ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 15:01
ނަރުސް ފެއަޒީގެ ބައްޕަ
ނަރުސް ފެއަޒީގެ ބައްޕަ
އެޑްމިން
މަގޭ ރިޕޯޓް
ގޯހުން ހިނގީ ކޮން ކަމެއް ހެއްޔެވެ؟!
 
މޫނުދެކިލާނެ މީހަކު ނެތްތާ، ޖަނާޒާވެސް ލައިވްސްޓްރީމުގައި ހެއްޔެވެ؟!
 
އެކަނިއޮވެ ހިތާމަކޮށް މަރާ ހަނގުރާމަކޮށް ނިމިދާއިރު، ވަސިއްޔަތް ފޯރުކޮށްލާނެ ގާތްމީހަކުވެސް ނުހުރެއެވެ!

ރައްޔިތުންނަށް ބަލައިގަނެވޭނެ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާމެދު، އެ މީހެއްގެ މުޅި ޙަޔާތުގައި އަޑު އުފުލި، އެމެރިކާގެ މަޝްހޫރު ޤާނޫނީ ވަކީލަކު، ކޯވިޑް19 ގައި، މަރުވެގެން ދިޔަހިނދު، އޭނާގެ އަންހެން ދަރިފުޅު، މިސް މެގީގެ، ހިތަށް ކުޅަ އަސަރާއި، ހިތަށް އެނގުނު ކަންކަން، މީޑިއާއަށް ތިލަކޮށްލައި ދިނެވެ.

އޭނާގެ ބުނުންތަކުން ދޭހަވަނީ، އެ ހިތުގައި ފުން ވޭނަކާއި، ހިތި ޒަޚަމަކުން ވިކާލައިފި ކަމެވެ. މި ހިތްދަތި އަސަރަކީ، އޭނާގެ ބައްޕަ މަރަށް ޙާޒިރުވި ހިނދު، ބައްޕަގެ އަތުގައި ހިފަހައްޓައިލައިގެން، ކައިރީގައި ހުރެލަންވެސް ނުލިބުނީތީއެވެ.

އެ ބައްޕަގެ، އެންމެ ފަހުގެ ވަދާޢީ ވަގުތުގައި، މޫނު ދުށުމުގެ ނަސީބުން މަޙުރޫމްވީތީއެވެ. އަދި އޭނާއަށް، އެ ޖަނާޒާ ހިނގަމުން އެދިޔަ ވަގުތުގައިވެސް، ގަބުރުވެސް ހަމަ ލޮލުން ނުފެނުނީތީއެވެ. އެހެންކަމުން، އެ އަސަރާ ހިތާމަ، އެ ހިތުގައި އެވަނީ ލަކުނު ތަކެއްގެ ސިފައިގައެއް ނޫނެވެ. ރޯ ފާރުގަނޑަކުން ލޭ ހިލެމުންދާ ޒަޚަމްތަކެއްގެ ގޮތުގައެވެ.

ކޯވިޑު 19ގައި މަރުވާ، އެހެން މީހުންގެ ޖަނާޒާގައިވެސް، ޢަމަލު ކުރެވޭ ބީދައިން، މިދެންނެވި ޖަނާޒާވެސް ހިނގަމުން ދިޔައީ،އެކަން ހިނގަމުންދިއަ ތަނާއި ވަރަށް ދުރުގައި، މެގީ ހުއްޓިގެން ހުއްޓައެވެ. އެއީ މިޙާލަތުގައި ޢަމަލުކުރަން އޮންނަ އުސޫލެވެ. މިއީ އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުން، ސިއްޙީ އިރުޝާދުގެ އަލީގައި އަމުރު ކުރައްވައިފައި އޮންނަ ގޮތެވެ.

އެހެންކަމުން، މިފަދަ ގަބުރެއް ވަޅުލެވޭ، މަހާނައާއި ކައިރިވުމުގެ ހުއްދަވެސް ލިބެނީ، ޖަނާޒާގެ ކަންކަން ކުރަމުން އެ ގެންދާ ބަޔަކު، އެކަން ނިންމާފައި، އެތަނުން ދުރަށް ދިއުމުންނެވެ. މިއީ، މިހާތަނަށް އެމެރިކާއިން ފެންނަމުންދިޔަ، ޢާންމު ޖަނާޒާތަކުގައި، އެ އޮންނަ، މާ ބެހެއްޓުމާއި، ޢާއިލާގެ އެންމެންނަށް މޫނު ދެއްކުމާއި، އަދި އެކަމަށް އަންނަ ޢާއިލާގެ މެންބަރުން، މިކަންކަން ނިންމާފައި ބާއްވާ ބިލެތް މީރުކޮށްލުންފަދަ، ކިތަންމެ ސަގާފީ އާދަކާދަތަކަށް، ނިމުން ގެނުވާޖަނާޒާއެކެވެ.

މިއަދު ކޮންމެ ޢާއިލާއަކުން ދާދި މަދު މެންބަރަކަށް މިފުރުސަތު ލިބޭއިރު، ގިނަ ބަޔަކު ތިބީ، އެ ފުރުސަތުންވެސް މަޙުރޫމްވެފައެވެ. އެބަޔަކަށް އޮތީ ހަމައެކަނި، ރަސްމީކޮށް "ލައިވް ސްޓްރީމު" ން، ދައްކާލާ ވީޑިއޯ ފުޓޭޖު ބަލާލުމުގެ ނަސީބު އެކަންޏެވެ!

މެގީގެ ބައްޕަ، އެ ބަރުދާސްތުކުރި އެކަނިވެރިކާއި ހިތްދަތިކަމުގައި، އެ ބީދައިން އޮވެ، ކޯވިޑް ނަވާރައިގައި ބައިލައްކަ އަށްވުރެން ގިނަ މީހުން މަރުވެގެން ހިނގައްޖެއެވެ. އޭގެ ތެރޭގައި މަޝްހޫރު ޝެފުންނާއި، ދުނިޔެ ޙައިރާންކޮށްލި މޮޅު ޑޮކްޓަރުންނާއި، ޚިދުމަތްތެރި ނަރުހުންނާއި، ފިލްމީ ތަރިންނާއި، ލަވަކިއުންތެރިންނާއި، މިއުޒީޝަނުންނާއި، ސިޔާސީ މުފައްކިރުންގެ ނިމުން، ލިޔެވިގެން ހިނގައްޖެއެވެ.

ވަކީން ޚާއްސަކޮށް، އިސް ރަށްވެހީންގެ ޖަނާޒާ ތަކުގެ އާދަކާދައަށް ބަލައިލިނަމަވެސް، އެބައެއްގެ ވަދާޢުގެ ވަގުތުގައި، ޢާންމު ޙާލަތުގައިނަމަ، އެ ޖަނާޒާތަކުގައި ވައިވެރިވާނެ ހޫރުކާފައިންނާއި ހޫރުމާމައިންނާއި، މުނިކާފައިންނާއި މުނިމާމައިންނާއި އަދި ކާފައިންނާއި، މާމައިންގެ ދަރިންގެ އިތުރުން، ކިތަންމެ މައިންބަފައިންނެއް މަރުވެގެން އެދިޔައީވެސް އެޙާލުގައެވެ. އެއިން މީހެއްގެ މޫނު ދެކިލުމުގެ ނަސީބު އެ އާއިލާތަކަށް ނުލިބިއެވެ. ސުވާލަކީ، މިހާ ހިތްދަތި ޖަނާޒާތަކެއް، ދުނިޔޭގެ ސަފުޙާގައި، މިއަދު ލިޔެވެމުން ދާންދާއިރު، މުޅި އިންސާނިއްޔަތަށް ވެރިވެފައި މިވަނީ، ކިހާފުން ހިތާމައެއް ހެއްޔެވެ؟ މިއީ ކޮންފަދަ ވޭނީ އަސަރުތަކެއް ހެއްޔެވެ؟

މަރަކީ، ކޮންމެ މީހަކުވެސް ވާނެ އެއްޗެކެވެ. އެކަން އެންމެންވެސް ގަބޫލު ކުރެއެވެ. އަދި އެ ވަގުތަކީ ޚުދު މަރުވާ މީހާއަށާއި ޢާއިލީ މެންބަރުންގެ ހިތްތައް ރޮއްވާލާވެސް ވަގުތެކެވެ. އެކަން އެހެން އޮތްނަމަވެސް، ގިނަ ބަޔެއްގެ ހިތަށް ލިބޭ ތަސައްލީއަކީ، އެމީހުންގެ ލޯބިވެތި ފަރާތްތައް، ބަލި އެނދުގައި އޮވެ، މަރުވެގެންދާއިރު، އެންމެ ފަހު ވަގުތުގައިވެސް، ހޭހަން ކޮށްދެވުނީތީ، ލިބޭ ހިތްހަމަ ޖެހުމެވެ. ފަހުވަގުތުގައިވެސް އަތުގައި ހިފަހައްޓައިލައިގެން ތިބެވޭތީ ލިބޭ ހިތްހަމަޖެހުމެވެ. އެމީހުންގެ ބޮލުގައި ފިރުމައިލެވުނީތީ އެ ލިބޭ ހިތްހަމަ ޖެހުމެވެ. އެމީހުންގެ ބަލީގެ ސަބަބުން އަޅާ ވޭނުގައި ކެތްތެރިކަމުގެ ޖުމްލަތަކުން ބަލިމީހާގެ ހިތަށް ތަސައްލީއެއް ދެވުނީތީ އެ އޮންނަ ހިތްހަމަ ޖެހުމެވެ. ނަމަވެސް މިއަދު އެކަންކަން ކޮބައިހެއްޔެވެ؟

ޣައިރު މުސްލިމުންގެ މަރުގެ ވަގުތުގައި އެފަދަ ކަންކަން ފެންނަމުންދާއިރު، މުސްލިމުންގެ މިފަދަ ޙާލަތުގައި، ޢާއިލާގެ މީހުންނަށް ޙާސިލްވާ އުފަލަކީ، ޝަހާދަތް ލައިދެވުނީތީ ވާ އުފަލެވެ. އަދި މަރުވެގެން އެދަނީ، ނަމާދު ޤާއިމްކުރި، ހަމައެހެންމެ ޒާހިދު ޢަމަލުތަކުގެ ނަމޫނާ ޝަޚްސިއްޔަތެއްނަމަ، ކިތަންމެހާވެސް ހިތްހަމަޖެހުމާއި ތަސައްލީ ޢާއިލާއަށާއި ޚުދު މަރުވެގެންދާ މީހާގެ ހިތަށްވެސް ލިބެއެވެ.

ކޮންމެއަކަސް ކޯވިޑް19ގައި، މަރުވަނީ، ކޮންމެ ދީނެއްގެ ކޮންމެ މީހެއްކަމުގައި ވިޔަސް، މޫނު ދުށުމުގެ ފުރުސަތާއި، ގަބުރުގެ ކައިރީގައި މަޑުކޮށްލައިގެން ތިބުމުގެ ފުރުސަތެއް ނޯވެއެވެ. ކޮރޯނާ ވައިރަހަކީ، އެއަށްވުރެ ނުރައްކާ އެއްޗެކެވެ. ފުރާނަ ދިޔަ ގަބުރުންވެސް އެ ވައިރަސް ބޭރުވެއެވެ. ދިރިހުރި ޖިސްމެއްގެ ހަށިގަނޑަށްވަދެ، ވާނޮޅީގައި ވަކި ހިއްޕާލައެވެ. މީގެ އެންމެ ނުރައްކާ ޙާލަތުގައި ދޮޅި އުފުރާ ނޭވާލާން އުނދަގޫ ކޮށްލައެވެ. ހަށިގަނޑުގެ ޓެމްޕްރޭޗަރ އޮބިނޯންނަވަރަށް އުފުލައިލައެވެ. ނިއުމޯނިއާއަށް، ހުށަހަޅުވައެވެ. ކިޑްނީ ހުއްޓުމަކަށް ގެނުވައެވެ. ދެން ފެންނަނީ، ހަށިގަނޑާ ފުރާނަ ދެތަންވާ މަންޒަރެވެ.

އެހެންކަމުން، މިފަދަ ޖަނާޒާތަކުގައި، އެއްބަޔަކަށް ބައިވެރިވެވެނީ، "ލައިވްސްޓްރީމް"ގެ އެހީގައެވެ. ނޫނީ ބަލައިލެވެނީ، ފޭސްބުކްގެ އެޕެއް ބޭނުންކޮށްގެން ފޮނުވައިދޭ ވީޑިއޯއެކެވެ. އެމެރިކާއި ވެސް، ޖަނާޒާގައި ބައިވެރިވެވެނީ، އިސްވެ ދެންނެވި އުސޫލުގެ މަތިންނެވެ. ޢާއިލާގެ ދާދިމަދު މީހަކަށެވެ. އެކަމެއް ހިނގާ ހިސާބާ ދުރުގައި މަޑުކޮށްލައިގެން ހުންނަން ހަމަޖެހިފައި އެ އޮންނަ، ހިސާބެއްގައި ހުރެއެވެ. "ފިޒިކަލް އަދި ސޯޝަލް ޑިސްޓެންސް" ގެ ގަވާއިދާ އެއްގޮތަށެވެ. އެއީ މޫނު ދުށުމުގެ ނަސީބެއް ނޫނެވެ.

އެމެރިކާގެ މަޝްހޫރު ޝެފެއް (ކ) އަދި މަޝްހޫރު މިއުޒިކީ ފަންނާނެއް (ވ)

ޑެންވާރސްގެ "ސްވިޑިޝް މެޑިކަލް ސެންޓަރު" ގެ ނަރުސް މިސްފެއާޒީގެ ބައްޕައަށް، ކޮންމެ ދުވަހަކުހެން ލިބިފައި އޮތް، އާއިލާއަށް ވީޑިއޯ މެދުވެރިކޮށް ބައްދަލުވެ އުޅުމުގެ ނަސީބަކީ، މި ބަލީގައި އެނދުމަތިވާ ޙާލުދެރަވާ އެހެން މީހުންނަށް ލިބޭ ނަސީބެއް ނޫނެވެ. ފެއާޒީ އެ ހޮސްޕިޓަލުގައި ޚިދުމަތްދިން އެކަކީ އޭނާގެ ބައްޕައެވެ. އެހެންކަމުން ބައްޕައަށް، ވީޑިއޯ މެދުވެރިކޮށް، އެހެން ދަރިން ފެނުމާ، ހިނިތުންވުން ބަލައިގަތުމުގެ ނަސީބު، ޙާލު ދެރަވަންދެއް ލިބުނެވެ. ފެއާޒީގެ ބައްޕަ މަރުވީ،މިގޮތުން އޭނާގެ ހިތައް ކުޑަނަމަވެސް ތަސައްލީއެއް ލިބިގެންނެވެ.ސުވާލަކީ، އެހެން މީހުންނަށް އެވަރުވެސް ވީ ހެއްޔެވެ؟

ކޯވިޑު19ގައި، ނާޒުކު ޙާލަތުގައި، މެޝިނުގެ އެހީގައި ނޭވާލަމުން ދުނިޔެ ދޫކުރާ ގިނަ މީހުންނަށް، ކުރިމަތިވާނެ އެންމެ ހިތްދަތި ކަމަކީ، އެކަނިއޮވެ ހިތާމަކުރަމުންގޮސް، ފުރާނައާއި ހަށިގަނޑު ދެތަންވާން ޖެހޭ ޖެހުމެވެ.

ބޮލުގައި ފިރުމައިލަދޭނެ ލޯބިވާ ފަރާތްތަކާއި ވަކީން އޮންނަން ޖެހުމެވެ. އެއިން މީހެއްގެ އަތުން ފެންފޮދެއްވެސް ތުނބުގައި ނުޖެހުމެވެ. ދޭން އޮތް ޚަބަރުތައް ނުދެވުމެވެ. ޙަވާލުކުރަން ބޭނުން ޒިންމާތައް ހަވާލު ނުވުމެވެ. ވަސިއްޔަތްތައް ފޯރުކޮށް ނުދެވުމެވެ. އެންމެ ފަހުވަގުތު ހާމަކުރަން ބޭނުންވާ ސިއްރެއް އޮތަސް، އެއިން ކަމެއް ހާމަކޮށް ނުލެވުމެވެ.

މިއީ، ބުނަންބޭނުން ކިތަންމެ ވާހަކައެއް، އެކުދިންނާ ބައްދަލު ނުވީތީ، ނުބުނެވި އޮވެ، ވަކިވާން ޖެހުމުގެ ހިތާމައެވެ. ކުރާން އޮތް އޮތް ވަސިއްޔަތް ފޯރުކޮށްލައި ނުދެވުނީތީ އެވެ. ވެންޓިލޭޓަރުގައި ނަމަ އޮންނަނީ ނޭވާއަކަށްފަހު، ނޭވާއެއް ލުމުގެ ތަކުލީފެއްގައެވެ. އެހެން އޮވެ، އަސަރާއެކު ލޯމަރާލާއިރު، އެ ޖަނާޒާ ދެކެން އެދިއެދި އޮތް އާއިލާއަށްވެސް، މޫނު ދުށުމުގެ ނަސީބެއްނެތެވެ. ގަބުރާ ކައިރިވުމުގެ ފުރުސަތެއް ނެތެވެ.

މިލިއަނަކަށްވުރެން ގިނަ މީހުންނަށް، އެ ވައިރަހެއްގެ ނުރައްކާ ކޮށްފައިއޮތް، ކޯވިޑު19 ގެ ނިމުމަކީ، ފުންކޮށް ވިސްނައިލަން ޖެހޭ ފަދަ، ނިމުމެކެވެ. "ކަންކަމާމެދު، ތިޔަބައިމީހުން ވިސްނާ ފިކުރުކުރާށެވެ" މިއީ އިންސާނާއަށް އައިސްފައިވާ އިރުޝާދެކެވެ. ކައުނާއި، ކައުނުގައި ﷲ ތަޢާލާ ލެއްވި ދިރުންތަކާއި، ޖައްވާއި ފަޒާގައިވާ ކަންކަމަށް، އަހަރެމެން ވިސްނާން ފެށުމުން، ހިތްތައް އަލިވެ، ހިތަށް ކަންކަން އެނގޭލެއް ބޮޑުވެގެން ދެއެވެ. ހެއްދެވި ފަރާތުގެ ރަޙުމާން ވަންތަކަން ހިތަށްވަދެ، ޝުކުރުވެރިކަމުގެ ހިނިތުންވުންތައް ގެނުވައެވެ. އަދި އުޚުރަވީ ޙަޔާތުގެ ބަދުނަސީބު ވެރިއަކަށް ވެދާނެއަތީ، ބިރުވެތިވެވެއެވެ. އެހެނަސް މި ވިންދު ހިތުގައި ޖަހަނީ ވިސްނަންފެށީމައެވެ.

މި ދުނިޔޭގެ މިވަގުތު ނޭވާލާ ފުރާނަ ތަކުގެ ތިންބައިކުޅަ އެއްބައި ތިބީ، ގައިދުރުކަމުގައެވެ. "ލޮކްޑައުން" ގައެވެ. އެމެރިކާގެ ރައްޔިތުންގެ ގާތްގަނޑަކަށް 90 އިންސައްތަ އެ ތިބީވެސް، ގޭގައި ގައިދުރުކަމުގައެވެ. މިއީ ކުރަމުން ގެންދިޔަ މަސައްކަތުން އަތްބަންދުވެގެން 10 މިލިއަން އެމެރިކާމީހުން ގައިދުރުޙާލުގައި ތިބި ވަގުތެވެ.

އަނެއްކޮޅުން ބޮންއަޅާ ބޯޓުފަހަރުގެ ކަނޑުގެ މަނަވަރު ރޫޒްވެލްޓުގެ ފަޅުވެރިންގެ ތެރޭގައިވެސް މި ވައިރަސް ފެތުރޭއިރު، މަނަވަރު އޮތީ ކަނޑުމަތީގައެވެ. ވައިރަހާއި ހަނގުރާމަކުރާ މީހުންގެ ތެރޭގައި ފައިޓަރޖެޓުތަކުގެ ޕައިލެޓުންވެސް ހިމެނެއެވެ. މި މަންޒަރުތަކަށް ފިކުރު ހިންގައިލުމުން، ހިތަށް ވަންނަނީ، މިއީ ދުނިޔެ ކުރާ އައު ތަޖުރިބާއެއް ކަމެވެ. ދުނިޔެއަށް އަޅަންޖެހިފައި އޮތް ތަފާތު ކަރުނައެއް ކަމެވެ. ބަރުދާސްތުކުރަން ޖެހިފައި އޮތް ތަފާތު ވޭނެއް ކަމެވެ. ސުވާލަކީ، އަހަރެމެންގެ ފުށުން ގޯހުންހިނގީ ކޮންކަމެއް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
9%
91%
0%
0%
0%
ކޮމެންޓް