީ، ރައްޔިތުންގެ މަޖިލީހުން ކުރާކަންކަމަކީ، ސީދާ ރައްޔިތުންގެ ފަރާތުން ކުރާކަންކަން. އަޅުގަނޑުމެން އިންތިޚާބުކޮށްފައި ތިބި ރައްޔިތުންނާ އަޅުގަނޑުމެންނާ ބައްދަލުވެ މަޝްވަރާ ކުރެވޭނޭ ގޮތްތަކެއް އު ޞޫލެއްގެ ގޮތުން މިވަގުތު އޮތްކަމަކަށް ނުދެންނެވޭނޭ. މިފަދަ ޙާލަތެއްގައި އެންމެ މައި ޤާނޫނު އެއީ ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ އެއްގޮތަކަށްވެސް ކުރަން ރަނގަޅު ކަމެއް ނޫން.
ހަސަން ލަތީފު / ހެންވޭރު ހުޅަނގު ދާއިރާ

ޙަސަން ލަޠީފު ވިދާޅުވީ ޤާނޫނުއަސާސީގެ މާއްދާތައްކަށް އެކަނި ބެލުމުން މިޙާލަތުގައިވެސް ޤާނޫނުއަސާސީ ބަދަލު ނުކުރެއްވޭނޭ ކަމަކަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އެހެންނަމަވެސް މިޙާލަތުގައި ޤާނޫނުއަސާސީ ބަދަލު ކުރުން އެއީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމަކަށްވުމުން ޤާނޫނަކުން އެ ބަދަލުތައް ގެނައުމަށް މިބިލު ހުށަހެޅުއްވީ ކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު މިއޮތް ކައުންސިލްތައް ދިގުދައްމާލުމާއި މެދުގައި އެމްޑީޕީގެ ޕީޖީގެ ތެރޭގައި ތަފާތު ޚިޔާލުތަކެއް އުޅޭކަަމަށް ޙަސަން ލަޠީފު ވިދާޅުވި އެވެ. އެގޮތުން ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޫން މަހުގެ 3 ވަނަ ދުވަހާ ހަމައަށް އައުމުން މިކައުންސިލްތައް އުވި އަލަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަނުކުރާ ވިސްނުމެއްވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި އެބައޮތް ކަަމަށާއި މިކަންކަމަށް ކުރިޔަށް އޮތްތަނުގައި ޙައްލެއް ލިބިގެންދާނެކަމަށް ޙަސަން ލަޠީފު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް