ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 20:57
ނުއުމާން (ކ) ކަސްޓަމްސްގެ ވެރިއެއްކަމުގައި ހަމަޖެއްސެވި ދުވަހު ރައީސް ސޯލިހު (ވ) ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ނުއުމާން (ކ) ކަސްޓަމްސްގެ ވެރިއެއްކަމުގައި ހަމަޖެއްސެވި ދުވަހު ރައީސް ސޯލިހު (ވ) ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ނުއުމާން
ނުއުމާން: އިންޓެގްރިޓީ ހިފަހެއްޓެވި ނަމޫނާ ދެއްކެވި ބޭފުޅެއް
 
ނުއުމާނަކީ އަބަދުވެސް ހިންގުންތެރި ބޭފުޅެއް
 
ނުއުމާން ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކުއްލި ގޮތަކަށް
 
ފެނަކަ ކުންފުނީގެ ފުރަތަމަ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި

ކުއްލިގޮތަކަށް އަންގާރަ ދުވަހުގެ ވަގުތެއްގައި އިވިގެން ދިޔައީ ކަސްޓަމްސްގެ ވެރިޔާ އަހުމަދު ނުއުމާން ނިޔާވި ހަބަރެވެ. މިއާއެކު ހުރިހާ އެންމެންނަށް ވެސް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. ޒުވާން އުމުރުގައި ނުއުމާން ވަކިވެގެން ދިއުމަކީ ލިބިގެން ދިޔަ ފުން ހިތާމައެއް އަދި ފޫ ނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ނުއުމާނަކީ މަޑުމައިތިވި އަދި ހިތްތިރި ހުރިހާ އެންމެންނާ ގުޅޭ ބޭފުޅެކެވެ. މުވައްޒަފުންނަށް އަޅާލުމާއި ހިންގުތެރިކަމާއި، ރަށްޓެހިންނަށް ވެސް އެހާ އޯގާތެރި ބޭފުޅެކެވެ. މިއީ ކުޑަ ގޮތަކަށް ނުއުމާންގެ ގާތް ބޭފުޅުންނާއި ނުއުމާންގެ ދަށުން މަސައްކަތް ކޮށްފައިވާ މުވައްޒަފުން ނުއުމާން ސިފަ ކުރައްވާ ގޮތެވެ.

11 ޑިސެމްބަރު 2018 ގައި ނުއުމާން ކަސްޓަމްސްގެ އިސްވެރިއަކަށް ހަމަޖައްސާފައި އެތަނުގެ ހިންގުމަށާއި މުވައްޒަފުންގެ އެކިއެކި ކަންކަން ވެސް ބަދަލު ކުރެއްވިއެވެ. ކަސްޓަމްސްގެ ހިންގުމަށާއި އޮނިގަނޑަށް ބަދަލުތައް ގެންނަވާ މުވައްޒަފުންނަށް އެކަށޭނެ މުސާރައާއި އިނާޔަތް ހަމަޖައްސަވައިދެއްވާ ކަސްޓަމްސް ކޮޅަށް ޖަހާ އާންމުންގެ އިތުބާރު ހިފާތަނަކަށް ހެއްދެވިއެވެ.

ނުއުމާންނ ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކުއްލި ގޮތަކަށެވެ. ނުއުމާން އިންޑިއާގައި ހުންނަވާތާ ހައެއްކަ މަސްދުވަސް ވެދާނެ ކަމަށް އެބޭފުޅާގެ ގާތް ރަށްޓެހިންނާއި ދަންނަ މީހުން ބުނެފައިވެއެވެ. މާބޮޑު ސިއްހީ މައްސަލައެއް މީގެ ކުރިން ކުރިމަތިވެވަޑައިގެންނެވި ކަމެއް އަދި އާލާސްކަންފުޅާ އުޅުއްވި ކަމެއް ވެސް އެއްވެސް މީހަކަށް މާބޮޑަކަށް ސާފެއް ނޫނެވެ.

ނުއުމާން ނިޔާވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނއުމާންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން އަވަހާރަވި ޚަބަރު އެހީ ހިތާމަޔާއެކު ކަމަށެވެ.

އަދި ނުޢުމާންއަކީ ތެދުވެރި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރުހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވާ ކަމަށް ރައީސްގެ ތައުޒިޔަގެ މެސެޖުގައި ވިދާޅުވިއެވެ.

އަދާކުރެއްވި ބައެއް މަގާމްތައް

ނުއުމާނަކީ އަބަދުވެސް ހިންގުންތެރި ބޭފުޅެކެވެ. ކޮންމެ ކަމެއް ހަވާލު ކުރެއްވިޔަސް އެކަމެއް އޮންނަ ގަވާއިދާއި އުސޫލުގެ މަތިން ނުއުމާން ކުރައްވާ ވާހަކަ ހުރިހާ ބޭފުޅުން ވެސް ފާހަގަ ކުރައްވައެވެ. ފެނަކަ ކުންފުނީގެ ފުރަތަމަ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވިއެވެ.

