ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 18:50
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
ކޮވިޑް-19
އިނގިރޭސި ބޮޑުވަޒީރު ބޮރިސްގެ ޙާލުކޮޅު ރަނގަޅު: ތަރުޖަމާނު
 
ބޮރިސް ގެންދަވަނީ އިންޓެންސިވް ކެއަރ ޔުނިޓުގައި އަދިވެސް ފަރުވާ ހޯއްދަވަމުން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޙާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ބޮރިސް ޖޯންސަންގެ ތަރުޖަމާނު ވިދާޅުވީ، އެމަނިކުފާނު އަދިވެސް ލަންޑަންގެ ސެން ތޯމަސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޙާލަތު ރަނގަޅުކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ބޮރިސްގެ ޞިއްޙީ ހާލުކޮޅުގެ މާބޮޑު ތަފުޞީލެއް ނުދެއްވިނަމަވެސް، ތަރުޖަމާނު ވިދާޅުވެފައިވަނީ އިންޓެންސިވް ކެއަރ ޔުނިޓުގައި އަދިވެސް ފަރުވާ ހޯއްދަވަމުން ގެންދަވާނެކަމަށެވެ.

ބޮރިސް ޖޯންސަންގެ ބަލިޙާލުކޮޅާއި ބެހޭ އިތުރު ތަފުޞީލު ލިބެން ނެތްކަމުގައިވީނަމަވެސް، ބައިނަލްއަޤުވާމީ މީޑިއާތަކުން ދަނީ އެކި ގޮތްގޮތައް މިޚަބަރު ފަތުރަމުންނެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ބޮރިސް ޖޯންސަން ގެންދަވަނީ އޮކްސިޖެން ޓްރީޓްމެންޓެއް ނަންގަވަމުންނެވެ. އަދި މިޙާލަތުގައި އެމަނިކުފާނަށް މަޤާމުގެ މަސްއޫލިއްޔަތު އުފުއްލެވިދާނެކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ބޮރިސް ޖޯންސަން ފަރުވާ ހޯއްދަވަމުން ގެންދަވާތީ ކޮވިޑް-19 އާއި ގުޅޭ އެންމެހައި ކަންކަން ވިލަރެސް ކުރައްވަމުން ގެންދަވަނީ ފޮރިން ސެކްރެޓަރީ ޑޮމިނިކް ހާޕް ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެނދުމަތިކުރެއްވީ އާދީއްތަދުވަހުއެވެ. އަދި ޞިއްޙީ ޙާލުކޮޅު ދެރަވެ އައިސީޔޫއަށާް ބަދަލުކުރެއްވީ އަންގާރަ ދުވަހު އިނގިރޭސި ވިލާތުގެ ގަޑިން ރޭގަނޑު 7 ކެހި އިރުއެވެ.

100%
0%
0%
0%
0%
0%
ކޮމެންޓް