ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 00:58
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
ކޮވިޑް-19
އިނގިރޭސި ބޮޑުވަޒީރު ހޮސްޕިޓަލުގައި، މަޤާމުގެ ޒިންމާ އުފުއްލެވުމުގައި
 
ބޮރިސް މިހާރު ގެންދަވަނީ އޮކްސިޖެން ފަރުވާ ހޯއްދަވަމުން
 
ހޮސްޕިޓަލުގައި އާދީއްތަ ދުވަހު އެޑްމިޓްކުރެއްވީ އާދައިގެ އަލާމަތްތައް ހުރެގެންކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި
 
ބޮރިސް ޓެސްޓް ކުރެއްވީ އާދައިގެ މަތިން ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ތަހުލީލުކުރެއްވުމަށްޓަކައި، ހޮސްޕިޓަލުގައި އެޑްމިޓްކުރިނަމަވެސް، މަޤާމުގެ މަސްއޫލިއްޔަތު ދޫކޮށްނުލައްވާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އެމަނިކުފާނު މިއަދު އަނެއްކާވެސް، ޓެސްޓް ކުރެއްވީ އާދައިގެ މަތިން ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވިއެވެ. ދިހަ ދުވަސްވަންދެން ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އުމުރުން 55 އަހަރުފުޅުގެ ބޮރިސް މިއަދު މެދުތެރޭ ލަންޑަންގެ ސެން ތޯމަސް ހޮސްޕިޓަލުގައި އާދީއްތަ ދުވަހު އެޑްމިޓްކުރެއްވީ އާދައިގެ އަލާމަތްތައް ހުރެގެންކަމަށާއި، އަދި މިހާރު އޮކްސިޖެން ފަރުވާ ދެމުންގެންދާކަމަށް ތަރުޖަމާނު ވިދާޅުވިއެެވެ. އަދި މިދަނޑިވަޅުގައި، މީޑިއާއިން މިކަމަށް ސަމާލުވެ، ރިޕޯޓުކުރުމަށް ތަރުޖަމާނުވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް މަޤާމުގެ މަސްއޫލިއްޔަތުތައް އުފުއްލެއްވުމުގައި ދެމިހުންނެވި ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ޚުދު ބޮރިސް ޖޯންސަން އަމިއްލަފުޅު ޓްވިޓަރގައި ވިދާޅުވެފައިވަނީ ފަރުވާދެއްވާ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ހޮސްޕިޓަލަށް ވަޑައިގެންނެވީ އާދައިގެ މަތިން އިތުރު ޓެސްޓުތައް ހައްދަަވަން ކަމަށެވެ. އަދިވެސް ކޮވިޑް-19 ގެ ބައެއް އަލާމަތްތައް ތަޙައްމަލުކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ޓީމާއެކު ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، މަސައްކަތްކުރަނީ ހުރިހައި އެންމެ ރައްކާވެތިބެ، ކޮވިޑް-19 އާއި ހަނގުރާމަކުރަންކަމަށް ވިދާޅުވެފައިވެއެވެ. މީގެ ކުރިން ބޮރިސް ޖޯންސަން ހުންނެވީ ޑައުނިންގް ސްޓްރީޓްގައި އެކަހެރިވެވަޑައިގެންނެވެ. މިހާރު ގެންދަވަނީ ސެން ތޯމަސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އެހެންނަމަވެސް ޞިއްޙީ ޙަލަތާއި ބެހޭ މާ ބޮޑު ތަފުޞީލެއް އަދި ލިބޭގޮތެއް ނުވެއެވެ.

އެއްވެސް ޞައްޙަ މަސްދަރަކުން ބޮރިސް ޖޯންސަންގެ ޞިއްޙީ ޙާލަތު މިހާރު ހުރި މިންވަރު ކަށަވަރުކުރެވޭނެ އެއްގޮތެއްވެސް ނެތެވެ. މީޑިއާތަކުންނާއި، މުހައްލިލުންނާއި މުފައްކިރުން ތިބީ ޞައްޙަ މައުލޫމާތެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އުފެދެނީ އެންމެ ސުވާލެކެވެ. އެމަނިކުފާނު ހުންނެވީ މަޤާމުގެ ޒިންމާ ނެންގެވޭނެ ފުރިހަމަ ޞިއްޙީ ޙާލަތުގައިތޯއެވެ.

ކަމާއި ގުޅުންހުރި ޑޮކްޓަރުން ވިދާޅުވާގޮތުގައި، ޖޯންސަންގެ އުމުރުގެ މީހުން 10 ދުވަސް ފަހުން އެމީހުންގެ ހަށިގަނޑުގައި އޮކްސިޖެން ހުރި މިންވަރާއި، ފުއްޕާމެއާއި، ފުރަމޭއާއި، ގުރުދާ މަސައްކަތްކުރާގޮތް ބެލަންޖެހެއެވެ. އޭގެ އިތުރުން ހިތުގެ ހިނގުންތައް ބަލަން އިލެކްޓްރޯ ކާރިޑިއޯގްރާމެއް ހަދަން ޖެހެއެއެވެ. މިއީ، އާދައިގެ މަތިން ޞިއްޙީގޮތުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރެއެވެ.

އިނގިރޭސިވިލާތުގައި ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ޞިއްޙީ ޙާލަތު މެދުވެރިވާ ގޮތުން، މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ޙާލަތަކައް ހިނގައްޖެނަމަ ކަންކުރާނެ ގޮތުގެ ރަސްމީ ޕްލޭނެއް ނޯވެއެވެ. ބޮރިސްއަށް ބައްދަލުވުންތަކުގައި ބައިވެރިވަޑައި ނުގެންނެވޭތީ އެޤައުމުގެ ސަރުކާރުން ކޮވިޑް-19 އާއި ބެހޭ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވަނީ އުމުރުން 46 އަހަރުފުޅުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އެވެ.

ސަރުކާރުން ބުނަމުންދަނީ ބޮރިސަން ހެޔޮ ޙާލަތަކައް ރުޖޫޢަވަންދެން ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ފޮރިން ސެކްރެޓަރީ ކަމަށެވެ. އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންސަރވޭޓިވް ޕާޓިންވަނީ، ބޮރިސް ޖޯންސަންގެ ޙާލުކޮޅު ރަނގަޅުވަންދެން، ރާބް ރަސްމީކޮށް ބޮޑުވަޒީރުގެ ޒިންމާތަކާއި ޙާވާލުވެވަޑައިގަތުމަށް ގޮވާލާފައެވެ.

ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީކަން އަމިއްލަ ފުޅަށް އިޢުލާނުކުރެއްވީ މާރޗްމަހުގެ 27 ވަނަ ދުވަހުއެވެ. މިއީ އެޤައުމުގެ ލީޑަރަކު ޚުދު އަމިއްލަފުޅަށް މިފަދަ ކަމެއް އިޢުލާނުކުރެއްވި ފުރަތަމަ ފަހަރެވެ. އިޢުލާނުކުރެއްވުމަށްފަހު ހޮސްޕިޓަލަށް ވަޑައިގެންނެވުމާއި ހަމަޔަށް، އެމަނިކުފާނު ހުންނެވީ، ޑައުނިންގ ސްޓްރީޓްގެ އެޕާޓްމަންޓެއްގައި އެކަހެރިވެވަޑައިގެންނެވެ.

ބޮރިސް ޖޯންސަންއަކީ ދުންފަތުގެ އިސްތިޢުމާލުކުރައްވާ ބޭފުޅެއް ނޫނެވެ. ދާދި ފަހުން ބަރުދަން ލުއިކުރައްވަން ބޭނުންފުޅުވެލައްވާތީ ޓެނިސްކުޅުއްވި ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް އިނގިރޭސި ސަރުކާރުން ކުރެއްވި މަސައްކަތުގައި ކާމިޔާބު މުހިންމު ދައުރެއް އަދާކުރެއްވުމާއި ގުޅިގެން، އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި މަޤްބޫލުކަން ހޯއްދަވާ ޑިސެންބަރު މަހު ބޭއްވި އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވިއެވެ.

އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. ޔޫރަޕުގެ އެހެން ވެރިންނެކޭ އެއްގޮތައް ބޮރިސްވެސް ކޮވިޑް-19 ނެންގެވީ ވަރަށް ލުއިކޮށްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ވަކިން ޚާއްޞަކޮށް މާރޗް މަހުގެ 3 ވަނަ ދުވަހު ކޮވިޑް-19ގެ ބަލި މީހުންނާއި ސަލާމް ކުރެއްވި މަންޒަރު ފެނުމުން އާންމުން ވަނީ އެކަމާއި ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ބޮރިސް ގެންގުޅުއްވާ ސިޔާސަތު ބަދަލުކުރެއްވީ، އިނގިރޭސިވިލާތުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 ޖޭހިގެން މަރުވާނެކަމަށް ދިރާސާއަކުން ދެއްކުމާއިގުޅިގެންނެވެ. ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤުތިޞާދު ހުއްޓުމަކަށް ގެނައީ މިހާ ހިސާބުންނެވެ. ކޮވިޑްގެ ސީރިއަސްކަން ބޮރިސްއަށް ވިސްނުނީ އެހާހިސާބުންނެވެ. އެއާއެކު ބޮރިސް ވަނީ އާންމު ރައްޔިތުން ގޭގައި މަޑުކުރުމަށް އަންގާ، ސްކޫލްތައް ބަންދުކޮށް، ބައެއް ސިޓީތައް ލޮކްޑައުންކުރިއެވެ.

މިހާރު އިނގިރޭސިވިލާތުގެ ވެރިކަމުގެ ނިޒާމުގެ ބައެއް ބޭފުޅުންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރ އަދި އޭނާގެ ޗީފް އެޑްވައިޒަރު ހިމެނެއެވެ. މީގެ އިތުރުން ބޮރިސް ގެ ލޯބިވެރިޔާ ކެރީ ސައިމަންޑްސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކަހެރިވެވަޑައިގެންފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް
7 އޭޕްރިލް 2020 | އަންގާރަ 01:49
އަލީ
އެތަކެއް ޢިބުރަތްތެރި ފިލާވަޅު ތަކެއް މުޅި ދުނިޔެ އިން ހާމަ ވެގެން މި ދަނީ. ﷲއަކްބަރް.