ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 23:33
ޓީބީ ބަލިން ދިފާއުވުމަށް ދޭ ބީސީޖީ ވެކްސިން
ޓީބީ ބަލިން ދިފާއުވުމަށް ދޭ ބީސީޖީ ވެކްސިން
އައިސްޓޮކް
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 ގެ ދިފާއު ޓީބީ ވެކްސިނުން ލިބިދާނެ ކަމުގެ އުއްމީދު!
 
ބީސީޖީ ވެކްސިނުން ކޮވިޑް-19 އިން ދިފާއު ވެވޭތޯ ބެލުމަށް ކްލިނިކަލް ޓްރަޔަލްސް ދަނީ ހަދަމުން

ޓީބީ ބަލިން ދިފާއުވުމަށް ދެމުން އަންނަ ބީސީޖީ ވެކްސިނުން ކޮވިޑް-19 ބަލިން ދިފާއު ވުމުގެ ފަރުވާ ހޯދިދާނެ ކަމުގެ އުއްމީދު ބޮޑު ކަން ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ސައިންސްވެރިން ގެ ދިރާސާ އަކުން ހާމަވެއްޖެއެވެ.

އެހެން ކަމަށް ވެއްޖެނަމަ، ކޮވިޑް-19 އަށް ވެކްސިން ހޯދަން 18 މަހުގެ ދިގު އިންތިޒާރެއް ކުރާން ނުޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަން މިހެން އޮތް ނަމަވެސް ބީސީޖީ ވެކްސިނުން ކޮވިޑް-19 ބަލި ޖައްސާ ނޮވެލް ކޮރޯނާވައިރަސް އިން ދިފާއު ވެވިދާނެ ކަމުގެ ހެކިތައް އަދި ފެންނަން އޮތީ ތަފާސް ހިސާބުން ކަމަށް ވުމާއެކު، މިކަން ސާބިތު ކުރުމަށް ކްލިނިކަލް ޓްރަޔަލްސް ކުރިއަށް ގެންދަން ޖެހޭނެއެވެ.

އީޖާދު ކުރިތާ ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ ބީސީޖީ ވެކްސިން އިން ކޮވިޑް-19 އިން ދިފާއު ވެވިދާނެތޯ ބެލުމަށް ދިރާސާ ކުރުމަށް ސައިންސްވެރިން ޝައުގުވެރިވީ، އެ ވެކްސިނަކީ އާއްމުކޮށް ޓީބީން ރައްކާތެރި ވުމަށް ދޭ ވެކްސިން އަކަށް ވުމުގެ އިތުރުން، އެހެން އެތައް ސިއްހީ ފައިދާތަކެއް އެ ވެކްސިންގައި އެކުލެވިގެންވާކަން ހާމަވެފައިވާތީއެވެ. މި ވެކްސިން އަކީ ހިމަ ބިއްސަށާއި، މެލޭރިއާ އާއި ބްލެޑަރގެ ކެންސަރަށްވެސް ދޭ ފަރުވާއެކެވެ.

މި ގޮތުން، ކޮވިޑް-19 ފެތުރެމުންދާ ގޮތައް ބަލާއިރު، ފުޅާ ދާއިރާއެއްގައި ބީސީޖީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގާފައިވާ ގައުމުތަކާއި އެނޫން ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށް ބަލާއިރު ބޮޑު ތަފާތެއް ފެންނަން ހުރި ކަމަށްވެސް ސައިންސްވެރިން ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން ބީސީޖީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފުޅާދާއިރާގައި ހިންގާފައިވާ ގައުމުތަކުގައި ކޮވިޑް-19 ފެތުރުން ފާހަގަ ކުރެވޭ މިންވަރަކަށް ކުޑަކަމަށްވެސް މިދިރާސާއިން ވަނީ ހާމަވެފައިވެއެވެ.

ދިރާސާގައި މައުލޫމާތު އެއްކޮށްފައިވާ 178 ގައުމުގެ ތެރެއިން 131 ގައުމުގައި ގައުމީ ފެންވަރުގައި ބީސީޖީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގާފައިވާއިރު، 21 ގައުމަކީ އެފަދަ ޕްރޮގްރާމެއް ހިންގާފައިވާ ގައުމުތަކެއް ނޫނެވެ. އަދި މީގެ ތެރޭގައި ހިމެނޭ 26 ގައުމުގައި ބީސީޖީ ޕްރޮގްރާމް ހިންގާފައިވާ ގޮތް ސާފުނުވާ ކަމަށް ބުނެފައިވެއެވެ. ދިރާސާ އިން އެނގޭ ގޮތުގައި އިޓަލީ، އެމެރިކާ އަދި ސްޕެއިން އަކީ ތަރައްގީވެފައިވާ ގައުމުތައް ކަމުގައި ވީ ނަމަވެސް، އެ ތަންތާގައި ގައުމީ ފެންވަރުގައި ބީސީޖީ ޕްރޮގްރާމް ހިންގާފައެއް ނެތެވެ. އަނެއްކޮޅުން ސްޕެއިންގެ އަވައްޓެރި ޕޯޗުގަލް ގައި ބީސީޖީ ޕްރޮގްރާމް ފުޅާ ދާއިރާއެއްގައި ވަނީ ހިންގާފައެވެ. މިއާ އެކު ކޮވިޑް-19 ބަލީގައި ޕޯޗުގަލް އިން މަރުވެފައިވާ ކަމަށް މިހާ ހިސާބަށް ރެކޯޑް ކުރެވިފައިވަނީ 209 މީހުންނެވެ. އިނގިރޭސިވިލާތުގައި ބަލީގައި މަރުވި މީހުންގެ އަދަދު އެތަކެއް ހާހަށް އަރާފައިވާ އިރު އެ ގައުމުގައި ބީސީޖީ ވެކްސިން ޕްރޮގްރާމް 2005 ވަނަ އަހަރުން ފެށިގެންވަނީ ހުއްޓާލާފައެވެ.

ދިރާސާގައި އެއްކުރި މައުލޫމާތުން ފެންނަ ގޮތުގައި، ބީސީޖީ ޕްރޮގްރާމް ހިންގާފައިވާ ގައުމުތަކުގައި، ދިރާސާގެ މުއްދަތުގެ ތެރޭގައި ކޮވިޑް-19 ޖެހިފައިވަނީ ކޮންމެ މިލިއަން މީހަކަށް 38.4 މީހުންނަށެވެ. އަނެއްކޮޅުން ބީސީޖީ ޕްރޮގްރާމް ނުހިންގާ ގައުމުތަކުގައި ކޮންމެ މިލިއަން މީހުންގެ ތެރެއިން 384.4 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. ބަލީގައި މީހުން މަރުވި ގޮތައް ބަލާއިރު، ބީސީޖީ ވެކްސިން ޕްރޮގްރާމް ހިންގާފައިވާ ގައުމުތަކުގައި ކޮންމެ މިލިއަން މީހަކަށް 4.28 މީހުން މަރުވެފައިވާ އިރު ބީސީޖީ ވެކްސިން ޕްރޮގްރާމް ނުހިންގާ ގައުމުތަކުގައި ކޮންމެ މިލިއަން މީހަކަށް ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 40 މީހުންނެވެ.

މީގެ މާނައަކީ ބީސީޖީ ވެކްސިނޭޝަން ޕްރޮގްރާމް ހިންގާފައިވާ ގައުމުތަކުގައި، ކޮވިޑް-19 ބަލި ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންގެ އަދަދު އެނޫން ގައުމުތަކާ އަޅާ ބަލާއިރު އެތައް ގުނައެއް ދަށެވެ.

އައު ބައްޔަކަށް މުޅިން އައު ވެކްސިނެއް ހޯދުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެކެވެ. އޭގެ ބަދަލުގައި މިހާރު ލިބެން ހުރި ވެކްސިނަކަށް ގެންނަންޖެހޭ ބަދަލު ތަކެއް ގެނައުން ވެގެންދަނީ މުޅިން އަލަށް ވެކްސިނެއް ތައްޔާރު ކުރުމަށްވުރެ މަގު ކުރުވާނެ ކަމަކަށެވެ.

މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި ކޮރޯނާވައިރަސް އިން ދިފާއު ވުމަށް ބީސީޖީ ވެކްސިން ބޭނުން ކުރެވިދާނެތޯ ބެލުމަށް މަދުވެގެން 7 ފަރާތަކުން ކްލިނިކަލް ޓްރަޔަލް މިހާރުވެސް އެބަ ކުރިއަށް ގެންދެއެވެ. އަޖުމަ ބެލުމުގެ މި މަސައްކަތް ކުރިއަށް ގެންދާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އަދި ނެދަރލޭންޑްސް ހިމެނެއެވެ.

ބީސީޖީ ވެކްސިން ބޭނުންކޮށްގެން ކޮރޯނާވައިރަސް އަށް ދިފާއެއް ހޯދިއްޖެނަމަ ކުރިން ލަފާ ކޮށްފައިވާ ވަރަށް ވުރެ އަވަހަށް ދުނިޔެ މިކަމުން މިންޖުވާނެ ކަމުގެ އުއްމީދު ކިތަންމެހާވެސް ބޮޑެވެ.

ކޮވިޑް-19 އާއި ބީސީޖީ ވެކްސިން އާ ހުރި ގުޅުން ހާމަ ކޮށްދޭ މި ދިރާސާmedRxivގައި ވަނީ ޝާއިއު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
10%
83%
0%
2%
0%
5%
ކޮމެންޓް
9 އޭޕްރިލް 2020 | ބުރާސްފަތި 07:02
ޠޫނާ
ޑަބްލިއުއެޗްއޯގެ މި ވިސްނުމާ ދެކޮޅު. މިބަލި ފެތުރިގެން އައިއިރު ބުނީ އެބޯލާ ސާސް އަދި މާސް އަށްވުރެ ޑޭންޖަރ ކުޑަކަމަށް އަދި ފިގާސްތައްވެސް ދެއްކި. ޢޭރުވެސް މަގޭ ހިތަށްއެރި މިހިސާބު ޖަހަން މާއަވަސްކަމަށް. މިހާރު ވެކްސިން ޓްރަޔަލް ނުނިމެނީސް މިއޮތީ އަނެއްކާ ހިސާބުޖަހައިގެން ފާލެއްހަދާ ފަ.