ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 13:40
ރިޔާސީ ބަޔާން އިއްވަވާދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހުގެ ޖަލްސާގައި، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރިޔާސީ ބަޔާން އިއްވަވާދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހުގެ ޖަލްސާގައި، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ރައީސް ޞާލިހުއަކީ ޑިމޮކްރަސީގެ ލާމަސީލު މިސާލެއް: ރައީސް ނަޝީދު
 
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ ހާއްސަ ބިލެއް މަޖިލީހަށް ހުށެޅިފައިވާއިރު، ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލެއް ވެސް މަޖިލީހަށް ހުށަހެޅިފައިވޭ
 
ކައުންސިލްތަކުގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅާފައިވޭ
 
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން ބިލެއް މަޖިލީހުގައި އެބައޮތް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަކީ ޑިމޮކްރެސީގެ ލާމަސީލު މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި، ކައުންސިލްތަކުގެ ދައުރު ދިގުނުކޮށް، ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ނިމުމުން ދެން އޮތް ގޮތަކީ ކައުންސިލްތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަން ކުރުން ކަމަށެވެ.

އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ހައްސާސް މައްސަލައަކީ އިންތިހާބު ނުބޭއްވި، ކައުންސިލްތަކުގެ އިންތިހާބު ބާއްވަންޖެހޭ މުއްދަތުގެ ތެރޭގައި، އާ ކައުންސިލަރުން ނުހޯދި، އެހެންވީމާ ތިބި ކައުންސިލަރުންގެ މުއްދަތު (ދައުރު) ދިގުދެމިގެންދާ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އެއީ އަޅުގަނޑުމެންނަށް ފަސޭހަނުވެގެން މިއުޅޭ ވާހަކައަކީ. މިއާހިލާފަށްވެސް، ރައީސުލްޖުމްހޫރިއްޔާ އެތަނަށް ބަޔަކު އައްޔަނުކުރުން، އަޅުގަނޑު ދަންނަ ރައީސުލްޖުމްހޫރިއްޔާއެއް އަޅުގަނޑު ދެކޭގޮތުގައި އިންތިހާބީ މަގާމުތަކަކަށް މީހުނެއް އައްޔަނެއް ނުކުރާނެ،
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، މި ހާލަތާއި ގުޅިގެން އެމަނިކުފާނަށް ރައީސް ޞާލިހުއާ ވަކިން މި މަޝްވަރާ ވެސް ކުރެވިދާނެ ކަމަށާއި، އެހެންނަމަވެސް އިންތިހާބީ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް ޑިމޮކްރެޓިކް އުސޫލުތައް ގަބޫލު ކުރައްވާ ބޭފުޅުން އިންތިހާބީ މަގާމުތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށެވެ.

އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާއާ ވަކިން މިމަޝްވަރާވެސް ކުރެވިދާނެ. އެހެންނަމަވެސް އިންތިހާބީ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަން ކުރުމަށް، އެވެސްދެން އަޅުގަނޑަށް ފެންނަތަނުގައި ވަރަށް އުނދަގޫ ކަމަކަށްވާނެ، ކޮންމެ ބޭފުޅަކަށްވެސް، ހާއްސަކޮށް ޑިމޮކްރެޓިކް އެއްވެސް އުސޫލެއް ގަބޫލު ކުރައްވާ ބޭފުޅެއް ވެއްޖިއްޔާ. އަޅުގަނޑު ދެކެނީ، އަޅުގަނޑު ހިތުގެ އަޑިން ގަބޫލު ކުރަނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ ޑިމޮކްރެސީގެ ލާމަސީލުކަމަށް،
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮތް ދަނޑިވަޅުގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ މަޖިލީހުގެ ގިނަ މެމްބަރުން ދެކޮޅު ހައްދަވާ ކަމެއްކަން މެމްބަރުންގެ ބަހުސުން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. ނަމަވެސް ކައުންސިލްތަކުގެ ދައުރު ހަމަވާތީ، އެކަމަށް ގާނޫނީ ހައްލެއް އެބަގެންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އިސްލާހު ކޮށްލެވިދާނެ އަޅުގަނޑުމެނަށް މިއަދުވެސް، އެއީ އެމެމްބަރުން (ކައުންސިލަރުން) ބައިތިއްބަން. ދެން ބައެއް ގާނޫނީ ވަކީލުން މިސާލަކަށް ވިދާޅުވެދާނެ، މިހާރު މިއަދު އުސްތާޛު ހަސަން ލަތީފް ހުށަހަޅުއްވާފައި އެއޮތް ބިލް، އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެކޭ. ދެން އެބިލްވެސް ހުށަހަޅުއްވާފައިވަނީ އެވަނީވެސް ގާނޫނީ ވަކީލެއް. ހަމަ ގާނޫނީ ބޭފުޅެއް. އަދި މިގާނޫނުއަސާސީ ޑްރާފްޓް ކުރުމުގަޔާއި އޭތި ލިޔުމުގަޔާއި ދެން މިހެންގޮސް އެއާގުޅޭ ހުރިހާ އިރެއްގައި ބޮޑު ކާތިބަކަށް އުޅުއްވި ބޭފުޅެއް (މެމްބަރު ހަސަން ލަތީފް). ދެން އަޅުގަނޑު މިހިތަށް އަރާއެއްޗަކީ ދެން ކޮންވަޑިއެއް ކައިރިއަށްތޯއޭ އަޅުގަނޑު ދާންވީ. ތުނޑުހުރި އެއްވެސް ވަޑިއެއް އެބަހުރިބާއޭ. އިއްޒަތްތެރި މެމްބަރުންގެ ވަޅީގައި ތުނޑުހުންނާނެ. އަޅުގަނޑު ދެކެނީ ތިބޭފުޅުން ބުއްދިވެރިކަމާއި ވިސްނުންތެރިކަމާއެކު މިކަންކަމަށް ތިބޭފުޅުން ހައްލު ހޯއްދަވާ ދެއްވާނެ ކަމަށް،
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި އެމަނިކުފާނު ވަކި ގޮތެއް ނުނިންމަވާ ކަމަށާއި، ގޮތެއް ނިންމަވާނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އެގޮތުން މެމްބަރުން ގާނޫނުއަސާސީ އިސްލާހު ކުރަން އެދެފިނަމަ އެކަން ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީ އިސްލާހު ނުކޮށް، ގާނޫނީ އެހެން ފަރުވާއެއް ހޯދުމަށް މެމްބަރުން ބޭނުންވެލައްވާނަމަ އެގޮތަށް އަމަލު ކުރަންވެސް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ ޖޫން 3 ގެ ފަހުން ކަމަށްވާތީ އަދި ވަގުތު ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" މިބިލް ކުރިއަށް ގެންގޮސް މެމްބަރުންނަށް ފެންނަ ގޮތަކަށް އިންތިހާބުގެ ކަންކަން މިބިލްގެ ތެރެއިން ހައްލެއް ގެނެވިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
0%
50%
0%
0%
ކޮމެންޓް