މީގެ އިތުރުން މިހާރު އޮތް ކޯލިޝަން ސަރުކަރުގައި ހިމެނޭ ކޯލިޝަން ޕާޓުނަރެއް ކަމަށްވާ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެއްގެ އިތުރުން އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސްއަކީ ވެސް ފަހު ދުވަހާ ޖެހެންދެން ނުއުމާނެވެ. ނުއުމާނަކީ މަޑުމައިތިރި، ހުރިހާ ފިކުރެއްގެ މީހުންނާ ވެސް ގާތްގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.

ނަމޫނާ ދެއްކި އިސް ލީޑަރެއް

އައްޑު ސިޓީ ހިތަދޫ ޖަނަވަރީމާގޭ ނުއުމާނަކީ ހަގު އުމުރުގައި މާލެ ބަދަލުވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މަތީ ތައުލީމް ހާސިލްކުރެއްވީ މެލޭޝިއާ އިންނެވެ. ކިޔަވައި ވިދާޅުވުމުގައި ނަމޫނާ ދައްކަވާ ސަރުކާރުގެ އެކި މަގާމްތަކުގައި ވެސް ނުއުމާން ވަނީ އޭނާގެ އިހްލާސްތެރިކަމާއި އަމާނާތްތެރިކަން ދައްކުވައިދީފައެވެ. ފެނަކަ ސްޓެލްކޯ އަދި ކަސްޓަމްސްގެ މުވައްޒަފުން ނުއުމާން ސިފަ ކުރައްވަނީ ގާނޫނާ ގަވާއިދު އަދި އުސޫލްތަކުގައި ހިފަހައްޓަވާ ހަރުދަނާ ވެރިއެއްގެ ގޮތުގައެވެ.

މިހާރުގެ ހޯމް މިނިސްޓަރު އަދި ނުއުމާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ނުއުމާން ސިފަ ކުރައްވަނީ ދިނާއި ގައުމު ދެކެ ލޯބިވާ ރައްޔިތުންނަށް އިހްލާސްތެރި އަދި ހިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ހުރި ގާބިލް ބޭފުޅެއްގެ ގޮތުގައެވެ. އަދި ވޭތުވެދިޔަ 10 އަހަރު ދުވަހު ނުއުމާނާއި އެންމެ ކައިރިން މަސައްކަތް ކުރެއްވި އެއް ބޭފުޅެއްގެ ހައިސިއްޔަތުން އިމްރާން ވިދާޅުވީ ނުއުމާނަކީ ގާބިލް އަދި މަސައްކަތް ކުރުމުގައި ހަރުދަނާ ފެނިވަޑައިގެންނެވި ކަމަށެވެ.

ގައުމަށް ވޭތުވެދިޔަ 10 ނުވަތަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިމާވި ހުރިހާ ދަތި ވަގުތުތަކުގައި ތެދުވެ ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވި. ނުއުމާނަކީ ޗެލެންޖިންގ ވަގުތުތަކުގައި ވަރަށް ހައްގު ގޮތުގައި ސާބިތުވެ ވަރަށް ކެތްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް. އިސްލާހީ ހަރަކާރުގެ މަސައްކަތުގައި ވަރަށް އިސް ސަފުގައި އަދާލަތު ޕާޓީގައި ވެސް މުޅި އިސްލާހީ މަސައްކަތުގައި ވެސް ނުކުމެ ނުއުމާން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި،
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި

ނުއުމާނަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ހައްގަށް ވަކަލާތު ކުރައްވާ ތެދުވެރިކަމާއެކު ހުރިހާ ކަމެއްގައި ވެސް ނަމޫނާ ދެއްކެވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލެވުނު ހިސާބުން ފެށިގެން މިހާރު މި އޮތް އިދިކޮޅު ކޯލިޝަންގެ އިސްލާހީ މަސައްކަތުގައި އެންމެ އިސް ސަފުގައި ނުއުމާން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

އެއިރު އިދިކޮޅު ލީޑަރުން ޖަލަށްލާ ރާއްޖޭގައި ކުރަމުންދިޔަ ވެރިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ މަސްރަހުގައި އަޑު އުފުލާ ބުރައް މަސައްކަތްތަކެއް ކުރެއްވިއެވެ. އަދާލާތު ޕާޓީގެ ލީޑަރު ނެތްތަނުގައި އަދާލަތު ޕާޓީ ކުރިއަށް ނެރުމުގައި ނުއުމާން ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރެއްވިއެވެ. އެއިރު އޮތް ފިއްތުންތަކާއެކު ވެސް ގޮންޖެހުންތަކާއި ކުރިމަތިލައްވާ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާ ނަމޫނާ ދެއްކެވިއެވެ.

އިސްލާހީ ހަރަކާރުގެ މަސައްކަތުގައި ވަރަށް އިސް ސަފުގައި އަދާލަތު ޕާޓީގައި ވެސް މުޅި އިސްލާހީ މަސައްކަތުގައި ވެސް ނުކުމެ ނުއުމާން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ.

ނުއުމާން (ކ) އަދި ރައީސް ސޯލިހު (ވ)

ހުރިހާ އެންމެންނާ ގުޅޭ އަދި ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅެއް

ނުއުމާންއޭ ވިދާޅުވުމުން ކޮންމެ މީހަކުވެސް ނުއުމާން ސިފަކުރައްވަނީ ނުދައްނަ މީހުންނާ ވެސް ގުޅޭ އަދި ވަކިން ހާއްސަކޮށް އޭނާ ގެންގުޅުއްވި މުވައްޒަފުންނާއި ރައްޓެހިންނާ ގުޅޭ އަދި ވަގުތު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ނުއުމާންގެ އެންމެ ފަހަގަ ކުރެވޭ ސިފައަކީ ގިނަ މީހުންނާއެކުގައި ގުޅިގެން ހުރިހާ އެންމެންގެ ވިސްނުންތަކާ އެކުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރުން ހަވާލު ކުރެއްވި މަސައްކަތްތަކަކީ ވެސް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެކެވެ.

އެ ޒިންމާތައް ހަރުދަނާގޮތުގައި އަދާ ކުރައްވާފައިވެއެވެ. ކަސްޓަމްސް ރިފޯމް ކުރުމުގެ ގިނަ މަސައްކަތްތަކެއް ވަރަށް ހަރުދަނާކަމާއެކު ކުރައްވާ ގިނަ ޕްރޮގްރާމްތަކެއް މުވައްޒަފުންނާއި ތަނުގެ އިސްވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރައްވާފައިވެއެވެ. މި ކަންކަމަށް ކަސްޓަމްސްގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން އެންމެ އިސް މުވައްޒަފުވެސް ހެކިވެއެވެ.

ގެއްލިގެން ދިޔައީ އަގުހުރި ދަރިއެއް

ނުއުމާން ވަކިވެގެން ދިއުން ގަބޫލުކުރަން އަދިވެސް ގިނަ ބަޔަކަށް ދައްޗެވެ. ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވި މި ހަބަރާއެކު ނުއުމާނަށް ތައުރީފްގެ ވާހަކައާއެކު މުޅި ސޯޝަލް މީޑިއާ ބަންޑުންކޮށްލިއެވެ. އެންމެ ގާތް ރަހުމަތްތެރިންނާއި އެކުގައި މަސައްކަތް ކުރެއްވި އެކި ބޭފުޅުން ނއުމާން ފަހަގަ ކުރައްވަނީ ގެއްލިގެން ދިޔަ އަގު ބޮޑު ދަރިއެއްގެ ގޮތުގައެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ނުއުމާނަކީ އިސްލާހީ މަސައްކަތުގައި އިޚްލާސްތެރިއެއް ކަމަށެވެ. އެންމެންނާ އެކުގައި ޖޯޝާއި ފޯރީގައި މަސައްކަތް ކުރެއްވި ކަމަށް ޝިފާޒު ފާހަގަ ކުރެއްވިއެވެ.

އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވި ގޮތުގައި ނުއުމާނަކީ އިސްލާހީ މަސައްކަތުގައި ނަމޫނާ ދެއްކެވި ހިތްވަރުގަދަ، ޚުލްގުހެޔޮ ބޭފުޅެކެވެ. އިސްލާހީ އެކި ބައްދަލުވުންތަކުގައި ދެ ބޭފުޅުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފޮޓޯތައް ވެސް ނާދިރާ ވަނީ ނުއުމާންގެ ހަނދާނުގައި ޓުވިޓާގައި އާއްމުކުރައްވާފައެވެ.

ނުއުމާން ވަކިވެގެން ދިއުމަކީ ހަގީގަތުގައި ވެސް ރާއްޖެއަށް ލިބުނު ހިތާމައެކެވެ. ވަކިން ހާއްސަކޮށް ސަރުކާރާއި، އަދާލަތު ޕާޓީގެ އިތުރުން އެކުގައި އިސްލާހަށް މަސައްކަތް ކުރެއްވި ބޭބޭފުޅުންނަށް ލިބިގެންދިޔަ ފޫ ނުބެއްދޭވަރުގެ ހިޔާމައެކެވެ.

ނުއުމާން މި ފަނާވެދެނިވި ދުނިޔެއާއި ވަކިވެގެން ދިޔައިރު އަނބިކަނބަލުންނާއި ދެ ފިރިހެން ދަރިކަލުން ދުނިޔޭގައި އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް