ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 16:13
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ބައެއް ކުޅުންތެރިން
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ބައެއް ކުޅުންތެރިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ގަވާއިދުތަކަށް ބޯލެނބުމަށް ޓޮޓެންހަމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިލްތިމާސްކޮށްފި
 
އެ ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ގަވާއިދުތަކާ ޙިލާފު އަމަލުތައް ވަނީ ފެނިފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބޯލެނބުމަށް ކުޅުންތެރިންނާއި އޮފިޝަލުންނަށް ޓޮޓެންހަމް ހޮޓްސްޕާސްއިން އިލްތިމާސްކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެ ގައުމުން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ކާބޯތަކެތި ގަތުމަށާއި ސިއްހީ ކަންކަމުގައި ބޭރަށް ދެވެނީ ދުވާލަކު އެއްފަހަރު އެވެ. އަދި ކަސްރަތު ކޮށްލުމަށް ބޭރަށް ދާއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުގެ ދަށުން ގައިގޯޅިވުންވެސް ވަނީ މަނާކޮށްފައެވެ.

އެކަމަކު ޓޮޓެންހަމްގެ ކުޅުންތެރިން ކަސްރަތުކުރުމަށް ނުކުމެ އުޅޭއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކާ ޚިލާފަށް ގައިގޯޅުވެ އުޅެމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޓަންގުއީ އެންޑޮމްބެލޭ ބޭރުގައި ކަސްރަތު ކުރަން އުޅުނުއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު ބުދަ ދުވަހުގެ ވަގުތެއްގައި ޓޮޓެންހަމުން ވަނީ ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކަށް ބޯލެނބުމަށް އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިލްތިމާސްކޮށްފައެވެ.

ގަވާއިދުތަކަށް ބޯލެނބުމަށް ޓޮޓެންހަމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިލްތިމާސްކުރިއިރު، މީގެ ކުރިން ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބޭއްވުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ވަނީ ނިންމާފައެވެ. އަދި ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީން ވަނީ އެޓީމުގެ މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އިންގްލެންޑުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް