ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 16:05
އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު، ރެތުނޯ މަރްސުދީ
އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު، ރެތުނޯ މަރްސުދީ
ބީބީސީ
ކޮވިޑް-19
ކޮވިޑް-19 ގެ ބިރަށް ބިދޭސީން އެތެރެކުރުން އިންޑޮނޭޝިޔާއިން މަނާކުރަނީ
 
އެޤައުމަށް ވަނުމުގެ ހުއްދަ މީގެ ފަހުން ލިބޭނީ ޑިޕްލޮމޭޓުންނަށާއި، އެޤައުމުގައި ރެސިޑެންޝަލް ވިސާގައި ތިބޭ މީހުންނަށް އެކަނި
 
ވައިގެ ބަނދަރުތަކާއި،އެއްގަމު ބޯޑަރުތައްވެސް ބަންދުކުރަން ދަނީ މަޝްވަރާ ކުރަމުން
 
ވައިގެ ބަނދަރުތަކުގައި ޓްރާންސިޓްކުރުންވެސް ހުއްޓާލަން ވަނީ ނިންމާފައި

ކޮވިޑް-19 ގެ ނުރައްކާބޮޑުވަމުންދާތީ އިންޑޮނޭޝިޔާއަށް ބިދޭސީން ވަނުން މަނާކުރުމަށް އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ސަރުކާރުގެ ނިންމުން އިޢުލާނުކުރައްވާ ވެރިރަށް ޖަކާޓާގައި ވާހަކަފުޅު ދައްކަވަމުން އެޤައުމުގެ ޚާރިޖީ ވަޒީރު، ރެތުނޯ މަރްސުދީ ވިދާޅުވީ، އެޤައުމަށް އެއްގަމާއި، ވައިގެ މަގުން އެހެން ޤައުމުތަކުގެ މީހުން އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެއިތުރުން ވައިގެ ބަނދަރުތަކުގައި ޓްރާންސިޓްކުރުންވެސް ހުއްޓާލާނެކަމަށެވެ. އެހެންނަމަވެސް މިވަގުތައް ޚާއްޞަ ހުއްދައެއްގެ ދަށުން އެޤައުމުގައި ވަގުތީގޮތުން ދިރިއުޅެމުންދާ އެހެން ޤައުމުތަކުގެ މީހުންނާއި، ޑިޕްލޮމޭޓުން އިސްތިސްނާވާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިގޮތައް މަނާކުރިނަމަވެސް، އަމަލުކުރަން ފަށާނެ ތާރީޚެއް މިނިސްޓަރު އިޢުލާނުކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިޔާ ސަރުކާރުން ބުނެފައިވަނީ، އެޤައުމަށް މިހާރު އެންމެ ނުރައްކާ ބޮޑީ ބޭރު ޤައުުމުތަކުން އެޤައުމަށް ވައިރަސް އެތެރެވުން ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް އެޤައުމަށް އެތެރެވުން މަނާކުރަން ނިންމީ، ވައިރަސް އެތެރެވުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. މިގެނައި ބަދަލާއެކު ވައިގެ ބަނދަރާއި، އެއްގަމު ބޯޑަރުތައް ބަންދުކުރުމާމެދު ދަނީ މަޝްވަރާކުރަމުންނެވެ. އެހެންނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެޤައުމުގެ ރައްޔިތުން ޤައުމަށް އަނބުރާގެނައުމާއި، އެމީހުން ގެނެސް ސްކްރީން ކުރުމުގެ ހަރުދަނާ ނިޒާމެއް ރާވަމުންދާކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެކުރިން އިންޑޮނޭޝިޔާއިން ދަތުރުފަތުރުގެ ސަމާލެއް އާންމުކޮށްފައިވަނީ މާރޗުމަހުގެ 20 ވަނަ ދުވަހުއެވެ. އޭރު އެޤައުމުގެ ސަރުކާރުން ނިންމީ، ކޮވިޑް-19 ނުރައްކާ މިންވަރަށް ފެތުރެމުންދާ ބައެއް ޤައުމުތަކުގެ މީހުން އެޤައުމަށް އެރުން މަނާކުރުމަށެވެ. އެގޮތުން ސްޕެއިނާއި، އިޓަލީއާއި، ފްރާންސާއި، ޖަރުމަނާއި، ސްވިޒަރލޭންޑާއި، އިނގިރޭސިވިލާތާއި، އީރާނުން އަންނަ ފަތުރުވެރިން އެޤައުމަށް އެތެރެވުން ވަގުތީ ގޮތުން މަނާކުރިއެވެ.

އިންޑޮނޭޝިޔާއިން ފާއިތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައިވެސް 114 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 1,528 އަރާފައެވެ. އަދި ވައިރަސްޖެހުނު މީހުންގެ ތެރެއިން، 14 މީހުން މަރުވެފައިވާއިރު، އެޤައުމުގައި ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު މިހާރު ވަނީ 136 އަށް އަރާފައެވެ. އަދި ފަރުވާދީގެން 81 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރުވެސް 1,311 މީހުންނަށް ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް