ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 14:52
ޗައިނާގެ ސިޓީއެއްގައި ނަރުހުންނާއި ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ
ޗައިނާގެ ސިޓީއެއްގައި ނަރުހުންނާއި ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ
ބީޑީނިއުސް24
މަގޭ ރިޕޯޓް
"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟
 
ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ސިއްޙަތު ދުވަސް
 
ދުނިޔޭގެ ބައްރުތަކުގައި ތިބިނަމަ ތިބިހާ، ސިއްޙީ ޚިދުމަތް ތެރިންނަށް، މިއަދަކު "އޮފް ޑިއުޓީ" އެއް، ނެތް
 
ދުނިޔޭގެ ސިއްޙަތު ދުވަހަށް އިރު އަރައިގެން އައިހިނދު މުޅި ދުނިޔެ މި އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައި

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަސް، އާދެ! މިއަދަކީ، ދުނިޔޭގެ ސިއްޙަތު ދުވަސް ނުވަތަ "ވޯލްޑް ހެލްތު ޑޭ" އެވެ. މިއަދު، އަރައިގެން އައި އިރުގެ ހޫނު ދޯދިތައް، ދުނިޔޭގެ ސިއްޙަތު ދުވަހަށް އަލިކޮށްލި ހިނދު، ހުޅުދާންވެގެން ދިޔަ މަންޒަރުން ފެންނަނީ އާދަޔާ ޚިލާފު ހޭލަމޭލަ ކަމެކެވެ. އޭގެ ތެރެއިން ދައްކާލަނީ ސިޔާސީ ލީޑަރުންގެ އަތްޕުޅަށް، މި އިރު އަލިކަމާއެކު ދިއްކޮށްލާ ހުސް ގަނޑެކެވެ. އެއީ ކީއްވެ، ކޮން ބޭނުމަކު ދިއްކޮށްލެވޭ ހުސް ގަނޑެއް ހެއްޔެވެ؟!

އެންމެ ފުރަތަމަ ސިފަވާން މި އޮތް ދުނިޔެއަށް ބަލައިލަމާ ތޯއެވެ؟ އިރު އަރައިގެން އައިއިރު، މުޅި ދުނިޔޭގެ ބައްރުތަކުގައި ތިބިނަމަ ތިބިހާ، ސިއްޙީ ޚިދުމަތް ތެރިންނަށް، މިއަދަކު "އޮފް ޑިއުޓީ" އެއް، އަދި "ވަކި ޑިއުޓީ" އެއް ނެތިއެވެ!

"އޮން ކޯލް" އަދި "އޮފްޑޭ" އެއްވެސް ނެތިއެވެ. ހުޅުދާންކޮށްލި އިރުއަލި ކަމުގައި ދައްކައިލި މަންޒަރުން، މިދެންނެވި ސިއްޙީ އެހީތެރިންގެ މޫނުތައް ފޮރުވިފައި އެ ވަނީ، "ސާރޖިކަލް މާސްކު" އެއްގެ އިތުރުން ލޯ ނިވާކުރާ މޫނުމަތި ތަކުންނެވެ.

ހަމަ ޔަގީނުންވެސް އެމީހުން މާސްކު އަޅައިގެން ތައްޔާރުވެ އެ ތިބީ، ރީތި ފަރެއްގައި ހިނގަހިނގާއޮތް މަސްމަހާމެހީގެ ރީތިކަން ބަލައިލަން، ފީނާކަށް ނޫނެވެ. އައި.ސީ.ޔޫ ތަކުގައި ނޭވާއަށް ކުރުވަމުންދާ، އެތައްހާސް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދެވޭތޯއެވެ! ސުވާލަކީ، މި ހާލަތުގައި އެހީވާން އެތިބަ މީހުން ހުށަހެޅިފައި އެވަނީ ކޮންފަދަ ނުރައްކަލަކަސް ހެއްޔެވެ؟

މިއަދު އެންމެ ހިނގާ ޢިބާރާތުން ދަންނަވާނަމަ، "ޕާސަނަލް ޕްރޮޓެކްޝަން ގިއަރ" ތަކުގައި، ނުވަތަ އެ ހެދުމުގައި ކޮންމެ އައި.ސީ.ޔޫއެއްގައި މަސައްކަތްކުރާ ކޮންމެ ނަރުހަކާއި ހަށިގަނޑު އެ ތިބީ ފޮރުވިފައެވެ.

އަޅައިގެންތިބި ރައްކާތެރި ހެދުމުން ފެންނަ، އެމީހެންގެ ނަމުން ނޫނީ، އެއީ ކާކުކަން ވަކިކުރަން ނޭގޭހާ ވަރަށެވެ. ދިވެހި އަދަބީ ބަހެއްގައި ބުނާހެން، އެތަންތާކުން "އެގަހުކޭލެއް، މިގަހުކޭލެއް" ވަތްކެއް ނުވެއެވެ.

ޚާއްސަކޮށް، އެމީހުންގެ ލޮލުގެ ކުރަވި ތަކުގައި، ހިނގަހިނގާހުރި، ނިދީގެ އަސަރު ތަކުން، ލޯތައް އެވަނީ މަޙުރޫމު ކުރުވައިފައެވެ. އިންތިހާ ވަރުބަލި ކަމުގައި ތިބެ، އެމީހުން ކުރަމުން އެދަނީ ހަނގުރާމަ އެކެވެ. ވައިރަހަކާ ދެކޮޅަށެވެ. ލޮލަށް ނުފެންނަ "ކޯވިޑް19 ވައިރަސް"، މިލިއަނަކަށް ވުރެން ގިނަ، އިންސާނުންގެ ނޭވާހޮޅި ހިސޯރުކޮށްފައި އޮތް، މި ދަނޑިވަޅުގައެވެ.

ކޮވިޑް-19 ބަލީގެ ޕޭޝަނުންޓުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ސިއްޙީ އެހީތެރިން

ދުނިޔޭގެ ސިއްޙަތު ދުވަހަށް އިރު އަރައިގެން އައިހިނދު، ސިއްޙީ އެހީތެރިން، އަވަދި ނެތި ކޮޅުކޮޅު މައްޗަށް ދުވަމުން އެދަނީ، މިދެންނެވި ބަލި މީހުންނަށް ނޭވާލެވޭނެ ގޮތް ހަދައި ދިނުމުގައެވެ. މިވަގުތައް ލިބިފައިވި ދާދިމަދު ވެންޓިލޭޓަރު ތަކެއްގެ އެހީގައެވެ.

މުޅި ދުނިޔެ ބޮޑު ނުރައްކަލަކަށް ކުރިމަތިވެފައި އޮތްވައި، މިއަދު އަރައިގެން އައި އިރުގެ ހުޅުދާން ކަމުގެ ތެރެއިން، އެހެން ސިއްރު ތަކެއްވެސް، ކަޝްފުވަމުން އެބަ ދެއެވެ. ކޮންމެވެސް ސިއްރުތަކެއް، ތިލަ ކުރުވަމުން އެބަ ގެންދެއެވެ. އެއީ ކޮން، ކަންކަމެއް ތޯއެވެ؟

އަޅުގަނޑާއި ކިއުންތެރިޔާއާއި އެހުންތެރިޔާވެސް، ޙާޒިރުވެ މި އޮތް ޒަމާނަކީ، ޓެކްނޮލޮޖީ ދުނިޔެ ދެކޭނެ އެންމެ ރަން ޒަމާނެވެ. ހަނގުރާމައިގެ އެންމެ ކުޑަ ހަތިޔާރުން ފެށިގެން، ނިއުކުލިއާ ބޮމާއި، މިސައިލާއެކު ފޮނުވާ، "ނިއުކުލިއަރ ވޯހެޑު" ގެ އެންމެ ޤާބިލް ޒަމާނެވެ.

ހަމަ އެހެންމެ، މިއީ އެއް ބައްރުން އަނެއް ބައްރަށް ފޮނުވާ ސްކަޑްމިސައިލަށް ޙަމަލާދީ ހުއްޓުވާ "ޕެޓްރިއޮޓް މިސައިލް" ގެ ގާބިލްކަންވެސް ހޯދައިފައިވާ، ޒަމާނެވެ. މިއިން ކޮންމެ ޔުނިޓަކީ މަދުވެގެން ދެތިން މިލިއަން ޑޮލަރެވެ. ހަތިޔާރުގެ ގާބިލްކަމުގެ އިތުރުން މިއީ އިންޓަރނެޓާއި ސްމާޓުފޯނުގެ ޒަމާނެވެ. ފޭރާމާއި އެއްގަމު އުޅަނދުތައް، ނަން ހުސްކޮށްފައި އޮތް، ޒަމާނެވެ. ކުރުކޮށް ދަންނަވާނަމަ، ދުނިޔޭގެ އިނގިލިކުރީގައި، މިއަދު ނެތީ ކޮން އެއްޗެއް ތޯއެވެ؟

އަޅުގަނޑު މި އުފެއްދި ސުވާލުގެ ޖަވާބު، މިއަދު އެރި އިރާއެކު، މި އޮތީ ފެންނާށެވެ. ދުނިޔޭގެ ފަޚުރުވެރި އަތުން، އުނިވާ ކަންކަމަކީ ކޮބައިކަމެވެ. ދުނިޔޭގެ އަތުގައި ނެތް ގާބިލްކަމަކީ ކޮބައިކަމެވެ. ދުނިޔޭގެ ޒަމާނީ ކަންފަތަށް ބީރުވި އަޑުތަކަކީ ކޮބައިކަމެވެ. އެހެންކަމުން، ފަހަރަކު ބަޔަކާމެދު ވިސްނައިލަމާ ހެއްޔެވެ؟

ކުއްލިއަކަށް ދިމާވެދާނެ ބަލިމަޑު ކަމަކަށް، ދުރާލާ ތައްޔާރުވުމުގެ ގާބިލުކަމެއް ދުނިޔޭގެ އަތަކު ނެތެވެ. އިޓަލީއަށް ބެއްޔަސް، ސްޕޭނަށް ބެއްޔަސް، އިނގިރޭސިވިލާތައް ބެއްޔަސް އަދި އެމެރިކާއަށް ބެއްޔަސް، ޙަގީގަތަކީ އެކައްޗެކެވެ. މަންޒަރަކީ އެއް މަންޒަރެކެވެ.

ނެތީ، "ކްރިޓިކަލް ކެއަރ" އަށް ބޭނުންވާނެހާ ޑޮކްޓަރުން އެކަންޏެއް ނޫނެވެ. ކުއްލިއަކަށް އޮޑިދަށުން ބޯހިއްލާލި، ކޮރޯނާ ވައިރަހަށް ދޭނެ ބޭހެވެ! ވެކްސިނެވެ! ބަލިމީހުންނަށް ފަރުވާދޭންތިބި މީހުން އަޅާނެހާ ހެދުމެވެ! މާސްކެވެ! އަތަށް ލައްވާނެހާ އަންގިއެވެ! އަތް ދޮންނަ ފުޅިއެވެ! ނޭވާލައްވަން އެހީވެދޭނެ ހާ މިންވަރަށް ވެންޓިލޭޓަރެވެ!. އައި.ސީ.ޔޫ އެނދެވެ! ހަސްފަތާލުތަކުގެ ޖާގައެވެ. ޚިދުމަތުގައި ތިބި ސިއްޙީ އެހީތެރިން އިންތިހާއަށް މަދެވެ. އެހެންކަމުން ވަޒީފާއިން މުސްކުޅި ކުރެވިފައިތިބި، އެންމެންނަށް ގޮވަންވެސް މަޖުބޫރުވީއެވެ! "އަލިފާން ސަންގު" ފުންމަން ޖެހުނީއެވެ.

މިސާލަކަށް، އެ ބައެއްގެ އިގްތިސާދީ ފުދުންތެރިކަމާއި، އަސްކަރީ ޤާބިލްކަންފެނި، ދުނިޔެ ސިހިގެންދާ އެމެރިކާއަށް ބަލައިލަމާ ހެއްޔެވެ؟ އެމެރިކާގެ އެންމެ އާބާދީ ބޮޑު، ނިވްޔޯކުގެ ގަވަރުނަރަށް، ކޮރޯނާ ވައިރަހުގެ ނުރައްކަލާ ކުރިމަތިލާން ބެލިއިރު، ގޮތް ހުސްކޮށްލި ވަގުތު ހަނދާނަށް ގެންނަވާށެވެ.

ވެންޓިލޭޓަރު ހޯދަން ބަލައިލި ހިނދު، ބޭނުންވާވަރާ ގާތަށްވެސް، ގައުމުން އެ އެއް، އަތުޖެހޭކަށް ނެތެވެ. ގައުމުގައި ހުރި ކާރުޚާނާ ތަކުން ވެންޓިލޭޓަރު އުފައްދަން މަސައްކަތްފެށިއެއް ކަމަކު، ފަސޭހައިން އަތުޖެހޭކަށްވެސް ނެތެވެ.

ޗައިނާގެ އެހީއަށާއި އަވަށްޓެރި ސްޓޭޓު ތަކުގެ ގަވަރުނަރުންގެ މަދަދަށް އެދި ސަލާންޖަހަން މަޖުބޫރުވީ މި ސަބަބާހެދިއެވެ. އޭރު ރޯވެފައިއޮތް އަލިފާންގަނޑެއް ފެތުރޭހެން، ހުރިހާ ސްޓޭޓުތަކަށް، ވައިރަސް ފެތުރެން ފަށައިފިއެވެ. ދެން އިވެންފެށީ ކޮން އަޑުތަކެއް ތޯއެވެ؟

ސަމާސާ އަދަބުން، މަޖާޒީ ގޮތެއްގައި ދަންނަވާނަމަ، އިވެންފެށި އަޑާ، އެންމެ ވައްތަރީ "މޭނާ ހައްސާނު" ގެ ލަވައެކެވެ. ދުނިޔޭން އިވެންފެށީ، " ވަގުތުނެތޭ–ވަގުތުނެތޭ"، މިހެން ބުނާތީ، އެކަންޏެއް ނޫނެވެ! "މާސްކު ނެތޭ! އަންގިނެތޭ! ވެންޓިލޭޓަރުނެތޭ! ރައްކާތެރި ކަމުގެ ހެދުންނެތޭ! ވެސް، އިވެމުންދިޔައީ، މުޅި ދުނިޔެއިންނެވެ.

ކޮވިޑް-19 ބަލީގެ ޕޭޝަނުންޓުއް ތަކެއް - ރޮއިޓަރސް

މި ދެންނެވި އަޑުގެ ފަހަތުން އައީ، އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލެމުންދާ އަޑެވެ. އިގްތިސާދީ ކާރިސާއެއް، ބޯމަތިވަމުން އަންނަ ބިރުވެރި އަޑެވެ. އޭރު، އިޓަލީން ސަންދޯއް ހުސްވެއްޖެ ކަހަލައެވެ. ސްޕޭނުގެ ސަހަރާތައް ތޮއްޖެހިއްޖެ ކަހަލައެވެ. ޖަރުމަނުގެ ޗާންސްލަރ މާކޭލް ފަދައިން، އިނގިރޭސި ރާނީވެސް، ގައިދުރުކަމުގައި އެކަހެރިވެ ވަޑައިގެންފިއެވެ. މިވަގުތު އައި.ސީ.ޔޫގައި އޮންނެވި، އިނގިރޭސި ބޮޑުވަޒީރުގެ ހަށިކޮޅުން، އޭރު ވައިރަހުގެ އަސަރު ދައްކާލައިފިއެވެ. މި ވައިރަހުގައި 10 ހާހަށްވުރެން ގިނަ މީހުން މަރުވެފައިވާ، އެމެރިކާގެ އާބާދީގެ 90 އިންސައްތަވެސް ތިބީ، ގެއަށްވަދެ، އެކަހެރި ވެގެންނެވެ!

ދަންނަވަން މިއުޅޭ ވާހަކައަކީ، އިގްތިސާދާއި، ވިޔަފާރިއާއި، ހަތިޔާރާއި، ސައެންސާއި ޓެކްނޮލޮޖީގެ ޤާބިލްކަން އޮތް ދުނިޔޭގައި، ސިއްޙީ ބަލިމަޑުކަމެއް ބޯމަތިވާ ހިނދު، ގޮތް ހުސްވަމުންދާ މިންވަރުގެ ވާހަކަ އެވެ.

އިސްޖެހޭލެއް އަވަސްކަމުގެ ވާހަކައެވެ. މިފަދަ ދުނިޔެ އަކަށް، " ވޯލްޑް ހެލްތްޑޭ" އިރު އަރައިގެން މި އަންނަނީ، ލައްކަ ވާހަކަ ކިއައި ދެމުންނެވެ. މި ތަހުޒީބު ދުނިޔެ، ލައްކަތަން އަދިވެސް ފަހަތުގައި އޮތްކަން، ސާބިތުކޮށް ދެމުންނެވެ. ދުނިޔޭގެ ސިއްހަތު ދުވަހުގެ އިރު، ދުނިޔެއަށް އަރައިގެން އެ އަންނަނީ، އިންސާނީ ކާރިސާއަކާއި ކުރިމަތި ލުމުގެ ގާބިލުކަން، ދުނިޔެ ހޯދަންވެއްޖެކަން، ދުނިޔޭގެ ކަންފަތުގެ ފޫޅުގަނޑުގައި ހިފާ، ބުނެދެމުންނެވެ!

އެހެން ކަމުން، ސިޔާސީ ލީޑަރުންގެ ކުރިމަތީގައި، މިއަދު މިއޮތީ، ހުސްގަނޑެކެވެ. އެއީ އަލުންބަލުން ސިއްޙީ ޚިދުމަތުގެ އާ މަގުޗާޓެއް، ކުރަހާން އޮތް ގަނޑެވެ.

މި ދެންނެވި ގަނޑުގައި، އަލުންބަލުން ކުރަހާން ޖެހިފައި އޮތް ޗާޓަކީ، "ޕްރިވެންޝަން" ގެ ޗާޓެވެ. ސިއްޙީ ކުއްލި ޙާލަތެއް، ބޯމަތި ވުމުގެ ކުރިން، ރައްކާތެރި ކަމުގެ ފިޔަވަޅަށް، ދުރާލާ ތައްޔާރުވުމަށާއި، ސިއްޙީ ޚިދުމަތަށް ބޭނުންވާ އާލާތްތަކާއި، ތަންތަން ތައްޔާރު ކުރުމަކީ، އެ ޗާޓުގައި ދަމާލެވޭ ފުރަތަމަ ރޮނގެވެ.

މި ރޮނގުން، ފުރިހަމަ ޗާޓެއް، އެކުލަވާލަން، ދެން ފުރިހަމަ ކުރާން ޖެހިފައި މި އޮތީ، އިންސާނިއްޔަތަށް ނުރައްކާކުރާ، ވައިރަސްތަކުން ރައްކާތެރިވާނެ، ވެކްސިނާއި ބޭސް، އުފެއްދުމުގެ ކުރިމަގު، ކުރަހާން އޮތް ރޮނގުތަކެވެ.

އެހެން ކަމުން، މިހާތަނަށް، ފަޚުރުވެރި ކަމާއެކު ދުނިޔެ ހޯދި ކާމިޔާބީ ތަކަކީ، ފުރަތަމަ ހޯދަންވީ ކާމިޔާބު ނޫންކަން، މިއަދު، މިވަނީ ޔަގީން ކުރެވިފައެވެ! ފުރަތަމަ އަހާންވީ އަޑަކީ، ސިއްޙީ މާހިރުންގެ އަޑެވެ. ދިވެހި ޝާޢިރެއްގެ ނަސޭޙަތުގެ އަޑެއްގައި އެ އިއްވާ ފަދައިންނެވެ. "ތަނެއް ތަހުޒީބުވެވި މަދަނީ ގޮތުން، ކުރިއަށް އަރައިދާނީ-ކަމެއް ކޮށްދޭނެ ސިއްޙަތުހުރި، ދަރިން ތަނުގައި އުފެދިގެންތާ"، އެވެ!

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
33%
0%
ކޮމެންޓް