ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 23:03
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމް
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމް
ގެޓީ އިމޭޖަސް
ކޮވިޑް-19
މާފަށް އެދުމަށްފަހު ލިވަޕޫލްގެ ނިންމުން ބަދަލުކޮށްފި
 
ލިވަޕޫލުން މީގެ ކުރިން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމާފައި

ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށްފަހު، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމި ނިންމުން ލިވަޕޫލުން ބަދަލުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ހޮނިހިރު ދުވަހު ވަނީ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ލިވަޕޫލަށް އަމާޒުވިއެވެ. މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ މުވައްޒަފުން ނޯޕޭއަށް ނުފޮނުވާނެ ކަމަށް ބުނެފައެވެ.

ސަޕޯޓަރުންނަށް އެޑްރެސްކޮށް ލިވަޕޫލުން ހޯމަ ދުވަހު ނެރުނު ސިޓީއެއްގައި އެޓީމުގެ ސީއީއޯ ޕީޓާ މޯ ވިދާޅުވީ މީގެ ކުރިން އެޓީމުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެހެންކަމުން މުވައްޒަފުން ނޯޕޭއަށް ނުފޮނުވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ލިވަޕޫލްގެ އެންމެހާ ސަޕޯޓަރުންގެ ކިބައިން ވަނީ މާފަށް އެދިފައެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން ޕްރިމިއާ ލީގުގެ ކްލަބުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އަދި މިހާތަނަށް ޕްރިމިއާ ލީގު ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިނުވާއިރު، ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ދާދި ފަހުން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ. އަދި އިނގިރޭސި ފުޓްބޯލް ލީގު (އީއެފްއެލް) އާއި ނެޝަނަލް ލީގުގެ ކްލަބުތަކަށް 125 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް