ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 08:20
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ކޮރޯނާވައިރަހުން ސަލާމަތްވުމަށް ޕްރިމިއާ ލީގު ކްލަބުތަކުގެ ބޮޑު އެހީއެއް
 
ކްލަބުތަކުން ވަނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނި ކުރުމަށްވެސް ހުށަހަޅާފައި

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ދެކޮޅަށް މަސައްކަތް ކުރާ ނެޝަނަލް ހެލްތު ސާވިސަސް އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުން 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުގެ މެދުގައި ބޭއްވުނު ބައްދަލުވުމަށްފަހު ކްލަބްތަކުން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށާއި އިނގިރޭސި ކޮމިއުނިޓީއަށް އަދި ކޮވިޑް-19 އިން އަސަރުކުރި އާއިލާތަކަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ. އޭގެ އިތުރަށް އިނގިރޭސި ފުޓްބޯލް ލީގު (އީއެފްއެލް) އާއި ނެޝަނަލް ލީގުގެ ކްލަބުތަކަށް 125 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ދެން ވަނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް މަޝްވަރާ ކޮށްފައެވެ. ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް ވާހަކަދެކެވެމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގު ފެށޭނެ ތާރީޚެއް ޔަގީން ނުވުމާއެކުގައެވެ.

ރިޕޯޓުތައް ބުނާގޮތުން ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް ކްލަބުތަކުން ނިންމީ އޮފިޝަލުންނާއި އަދި އެނޫންވެސް ވަޒީފާތައް ކްލަބުތަކުގައި އަދާކުރަމުން އަންނަ ފަރާތްތަކުގެ ވަޒީފާ ގެއްލުވައި ނުލުމަށެވެ. އެކަމަކު ޕްރެފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) މި ނިންމުމާއި ކުރިން ވަނީ ދެކޮޅު ހަދާފައެވެ. ޕީއެފްއޭ އިން ބުނަމުން ގެންދިޔައީ އިނގިރޭސި ޕްރިމިއާ ލީގަކީ ބޮޑު ވިޔަފާރިއެއް ކަމަށާއި ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި ނަމަ އެކަމުގެ ސަބަބުން ބައެއް ކްލަބްތަކުން ނާޖައިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 38،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެގައުމުން 3،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް