ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 13:47
އެމެރިކާގައި ހަލުވި މިނުގައި ކޮވިޑް-19 އަންނަނީ ފެތުރެމުން
އެމެރިކާގައި ހަލުވި މިނުގައި ކޮވިޑް-19 އަންނަނީ ފެތުރެމުން
އަލްޖަޒީރާ
ކޮވިޑް-19
އެއް ލައްކައާއި ދެލައްކައާ ދެމެދުގެ އަދަދަކަށް އެމެރިކާއިން ކޮވިޑް-19 ޖެހިގެން މީހުން މަރުވާނެކަމަށް ވައިޓް ހައުސްއިން ލަފާކޮށްފި
 
މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު 4087 މީހުން ވަނީ އެމެރިކާއިން މަރުވެފައި
 
ގައިޑް ލައިނާ އެއްގޮތަށް އަމަލުނުކުރާނަމަ 1.5 މިލިއަނާއި 2.2 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ

މިހާރު އެމެރިކާގައި އެކުލަވާލާފައިވާ "ސޯޝަލް ޑިސްޓޭންސިންގ" ގައިޑްލައިނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް އެމެރިކާއިން 100،000 (އެއްލައްކަ) އާއި 240،000(ދެ ލައްކަ ސާޅީސް ހާސް) އާ ދެމެދުގެ ޢަދަދަކަށް މީހުން ކޮވިޑް-19 ޖެހިގެން މަރުވާނެކަމަށް ވައިޓް ހައުސްއިން ލަފާކުރާކަމަށް ބުނެފިއެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްއިން މިކަމާއި ގުޅޭގޮތުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ ސޯޝަލް ޑިސްޓޭންސްގެ ގައިޑް ލައިނާ އެއްގޮތަށް ޢަމަލުނުކުރާނަމަ 1.5 މިލިއަނާއި 2.2 މިލިއަނާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވާނެއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝިއަސް ޑިޒީސްގެ ޑިރެކްޓަރ އަދި އެމެރިކާއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ އެންތަނީ ފައުޗީ، ވިދާޅުވީ މިޢަދަދުތަކަކީ ވަރަށް ބޮޑު އަދަދެއްކަމަށާއި އެހެންކަމުން މިކަމަށް ތައްޔާރުވެ ތިބެންޖެހޭކަމަށެވެ. އެހެންނަމަވެސް އެޢަދަދަށް މީހުން މަރުނުވާނެކަމަށް އުންމީދުކުރައްވާކަމަށް ޑރ އެންތަނީ ވިދާޅުވި އެވެ. މިހާރުގެ ޢަދަދުތަކަށް ބަލާއިރު އެމެރިކާގައި މިހާރު ވައިރަސް ޖެހިފައިވާ 189،800 މީހުން އެބަތިބި އެވެ. އަދި މިވައިރަސް ޖެހިގެން މިހާތަނަށްއާއިރު 4087 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 ހަލުވިމިނުގައި އެމެރިކާގައި ފެތުރެމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެމެރިކާގެ ސަރުކާރުން އެކުލަވާލާފައިވާ ސޯޝަލް ޑިސްޓޭންސް ގައިޑްލައިންސް އާ އެއްގޮތަށް ރައްޔިތުން ޢަމަލުކުރުމަށް އެދިވަޑައިގަންފައެވެ. އަދި ކުރިޔަށް އޮތް އުނދަގޫ ދެ ހަފުތާގައި އެމެރިކާގެ ރައްޔިތުން ކެތްތެރިވެ، އެކަމާއި ކުރިމަތިލުމަށް ޓްރަމްޕް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އެކަމަށް އެމެރިކާގެ ކޮންމެ ރައްޔިތަކުވެސް ތައްޔާރަށް ތިބުމަށް ޓްރަމްޕް ވަނީ އެދިވަޑައިގަންފައެވެ.

ޓްރަމްޕް ވަނީ މިހަފުތާގެ އާދިއްތަ ދުވަހު އޭޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ގައިޑްލައިން ދިގުދައްމާލާ ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، ސްކޫލްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް ނިންމަވާފަ އެވެ. އެނިންމުން ރަސްމީކޮށް އިޢުލާނުކޮށް ގައިޑްލައިން ނެރެފައިވަނީ އަންގާރަ ދުވަހުއެވެ.

އެމެރިކާގެ ރައީސް މިމޭރުމުން ވާހަކަދައްކާފައި މިވަނީ އޭގެ ކުރިން އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެމެރިކާ ޢާންމު ޙާލަތަށް އައުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވާތާ ދުވަސްތަކެއް ފަހުންނެވެ. އެމެރިކާގައި އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދަނީ ނިއުޔޯކްގައެވެ. މިހާތަނަށް އާއިރު ހަމައެކަނި ނިއުޔޯކުން 1500 މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ. މީގެއިތުރުން އައު ތަންތަނުންވެސް އަންނަނީ ވައިރަސް ހަލުވި މިނުގައި ފެތުރެމުންނެވެ. އޭގެތެރޭގައި ފްލޮރިޑާ ، ލޫސީނިއާ ހިމެނެއެވެ.

ޓްރަމްޕްގެ އައު ނިންމެވުންތައް އައިސްފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދަނިކޮށެވެ. އެގޮތުން އެޤައުމުގެ ސްޓޮކް މަރކެޓް ވެއްޓި އެތައް މިލިއަން ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް