ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 21:20
އިސްލާމިކް މިނިސްޓަރު ނައިބް ރައީސް ފައިސަލް ނަސީމް އަރިހުގައި
އިސްލާމިކް މިނިސްޓަރު ނައިބް ރައީސް ފައިސަލް ނަސީމް އަރިހުގައި
ރައީސް އޮފީސް
ޒަކާތު ފަންޑު
ޒަކާތު ފަންޑުން ކޮވިޑް-19އަށް އެހީވުމަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފި
 
ޒަކާތު ފަންޑުން ހަރަދުކުރަނީ ހައްގު ފަރާތްތަކަށް
 
ޒަކާތުގެ ފައިސާ ރަނގަޅަށް ހަރަދު ކުރުމަށް ޒަކާތުގެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލާފައިވޭ
 
ރާއްޖެއިން ބޭރަށް ގޮސް ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށް މަސައްކަތްތަކެއް ކުރެވޭ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރާއްޖެޓީވީ ފަލަސުރުޚީ ޕްރޮގުރާމުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތުން މިހާރު ކަނޑައަޅާ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެކަންތައްތަކަށް ޒަކާތު ފައިސާއިން ހަރަދުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮވިޑް-19އަކީ ބޮޑު ކާރިޘާއެއް ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރަށް ގޮސް ޙާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއްކޮށް ގިނަ ފައިސާތަކެއް ޚަރަދުކުރާ ކަމަށެވެ. އެހެންކަމުން ސަރުކާރަށް އިތުރު ސަޕޯޓެއް ދިނުމަށްށާއި، އެފަރާތްތަކަށް އެހީވުމަށް ޒަކާތު ފައިސާއިން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތު ކޮމެޓީ އެކުލަވާލާފައިވާ ގޮތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތު ކޮމެޓީ އަލުން އެކުލަވާލާފައިވާއިރު، ޒަކާތުގެ ފައިސާ ރަނގަޅަށް ޚަރަދު ކުރުމަށް ޒަކާތުގެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ޒަކާތު އެޑްވައިޒަރީ ބޯޑު އެއީ ދީނީ ޢިލްމުވެރިން ތިއްބަވާ ކޮމެޓީއެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެކޮމެޓީން މައްސަލައެއް އަތުވެއްޖެ ކަމަށްވަނީ ނަމަ ކޮމެޓީއަށް ހުށަހަޅާފައި އެއީ ހަރަދުކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެއްޖެއްޔާ ދެން އެފައިސާއިން އެގޮތަށް ހަރަދުކުރަނީ. އެހެންވީމަ ޒަކާތު ކޮމެޓީއަށް މައްސަލައެއް އައިމަ އެމައްސަލައެއް ފުރަތަމަ އަޅުގަނޑުމެންނަށް ޝައްކުވާ ކަމެއް ކަމަށްވަންޏާ އަޅުގަނޑުމެން އެބަ ފޮނުވަން އެޑްވައިޒަރީ ކޮމެޓީއަށް. އެޑްވައިޒަރީ ކޮމެޓީއަށް އެމައްސަލައަށް ދޭތެރޭގައި ގޮތެއް ނިންމަވާފަ ދެން ޒަކާތު ކޮމެޓީއަށް ފޮނުވީމަ އަޅުގަނޑުމެން އެފައިސާއެއް އެގޮތަކަށް ހަރަދުކުރަނީ. އެގިވަޑައިގަންނަވާނެ ޒަކާތުގެ ފައިސާ ބަހަން އެބަ ޖެހޭ 08 ބަޔަކަށް. މިބައިތަކުގަ ހިމެނޭ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ވަރަށް ސާފު. ވަރަށް ރަނގަޅަށް އެނގޭނެ. މިއިން ކިރިއާވެސް ޝައްކެއް އޮންނަ ކަމަށްވަންޏާ އަޅުގަނޑުމެން މިފޮނުވަނީ އެޑްވައިޒަރީ ކޮމެޓީއަށް. ޒަކާތު ކޮމެޓީން މިކުރާ ކަންތައްތައް އެންމެ ރަނގަޅު އެންމެ ހަރުދަނާ ގޮތަކަށް ހިންގާ އެއްޗަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައި ހުންނަ ކަންތައްތަކެއް މިއީ
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ

މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތު ކޮމެޓީގެ މައްޗަށް އޮންނަނީ އެޑްވައިޒަރީ ކޮމެޓީ ކަމަށާއި، ޒަކާތު ކޮމެޓީގެ ދަށަށް އޮންނާނީ ޒަކާތު ބޭސްފަރުވާ ކޮމެޓީއާ ޒަކާތު ސްކޮލަރޝިޕް ކޮމެޓީ ކަމަށެވެ. އަދި ކޮންމެ ކޮމެޓީއަކުން ކުރާނީ އެކޮމެޓީއަކާ ގުޅުން ހުންނަ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތު ފައިސާއިން ޚަރަދުކުރަން ނުޖެހޭ ކަމަކަށް ފަންޑުގެ ފައިސާ ޚަރަދުކޮށްފައިނުވާ ކަމަށާއި، މަސައްކަތްތައް ކުރިއަށްދަނީ ތަރުތީބުން ކަމަށެވެ. އަދި ޒަކާތު ފަންޑުން ޚަރަދުކުރަނީ ޙައްޤު ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން އެބަ ކަނޑައަޅަން ޒަކާތު ކޮމެޓީން ބޭސް ފަރުވާއަށް ވެސް ޚާއްސަކޮށް ވަކި މިންވަރެއް. ޒަކާތު ބޭސް ފަރުވާ ކޮމެޓީން އަށް މައްސަލައެއް އަތުވެއްޖެއްޔާ ފުރަތަމަ ފޯމް ހުށަހަޅަން މިޖެހެނީ ހުށަހެޅީމަ ސެކްޝަނަށް ގޮސް ސެކްޝަނުން ޒަކާތު ބޭސް ފަރުވާ ކޮމެޓީއަށް ދާނީ. މިހުރިހާ ކަމެއް ހިންގުމަށްޓަކައި އަޅުގަނޑުމެން ހަދާފަ އޮންނަ އުސޫލަށް ބަލާފިއްޔާ ހިނގާނީ ހަތަރު ވަރަކަށް ދުވަސް. ފޯމް ހުށަހަޅާ ދުވަސް ނޫން އަނެއް ދުވަހު ޒަކާތު ބޭސްފަރުވާ ކޮމެޓީއަށް އެމައްސަލައެއް ވަންނާނެ. ދެން އެމައްސަލަ ވަނުމަށްފަހު ކޮމެޓީގައި ތިއްބަވާ ބޭފުޅުން މައްސަލަ ބައްލަވާފަ ދޭން ފެނިވަޑައިގަންނަވާ އަދަދެއް ގޮތެއް ނިންމީމަ ދެން އަޅުގަނޑުމެން ފިނޭންސަށް މިފޮނުވަނީ. ފިނޭންސްއިން ދެން އެފައިސާ އެމީހެއްގެ އެކައުންޓަށް ޖަމާކޮށްދޭނެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ

މިނިސްޓަރު ޒާހިރު ވިދާޅުވީ ބޭސްފަރުވާއަށް އެދުނު ކަމުގައި ވިޔަސް ހަފުތާއެއްގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ޒަކާތު ބޭސްފަރުވާއަށް ފާއިތުވި އަހަރު 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް