ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 16:48
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުުޕްރީމް ކޯޓު
ކޮވިޑް-19: ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދާނެ ހާއްސަ ގަވާއިދެއް އެކުލަވާލައިފި
 
ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހާ ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައެއް އަޑުއެހުންތައް މީގެކުރިން ބާއްވާފައިވޭ
 
ގަވާއިދުގައި 10 މާއްދާ ހިމެނޭ
 
މިގަވާއިދަށް މިއަދުން ފެށިގެން އަމަލު ކުރަންފެށޭނެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދެއް އެކުލަވާލައި، ބުދަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން ބުދަ ދުވަހު ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ "ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ގަވާއިދު"ގެ 6 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓަލާ ކަމަށެވެ.

އެގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ޖިނާޢީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދިއުމާގުޅޭ، ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، "ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދު"ގެ ނަމުގައި ޤަވާއިދެއް ހަދާފައިވާ ކަމަށެވެ. އަދި މި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ޤަވާއިދަަށް ޢަމަލުކުރަމުން ގެންދާގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް މި ސަރކިއުލަރގައި ވެއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި، މިޤަވާއިދުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާނެ ގޮތާގުޅޭ 10 މާއްދާ ހިމެނެއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިޙާލަތުގައި، ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ބައެއް އަޑުއެހުންތައް މީގެކުރިން ބާއްވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް މިހާރު ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވަމުންނެވެ. މިއީ ޤައުމެއްގެ ޤާނޫނުހަދާ މަޖިލީހެއް މިގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފުރަތަމަ މަޖިލީހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް