އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19

ވައިރަސް ހުންނަކަމުގެ ނިޝާނެއް ނުފެނި ޗައިނާއިން ކޮވިޑް-19 ޖެހޭ މީހުން ފެންނަން ފަށައިފި

  • ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އަންނަނީ މިފަދަ މީހުން ވަކިކޮށް ޑާޓާއަށް އެއްކުރުމުގެ ކަންކަންކުރަމުން
  • ޗައިނާއިން މިހާތަނަށް އާއިރު 81،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވޭ

ކ. މާލެ | 1 އޭޕްރިލް 2020 | ބުދަ 16:17 | 51,841

ޗައިނާއަކީ އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމު - އޭޝިއަން ޓްރައިބިއުން

ކޮވިޑް-19 ގެ ވައިރަސްގެ ނިޝާނެއް ހަށިގަނޑުގައި ހުންނަކަން ނުފެނި ވައިރަސްއަށް ޕޮޒިޓިވް ވާ މީހުން ފެންނަން ފަށައިފިކަމަށް ޗައިނާގެ ސިއްހީ ދާއިރާތަކުން ބުނެފިއެވެ.

މިއާއެކު އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާ އާންމު ހާލަތަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާއިރު ވައިރަސް ހަށިގަނޑުގައި ހުންނަކަން ނޭންގި އެތައް ހާސްބަޔަކު މުޖުތަމައުގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ޗައިނާގައި ވަނީ އުފެދިފައެވެ. ވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރުނު ހޫބޭ ޕްރޮވިންސް ލޮކްޑައުންކޮށްފައި ބާއްވައިގެން ޗައިނާއިން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފައެވެ.

ނަމަވެސް ލޮކްޑައުން ނިމުމަކާ ހަމައަށް އަންނައިރު ވައިރަސް ޖެހިފައިވާ އެތައް ހާސްބަޔަކަށް ނޭންގި އާންމު ދިރިއުޅުމަށް ނިކުތުމުގެ ބިރު ވަނީ ހީވެފައެވެ. އެމީހުންގެ ގައިން ވައިރަސްގެ ނިޝާނެއް ފެންނަން ނެތުމުގެ ސަބަބުން ވައިރަހަށް އެމީހުން ޓެސްޓެއް ނުކުރެއެވެ.

މިހާތަނަށް އައިއިރު ވައިރަސްގެ އަސަރު ހުރިކަން ނޭންގި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ ޗައިނާގެ އިދާރާތަކުން ހޯދާފައެވެ. ނަމަވެސް އެ އަދަދުތައް އޮފިޝަލް ޑާޓާއަށް އަދި އެއްކުރަމުން ނުދާކަމަށް ޗައިނާގެ ބައެއް ނޫސްތަކުން ބުނެއެވެ. ޚަބަރު ފަތުރާ ބައެއް ތަންތަނުން ބުނާގޮތުން އެފަދަ ސާޅީސްހާހަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް އައިއިރު ހޯދިފައެވެ.

މިކަމާއި ގުޅިގެން ޗައިނާގެ ތެރޭގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ޗައިނާގެ ސަރުކާރުން ވަނީ ކަމާބެހޭ ފަރާތްތަކަށް މިފަދަ މީހުންނަށް ސަމާލުކަންދީ އެމީހުންގެ އަދަދުތައްވެސް ހާމަކުރުމަށް އަންގާފައެވެ. އެގޮތުގެ މަތިން އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ ލިއަނިންގ ޕްރޮވިންސުންނެވެ. އެ ޕްރޮވިންސުން ބުދަ ދުވަހު ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު 52 މީހަކު ވަނީ ވައިރަސްގެ ނިޝާނެއް ނުފެނި ވައިރަސްއަށް ޕޮޒިޓިވްވެފައެެވެ.

ހުނާން ޕްރޮވިންސުން ބުނެފައިވަނީ އެފަދަ 4 މީހަކު ފެނިފައިވާކަމަށާއި ނަމަވެސް އެއެންމެންނަކީވެސް އެތެރެވެފައިވާ މީހުންކަމަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އަންނަނީ މިފަދަ މީހުން ވަކިކޮށް ޑާޓާއަށް އެއްކުރުމުގެ ކަންކަންކުރަމުންނެވެ. މިކަމުގައި ބަހުސްތަކެއް ކުރެވެމުން ދިޔަނަމަވެސް ކޮމިޝަނުން ބުނެފައިވަނީ މިފަދަ ހުރިހާ މީހުންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ ކަމަށެވެ. ހޯމަ ދުވަހާ ހަމައަށް އެފަދަ 1541 މީހުން ވަނީ އޮބްޒަރވޭޝަންގައި ކަމަށް ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.

ޗައިނާއިން މިހާތަނަށް އާއިރު 81،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު 3300 އަށް ވުރެ ގިނައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.