ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 21:14
ބީއެމްއެލްގެ އޭޓީއެމް މެޝިންތައް
ބީއެމްއެލްގެ އޭޓީއެމް މެޝިންތައް
ބީއެމްއެލް
ބީއެމްއެލް
ބްރާންޗަށް ވަޑައިގެންނެވުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ އަދި އޭޓީއެމް ބޭނުންކުރައްވާ: ބީއެމްއެލް
 
ބޭންކުގެ އިލްތިމާސް އަކީ ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެން ޑިޕޮސިޓް އޭޓީއެމް ބޭނުން ކުރެއްވުން
 
މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ޚިދުމަތްދޭ ސެންޓަރތައް ހުޅުވާނެ

ބްރާންޗަށް ވަޑައިގެންނެވުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ އަދި އޭޓީއެމް ބޭނުންކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ހޮނިހިރު ދުވަހު ބީއެމްއެލް ޚިދުމަތްދެމުންދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ޚިދުމަތްދޭ ސެންޓަރތައް ހުޅުވާނެ ކަމަށާއި އެހެން ނަމަވެސް އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގެން ހޯއްދަވަންޖެހޭ ޚިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް ހޯއްދެވުމަށް އިންޓަރނެޓް ބޭންކިންގ އާއި އޭޓީއެމް ގެ ބޭނުން ކުރުން ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ ޚިދުމަތްތައް ހޯއްދެވުމަށް ބްރާންޗަށް ކަސްޓަމަރުން ވަޑައިގަންނަވާކަން. މި ގޮތަށް ގިނަ ކަސްޓަމަރުން ބްރާންޗަށް ވަޑައިގެންނެވުމުން ބްރާންޗުގެ ކިޔު ދިގުވެ، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ވަގުތުވެސް ނަގާނެ. ބީއެމްއެލް އިން މިވަނީ ފަސަޭހައިން ބޭންކިންގ ޚިދުމަތް ހޯދޭނެ ގިނަ ވަސީލަތްތައް ގާއިމްކޮށްފަ. މި ގޮތުން އިންޓަރނެޓް ބޭންކިންގ އަދި ސެލްފްސަރވިސް އޭޓީއެމް ބޭނުންކޮށްގެން ވަރަށް ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހޯއްދެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހޭ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެންނެވުން
ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބައެއް ފަހަރު ކުންފުނިތަކުން ވެސް ޗެކް ޖަމާނުކޮށް، ބޭންކް ހުޅުވަންދެން މަޑުކުރާ ކަމަށެވެ. އެހެންނަމަވެސް އެ ދުވަހަށް މަޑުނުކުރައްވާ އޭޓީއެމްތައް މެދުވެރިކޮށް ޗެކްތައް ޖަމާކުރެއްވުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.

މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބްރާސްފަތިދުވަހު ބާޒާރު ބްރާންޗު ފިޔަވައި ބީއެމްއެލްގެ އެހެން ހުރިހާ ބްރާންޗުތަކާއި، ބިޒްނަސް ސެންޓަރތަކާއި ލޯން ސެންޓަރ އަދި ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވާނެއެވެ. ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 ފެށިގެން މެންދުރު 12:30 އަށް ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ބޭންކުގެ އިލްތިމާސް އަކީ ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެން ޑިޕޮސިޓް އޭޓީއެމް ބޭނުން ކުރެއްވުމެވެ. އޭޓީއެމްތަކުން 24 ގަޑިއިރުގެ ހިދުމަތް ލިބޭއިރު ކަސްޓަމަރު ބޭނުން ވަގުތަކު ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކޮށް އެ ބޭންކުން ބުނީ މި ގޮތުން ފައިސާ އާއި ޗެކު ޖަމާކުރުމުގެ އިތުރުން އޭޓީއެމުން ފައިސާ ނަގައި، ފައިސާ ފޮނުވުމާއި، ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް އޭޓީއެމުން ލިބޭނެ ކަމަށެވެ.

އޭޓީއެމް އިން ފައިސާ ނެގޭ އަދަދުތައް

- ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކަށް 25،000 ރުފިޔާ

- ޑޮލަރ އެކައުންޓްތަކުން ދުވާލަކަށް 1،600 ޑޮލަރު

- އޭޓީއެމް އަށް ފައިސާ ޖަމާކުރެވޭ އަދަދުތައް

- އަމިއްލަ ފަރުދުންގެ އެކައުންޓަށް: ދުވާލަކަށް 50،000 ރުފިޔާ

- ވިޔަފާރި އެކައުންޓަށް: ދުވާލަކަށް 200،000 ޑޮލަރު

އޭޓީއެމްގެ އިތުރުން ގޭގައި ތިއްބަވައިގެން ބިލަށް ފައިސާ ދެއްކެވުމަށާއި، އެކި އެކައުންޓްތަކަށް ފައިސާ ފޮނުވުމަށާއި ކާާޑާއި ލުއިލޯނަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް ލިބޭނެއެވެ. އަދި ހަމައެހެންމެ އޯޑަރުކުރައްވާ އެކި ބާވަތުގެ ތަކެއްޗަށް ފައިސާ ދެއްކެވުމަށް މޮބައިލް ޕޭގެ ހިދުމަތް ވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް