ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 21:44
އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ރިއަރ އެޑްމިރަލް އަލީ ޝަމްޚާނީ އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ރިއަރ އެޑްމިރަލް އަލީ ޝަމްޚާނީ އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ސައުދީ ގެޒެޓް
ކޮވިޑް-19
ކޮވިޑް-19 އަށްވުރެ "ޓްރަމްޕް" މާ ނުރައްކާތެރި: އިރާން
 
ޓްރަމްޕް ވިދާޅުވީ، އީރާނުން އެހީތެރިކަމަށް އެދިއްޖެނަމަ އެމެރިކާއިން އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް
 
ޝަމްޚާނީ ފާޑޫވިދަޅުވެފައިމިވަނީ އެމެރިކާއިން އީރާނަށް އެހީތެރިވާން ބޭނުންވާކަމަށް ބުނެފައިވަނިކޮށް
 
އީރާނަށް އެޙީތެރިވުމަށް އެމެރިކާއިން ހުރަސް އެޅުމަކީ، އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ ކޮވިޑް-19 އަށް ވުރެ ނުރައްކާތެރި ވައިރަސްއެއްކަމަށް ވިދާޅުވެ، އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ރިއަރ އެޑްމިރަލް އަލީ ޝަމްޚާނީ އެމެރިކާއަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ފާޑުވިދާޅުވެ، ޝަމްޚާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، އީރާނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ކުރަމުންގެންދާ މަސައްކަތްތަކައް އެމެރިކާއިން ހުރަސް އެޅުމަކީ، އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އީރާނަށް ބޭނުންވާ ޒަރޫރީ ޞިއްޙީ އާލާތްތައް އީރާނަށް ސަޕްލައިކުރުމަށް އެމެރިކާއިން ހުރަސްއެޅުމުން، އެކަމާއި ނުރުހުން ފާޅުކުރައްވާ ޝަމްޚާނީ ވިދާޅުވެފައިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ ކޮވިޑް-19 އަށްވުރެ މާ ނުރައްކާތެރި ވައިރަސްއެއް ކަމަށެވެ.

ޝަމްޚާނީ ވިދާޅުވީ ޓްރަމްޕްގެ މިޢަމަލަކީ، ޤާނޫނާއި ޚިލާފު އަދި އިންސާނިއްޔަތާއިވެސް ޚިލާފު ޢަމަލެއް ކަަމަށާއި، މިއީ، އީރާނުގެ ރައްޔިތުންނާއި މެދު ޓްރަމްޕް ފާޅުގައި ނަފްރަތުކުރާކަމުގެ ހެއްކެއްކަމަށެވެ. އަދި ހަތުރުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޝަމްޚާނީ އެމެރިކާއަށާއި، ޓްރަމްޕަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި މިވަނީ އެމެރިކާއިން އީރާނަށް އެހީތެރިވާން ބޭނުންވާކަމަށް ބުނެފައިވަނިކޮށްނެވެ. ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ މަސްއޫލުވެރިން މި ދަނޑިވަޅުގައި އެހީތެރިކަމަށް އެދިއްޖެނަމަ އެމެރިކާއިން އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށެވެ. އަދި އީރާނުން ކޮވިޑް-19 އާއި ހަނގުރާމަކުރަމުންދާ މިދަނޑިވަޅުގައި، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅަށް އެއްވެސް ލުޔެއްދޭން ވިސްނާތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ"އީރާނުން މިހާތަނަށް އެކަމަށް އެދިފައެއް ނެތް"މިހެންނެވެ. އަދި އީރާނުގެ އިސް މަސްއޫލުވެރިން ބައްދަލުކުރައްވަން ބޭނުންފުޅުވާނަމަ، ބައްދަލުކުރައްވާ އެކަން ޙައްލުކުރަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގުރާމު ހުއްޓާލުމަށް ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތަކާއެކު 2015 ވަނަ އަހަރު އީރާނުންވީ އެއްބަސްވުމުން، 2018 ވަނަ އަހަރު އެމެރިކާއިން ވަނީ ވަކިވެފައެވެ. އަދި އެއަށްފަހު އީރާނަށް ވަރަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އަޅާ އެމެރިކާއިން ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އީރާނުގައި ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް އީރާނަށް ތެޔޮ އެތެރެކުުރުމަށް އެމެރިކާއިން ވަނީ ތަކުރާރުކޮށް ހުރަސް އަޅާފައެވެ. އަދި މިިދިޔަ މާރޗު މަހުގެ 26 ވަނަ ދުވަހުވެސް އެމެރިކާއިން ވަނީ އެމެރިކާގެ 20 މީހުންނަށާއި ކުންފުންޏަަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މިއީ ހައްތާވެސް، އީރާނުން އެމެރިކާގެ އެހީ ޤަބޫލުކުރަން ބޭނުންނުވާ ސިފަތަކެވެ. އީރާނުގެ ކަމުވޮށިގެންވާ ފަރާތްތަކުން ބުނަމުންދަނީ އެމެރިކާގެ ދަޅައަށް ހެއްލެން ބޭނުންނުވާކަމަށެވެ. އަދި އެމެރިކާއިން މިހާރު މަސައްކަތްކުރަނީ އީރާނަށް ކުރިމަތިވެފައިވާ މި ނުރައްކަލުގެ ނާޖާއިޒު ފައިދާނަގަންކަމަށާއި، ބަލިފައިގައި ހިފާ އީރާނަށް ދުއްތުރާކުރަން ކަމަށެވެ.

އީރާނުގައި ކޮވިޑް-19 ފެތުރެންފެށިފަހުން މިހާތަނަށް 2,523 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ، 38 މީހުން ވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިތުރު 121 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 4 މީހުން ވަނީ މަރުވެފައެވެ. 1,934 މީހުންނަށް އަދިވެސް ފަރުވާދެމުންދާއިރު، މީގެތެރެއިން 41 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުގައި ނުރައްކާ މިންވަރަށް ވައިރަސް ފެތުރެމުންދާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން ދަނީ އެހީތެރިވަމުންނެވެ.

20%
0%
80%
0%
0%
0%
ކޮމެންޓް