ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 16:33
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލްތަކާ ގުޅޭ ތަފާތު ތިން ބިލެއް މަޖިލީހުގައި
 
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ގާނޫނީ ހުސްކަމެއްނެތި ކައުންސިލްތައް ހިނގަމުންދިއުން
 
"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020": އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން
 
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު: މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު އިތުރުކުުރުން

ދުނިޔޭގައި ހަލުވިކަމައެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާ، ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހިފައިވާތީ، އެމައްސަލައާ ގުޅިގެން ތަފާތު ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެ އެވެ.

ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިދިޔަ މާރޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިޢުލާނުކޮށްފައެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން އެންމެ ބޮޑަށް އިރުޝާދު ދެމުންދަނީ، ޢާންމު ސާފުތާހިރުކަމާއި އިޖުތިމާޢީ ގައިގާދުރުކަން ބެހެއްޓުންކަމަށްވާއިރު، އިންތިޚާބުތައް ފަދަ ޢާންމުން އެއްވާންޖެހޭ ފަދަ ކަންކަން ނުކުރުމަށެވެ. އެގޮތުން މިމަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިވަނީ ފަސްކުރަންޖެހިފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ތެރެއިން އެއްބިލަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. އެބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާގައި އިއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މިދަނޑިވަޅުގައި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާމެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް އެކަމަށް ބަހުޘް ކުރެއްވުމަށް ފުރުޞަތު ހުޅުވާލައްވާފަ އެވެ. އެމައްސަލާގައި ހޯމަ ދުވަހުގެ އެޖަލްސާގަ އާއި އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން ބަހުޘް ކުރައްވާފައި ވެއެވެ.

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ޤާނޫނީ ލަފާ ދެއްވާފައިވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައި ނުވާކަމަށެވެ. އެހެންކަމުން މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ނަމަވެސް މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވީ، މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ޤާނޫނީ އެހެން ފަރުވާއެއް ހޯދުމަށް ގިނަ މެންބަރުން ތާޢީދު ކުރައްވާ ވާހަކަ ދެއްކެވި އެވެ.

މަޖިލީހަށް ދެން ހުށަހެޅިފައިވާ އަނެއް ބިލަކީ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" އެވެ. ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

މިބިލު ފަރުމާކޮށްފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުޞޫލުތަކެއް އެކަށައެޅުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަަށެވެ. އެގޮތުން "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެންބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާގޮތަށެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުނު ބިލަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަޠީފް ހުށަހަޅުއްވާފައިވާ ބިލެކެވެ. "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ބިލު ހުށަހެޅުމުގެ މަޤުޞަދަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާގޮތުގެމަތީން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކަކަށްވާއިރު، ޤާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން ލާޒިމުކުރާގޮތުގެ މަތީން ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމެވެ. މި ބިލުގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން ލާޒިމުކަމެއްކަމަށްވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް އަބަދުމެ ހިންގަމުން ގެންދަނީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުންކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގައި ބުނެފައިވާގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރީލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ. މިހާލަތުގައި އެތާރީހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ފެންނާތީ، އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުންދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް