ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 14:31
އިސްލާމިކް މިނިސްޓަރ
އިސްލާމިކް މިނިސްޓަރ
ރާއްޖެއެމްވީ
ކޮވިޑް-19
ޖަމާއަތުގައި ނަމާދު ކުރުން އޭޕްރީލް 11 ވަނަ ދުވަހާއި ހަމަޔަށް ފަސްކުރަން ނިންމައިފި!
 
އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ އަސްރުނަމާދުގެ ނިޔަލަށް ވަނީ ފަސްކޮށްފައި
 
ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، މިސްކިތްތައް ބަންދެއް ނުކުރާނެ
 
މިއީ ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމި ނިންމުން އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ އަސްރު ނަމާދާއި ހަމަޔަށް އިތުރުކުރަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މާރޗް މަހުގެ 28 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ގްރޭޓަރ މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ މިސްކިތްތައް ބަންދުކުރާ މުއްދަތު 4 އޭޕްރީލްއާއި ހަމަޔަށް އިތުރުކޮށްފައެވެ. އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާފައިވަނީ 18 މާރޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން 28 މާރޗް 2020 ވާ ހޮނިހިރުދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށެވެ. ނަމަވެސް ހާލަތައް ރިއާޔަތް ކޮށް އިސްލާމިކް މިނިސްޓްރީން ވަނީ މި ނިންމުމުގެ މުއްދަތު އިތުރުކުރުމަށް ނިންމައިފައެވެ،

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިހެން ނިންމެވީ ކޮވިޑް-19 ރާއްޖެއިންފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމަށެވެ. މިއީ އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެލަފައާއެކު ނިންމާފައިވާ ނިންމުމެކެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އޭޕްރީލް 11 ވަނަ ދުވަހުގެ އަސްރުނަމާދާއި ހަމަޔަށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށްއަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓަރ ވަނީ ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރައްވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުންމާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މިއީ މިޙާލަތަށް ރިޢާޔަތްކޮށް އެޅިފައިވާ ފިޔަވަޅެއްކަމުގައިވާތީ، މި ޙާލަތު ބަދަލުވުމުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ކުރިއަށް ގެންދިއުމަށް އަންގަވާނެކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް