ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 17:06
ކްރިސް ކުއޯމޯ
ކްރިސް ކުއޯމޯ
ސީ.އެން.އެން
ކޮވިޑް-19
ސީއެންއެންގެ ރިޕޯޓަރ، ކްރިސް ކުއޯމޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
 
ކްރިސްގެ އިތުރުން ސީއެންއެންގެ އެެހެން ދެ މުވައްޒަފަކުވެސް ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައި
 
އޭނާއަކީ ނިއު ޔޯކްގެ ގަވަނަރ އެންޑްރޫ ކުއޯމޯގެ ކޮއްކޮ
 
ކްރިސް ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އިއުލާންކޮށްފައިވަނީ އަންގާރަ ދުވަހު

ސީއެންއެންގެ ނޫސްވެރިޔާ އަދި އެމެރިކާގެ ނިއު ޔޯކްގެ ގަވަނަރގެ ކޮއްކޮ، ކްރިސް ކުއޯމޯ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

ސީއެންއެންއިން ބުނީ ކްރިސްގެ ހާލު ރަނގަޅުކަމަށާއި، އޭނާގެ "ކުއޯމޯ ޕްރައިމް ޓައިމް" އަދިވެސް ކުރިއަށްދާނެކަމަށާއި ނަމަވެސް ޝޯވ ނަގާނީ ގޭގައި ހުރެގެންކަމަށެވެ. ކްރިސް ބުނީ "ކުއޯމޯ ޕްރައިމް ޓައިމް" ދެން ކުރިއަށްދާނީ އޭނާގެ ގޭގެ ބޭސްމަންޓުންކަމަށެވެ.

ވަޒީފާގެ ގޮތުން ވަރަށް ގިނަ މީހުންނާ ބައްދަލުވެފައިވާކަން ފާހަގަކޮށް ކްރިސް ބުނީ، ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވި ނަމަވެސް އަންހެނުންނާއި ދަރިން އިންފެކްޓް ނުކުރެވޭކަމަށް އުއްމީދު ކުރާކަމަށެވެ. އޭނާގެ ފަރާތުން އެ މީހުން މި ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ މާ ދެރެވާނެކަމަށް ވެސް ކްރިސް ފާހަގަކުރިއެވެ.

އަންގާރަ ދުވަހު ކްރިސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ އެންމެ ފަހުން ސީއެންއެންގެ ނިއު ޔޯކް އޮފީހަށް ގޮސްފައިވަނީ ހުކުރު ދުވަހުއެވެ. ކޮއްކޮ ޕޮޒިޓިވްވުމާ ގުޅިގެން ގަވަނަރ ކުއޯމޯ ވިދާޅުވީ ކްރިސްގެ ހާލު ރަނގަޅުކަމަށެވެ.

ގަވަނަރ ކުއޯމޯ ވަނީ ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ގައުމުގެ ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެހީ ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި، ވެންޓިލޭޓަރ ނުލިބުމުގެ މައްސަލަވެސް ހިމެނެއެވެ.

ސީއެންއެންގެ އެންމެ ފާހަގަކޮށްލެވޭ އެއް ރިޕޯޓަރުކަމަށްވާ ކްރިސްގެ އިތުރުން އެ އޮފީހުގައި މަސައްކަތްކުރާ ދެ މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިކަން މާޗް މަހުގެ މެދުތެރޭ މުޒައްޒަފުންނަށް އަންގާފައިވާއިރު، މިހާރު އެތަނުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ގެއިންނެވެ. މީގެ އިތުރުންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ސީއެންއެން ބުނެއެވެ.

އެމެރިކާގައި މިހާތަނަށް 188،000 އަށް ވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، ނިއު ޔޯކްގައި އެކަނިވެސް 75،000 އަށް ވުރެ ގިނަ ކޭސް އެބައުޅެއެވެ. އަދި މާޗް 31 ގައި އެކަނިވެސް އެ ސިޓީން 9،000 އަށް ވުރެ އާ ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް