ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 16:34
އިންޑިއާއިން ގެނައި ބޭސް ޝިޕްމެންޓް
އިންޑިއާއިން ގެނައި ބޭސް ޝިޕްމެންޓް
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19 ފެތުރިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ބޭސް ރާއްޖެ ގެނެސްފި
 
ޝާހިދު ވަނީ އިންޑިއާ އަށް ޝުކުރު އަދާކުރައްވާފައި
 
މީގެ ކުރިން ކާޑުގެ ބައެއް ބާވަތްތައް ވަނީ ގެނެސްފައި
 
ބޭސްތައް ގެނައުން ލަސްވީ އިންޑިއަ ލޮކްޑައުން ކޮށްފައި އޮތުމުން

ކޮވިޑް-19 ފެތުރިއްޖެ ޙާލަތެއްގައި ބޭނުންކުރާނެ ބޭސް ރާއްޖެ ގެނެސްފިއެވެ.

''އޮޕަރޭޝަން ސަންޖީވަނީ'' ގެ ދަށުން 6.2 ޓަނުގެ ޒަރޫރީ ބޭހާއި, ޞިއްޙީ ދާއިރާއަށް މުހިންމު އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓެއް އިންޑިއަން އެއަރ ފޯސް (އައިއޭއެފް) ގެ ސީ-13 އެއަރކްރާފްޓެއްގައި އިންޑިއާއިން މާލެއަށް އެއަރލިފްޓް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

މި ޝިޕްމެންޓަކީ އިންޑިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިޢުލާނު ކޮށްފައިވާ 21 ދުވަހުގެ ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ނުގެނެވި ތާށި ވެފައިވާ، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޑިއާގެ ހަތް ސަޕްލަޔަރުނަށް ދީފައިވާ އޯޑަރުތަކުގެ ޝިޕްމެންޓެކެވެ.

މި ޝިޕްމެންޓުގައި އިންފްލުއެންޒާ ވެކްސިންއާއި، ލޮޕިނަވިރް އަދި ރިޓޮނަވިރް ފަދަ އެންޓި-ވައިރަލް ޑްރަގާއި، ހިތުގެ ބަލިތަކަށާއި، ކިޑްނީގެ ބަލިތަކަށާއި، ލޭ މައްޗަށް ދިޔުމާއި، އާތުރައިޓިސް، ހަކުރުބަލި، އެލަރޖީ، އަދި ކެންސަރު ބަލީގެ ބޭހުގެ އިތުރުން އެންޓިކޮންވަލްސެންޓް ބޭހާއި، ކެތީޓަރ، ނެބިއުލައިޒަރ، ޔޫރިން ބޭގް އަދި ފީޑިން ޓިއުބް ހިމެނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ބޭސްތައް ރާއްޖެއާ ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޤައުމުތަކުން އިންޑިއާ ލޮކްޑައުން ކޮށްފައި އޮތް ދަނޑިވަޅެއްގައި އެ ގައުމުން ރާއްޖެ އަށް ބޭނުންވާ ބޭސް ފޯރުކޮށް ދިނުމަކީ ރާއްޖެއަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. ރާއްޖެއިން އެހީއަށް ބޭނުންވާ ކޮންމެ ހާލަތެއްގައި ރާއްޖެއާ އެންމެ ގާތްކޮށް އޮންނަނީ އިންޑިއާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އިންޑިއާ ސަފީރު ސަންޖޭ ސުދީރް

އިންޑިއާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަމުން އަންގައިދެނީ އިންޑިއާއިން ރާއްޖެއަށް އަހައްމިއްޔަތު ދޭޭ މިންވަރު ކަމަށެވެ. ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ރާއްޖެއާ އިންޑިއާއާ ދެމެދު ވަނީ މަޝްވަރާ ކޮށްފައެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ގެނެސްފައިވަނީ އިންޑިއަން އެއާފޯސްގެ މަތިންދާ ބޯޓެއްގައި

މާރޗް މަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ. ލޮކްޑައުން ޙާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެވިފައެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރެވޭ މަސައްކަތުގައި އެހީވުމަށްޓަކައި އިންޑިއާއިން 14 ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ 'ރެޕިޑް ރެސްޕޮންސް' ޓީމެއް ވަނީ ފޮނުވާފައެވެ. އިންޑިއާ ލޮކްޑައުން ކުރުމަށް ފަހު އަވައްޓެރި ޤައުމުތަކުގެ ތެރެއިން ބޭހުގެ ޝިޕްމެންޓް އެޤައުމަކަށް އެކްސްޕޯޓްކުރެވުނު ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް