ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 20:08
ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ
ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ފަރުކޮޅުފުށި އައިސޮލޭޝަން ޚާއްސަކުރަނީ "ހައި ރިސްކް" ބަލި މީހުންނަށް!
 
ކޮންމެ ވާރޑެއްގައިވެސް ވައިފައިއާއެކު ޓީީވީއެއް ބެހެއްޓިފައި ހުންނާނެ
 
އެންދުތައް ގިނަ، ޚިދުމަތްތައްވެސް ފުޅާ
 
ފެސިލިޓީ އަލުން ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދާއެކު

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ސަރުކާރުން ތައްޔާރީ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތެވެ. އެކި ރޮނގު ރޮނގުން ބޭނުންވާ ފަންނީ އެހީތެރިކަމާއި، ވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތްތައް ފުޅާކޮށްލިއެވެ. ކުރީބައިގައި ތައްޔާރުވުމަށް "ނުފޮރުޅާ އެއްވެސް ގަލެއް ނުބޭއްވުމުގެ" ޢަޒުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކުން އަތުކުރިއޮޅާލިއެވެ.

އެއާއެކު އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުން ރާއްޖެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ގެންދިއުމަށް ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމުކުރިއިރު، ކޮވިޑް-19 ގެ އަސަރުކޮށްފައިވާ ފަރާތްތައް ގެންދިއުމަށް އެންމެ ފުރަތަމަ ޤާއިމު ކުރެވުނު އެއް ފެސިލިޓީއަކީ ފަރުކޮޅުފުށީގެ އައިސޮލޭޝަން ފެސިލިޓީއެވެ.

އޭރު 30 އެނދާއެކު އޮޕަރޭޓްކުރި މި ފެސިލިޓީއަށް ފާއިތުވި ދުވަސްތަކުގައި އެކި ފަރާތްތަކުގެ ފާޑުކިއުމާއި ތަޢުރީފު އޮހިފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދިޔައީ އެހެން ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި އެކަންކަން އިންތިޒާމު ކުރެވިފައިވާ ގޮތް ފުރިހަމަކަމާއި، އަވަސްކަމެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ ކުދިކުދި ބަދަލުތަކާއެކު މިއީ ޤައުމުތަކުން ނަގާކިޔޭނެ ފަދަ ފެންވަރު ރަނގަޅު ފެސިލިޓީއަކަށް ހެދިދާނެ ކަމަށެވެ. ކޮންމެއަކަސް، ސަރުކާރުން މިވަނީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު، އަލުން ހުޅުވަން ތައްޔާރުކޮށްފައެވެ.

އެންދުތައް ގިނަ، ޚިދުމަތްތައްވެސް ފުޅާ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވިއްސަކަށް އޮފިސަރުންގެ ޓީމެއްގެ މޭސްތިރިކަމުގެ ދަށުގައި ފަރުކޮޅު އައިސޮލޭޝަން އިތުރަށް މަރާމާތުކޮށް، އާބާތުރަ ފިލުވާފައިވާއިރު، އެންމެ 4 ދުވަހުން ފެސިލިޓީގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. އެގޮތުން ފެސިލިޓީ އަލުން ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދުގެ އިތުރުން، 1 ވެންޓިލޭޓަރުގެ ޚިދުމަތާއެކުއެވެ.

އަލުން ފެސިލިޓީ ހުޅުވާއިރު، ކުރިން ޢާންމުންގެ ފަރާތުން ލިބިފައިވާ ބައެއް ޝަކުވާތަކަށް ރިޢާޔަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މީޑިއާތަކާ އެ މަޢުލޫމާތުތައް ޙިއްސާކުރައްވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ކުރިން ފާހަގަވި ބައެއް މައްސަލަތައް ރަނގަޅުކޮށްފައިވާނެ ކަމަށާއި، މިހާރު ފެސިލިޓީގެ ވާރޑުތައް އޭސީކޮށް، ހުރިހާ ވާރޑެއްގައި ބިއްލޫރި ޖަހާފައިވާނެ ކަމަށެވެ. އަދި ޓީވީ ހަރުކޮށް، ކޮންމެ ވާރޑެއްގައިވެސް ވައިފައިއާއެކު ޓީީވީއެއް ބެހެއްޓިފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފެސިލިޓީ އަލުން ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދާއެކު

އޭގެ އިތުރުން، ފެސިލިޓީ އަލުން ހުޅުވިއިރު، ނަރުހުންނަށް ޚާއްޞަކޮށް ނަރސިންގ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މަބްރޫކު ވިދާޅުވީ، ކޮންމެ ވާރޑެއްގައިވެސް 2 ފާޚާނާ ހުންނާނެ ކަަމަށާއި، ފެސިލިޓީއަށް ގެންނަ މީހުންނަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ފަރުކޮޅު އައިސޮލޭޝަން ވާރޑެއްގެ ފާޚާނާ

މިއީ ވަންވޭ މަގެއް ކަހަލަ ތަނެއް، އިންތިޒާމްތައް ހުރީ އެހެން

ނޫސްވެރިންނަށް މި ފެސިލިޓީއާ ގުޅޭ މަޢުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ފެސިލިޓީއަށް ގެނެވޭ ޕޭޝަންޓުން ގެންނާނީ ވަކި ޖެޓީއަކުން ކަމަށާއި، ސީއެމްބިއުލާންސްގައި ގެނައުމަށްފަހު އެ ނޫން އެއްވެސް މަގަކުން ބަލި މީހާ ނުގެންދެވޭނެ ކަމަށެވެ. އަދި ބަލި މީހާއަށް ފަރުވާ ދިނުމަށްފަހު، އައިސޮލޭޝަން މުއްދަތު ހަމަވުމުންވެސް އެމީހާ ނެރޭނީ ވަކި ރޫޓަކުންކަން ފާހަގަކުރައްވައި މަބްރޫކު ވިދާޅުވީ، ނެރުމަށްފަހު އަލުން އެ ރޫޓުން ބަލިމީހާއަށްވެސް އެތެރެއަށް ނުދެވޭނެކަމަށެވެ. އެގޮތުން އެތަނުގައި ބަލި މީހުންނާއި ޞިއްޙީ އެހީތެރިން ވަދެ ނުކުމެ އޮންނަނީ ދެ ރޫޓެއްކަން ފާހަގަކުރައްވައި މަބްރޫކު ވަނީ އެއީ "ވަންވޭ މަގެއް" ގޮތުގައި ސިފަ ކުރައްވާފައެވެ.

ފެސިލިޓީއަށް ގެނެވޭ ބަލިމީހުން ގާތްކުރާ ޖެޓީ

އައު ޚިދުމަތްތަކާއެކު މި ފެސިލިޓީގެ މަސައްކަތް ނިންމާފައިވާއިރު، މަބްރޫކު ވިދާޅުވީ، ފަރުކޮޅު އައިސޮލޭޝަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކުރިއިރު، އެތަނުގެ ސާމާނުތަކާއި ޞިއްޙީ އާލަތްތައް ވެލިދޫ އައިސޮލޭޝަނަށް ގެންދެވިފައިވާ ކަމަށާއި، އެތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފަރުކޮޅު އައިސޮލޭޝަން ޚާއްޞަކުރާނީ ޕޮޒިޓިވް މީހުންގެ ތެރެއިން "ހައި ރިސްކް" މީހުންނަށް ކަމަށާއި، ޑޮކްޓަރުން ގާތުން މޮނިޓަރ ކުރަން ބޭނުންވާ ބަލި މީހުންނާއި، ރޯގާގެ އަލާމަތްތައް ބޮޑަށް ފެންނަ މީހުން ފަރުކޮޅު އައިސޮލޭޝަނަށް ގެންނާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭގެ އިތުރުން، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ކޮވިޑް-19 ގެ އަލާމަތްތައް ނުފެންނަ ސްޓޭބަލް ބަލި މީހުން ގެންދާނީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުކޮޅު އައިސޮލޭޝަންގެ މައުލޫމާތު މަބްރޫކު މީޑިއާތަކާ ހިއްސާކުރައްވަނީ

ފަރުކޮޅު އައިސޮލޭޝަނުން ފަރުވާދިނުމަށްފަހުވެސް ޙާލަތު އިތުރަށް ގޯސްވެ، އިތުރު އިންޓެންސިވް ކެއަރ ބޭނުންވާނަމަ ދެން ބަދަލުކުރާނީ ދަރުމަވަންތައާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ އައިސީޔޫތަކަށް ކަމަށް މަބްރޫކު ފާހަގަކުރެއްވިއެވެ.

ކޮންމެއަކަސް، ފަރުކޮޅު އައިސޮލޭޝަންގެ ޚިދުމަތްތަކާއި، އެތަނުގެ އިންތިޒާމުތައް ލޮލަށް ފެނުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން އަޅާފައިވާ ބޮޑެތި ފިޔަވަޅުތައް ފެނިގެން ގޮސްފިއެވެ. ސަރުކާރުން ތައްޔާރުވަމުންދާ މިންވަރާއި، ރައްޔިތުންގެ ލާބައަށް ކުރަމުންދާ މަސައްކަތްތަކަށް ހަޤީޤަތުގައިވެސް ތަޢުރީފު ޙައްޤެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް