ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 17:17
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19އާ ގުޅޭގޮތުން ރައީސް ޞާލިހު ލަންކާގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި
 
ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި
 
ބަލި ބާރަށް ފެތުރެންފަށައިފިނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރެއްވި

ކޮވިޑް-19 ޕެންޑެމިކް އާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ދެ ޤައުމުންވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ބަލި ބާރަށް ފެތުރެންފަށައިފިނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ބޮޑުވަޒީރު ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަޞީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ހަމަ އެއާއެކު، ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި، އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަލުކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެޤައުމުން ވެސް، ބައެއް ދަތުރުފަތުރު ހުއްޓާލުންފަދަ ހަރުދަނާ ފިޔަވަޅުތަކާއި، މިދުވަސްވަރު ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ބާރުއަޅާ ފިޔަވަޅުތައް އަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ދެޤައުމުގެ ލީޑަރުންވެސް ވަނީ މި ޙާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، މި ޞަރަޙައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ޞަރަޙައްދުގެ ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
33%
0%
0%
ކޮމެންޓް