ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 11:13
މިނިމަން ވޭޖް އަވަސް ކުރުމަށް ގޮވާލާ ބޭއްވި ހަރަކާތެއްގެ ތެރެއިން
މިނިމަން ވޭޖް އަވަސް ކުރުމަށް ގޮވާލާ ބޭއްވި ހަރަކާތެއްގެ ތެރެއިން
ޓީމް މޯލްޑިވްސް
ކޮވިޑް-19/ ރިސޯޓްތަކުގެ މުވައްޒަފުން
އެކި ރިސޯޓުތަކުން މުސާރަ ނުލިބޭގޮތަށް 11،000 މުވައްޒަފުން ފޮނުވާލާފައިވޭ: ޓީމް
 
ކޮވިޑް-19 އާ ގުޅިގެން އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ނުކުރުމަށާއި މުސާރަވެސް ދެމުން ދިއުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ
 
ޖޮބް ސެންޓަރަށް ވަޒީފާއާ ގުޅުންހުރި 219 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ސަރުކާރުން ބުނޭ
 
ޓީމުން ވަނީ އެމީހުންގެ ފޭސްބުކް ޕޭޖްގައި މުސާރަ އުނިކުރި އަދި ނޯޕޭގައި މުވައްޒަފުން ފޮނުވާލަން ނިންމާފައިވާ ރިސޯޓްތަކުގެ ނަންތައް ހިމަނާފަ

ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފިއެވެ.

ޓީމްގެ ފޭސްބުކް ޕޭޖްގައި ވަނީ މުސާރަ ނުލިބޭ ގޮތަށާއި މުސާރައިން ބައެއް އުނިކުރަން ނިންމާފައިވާ ބައެއް ރިސޯޓުތަކުގެ ނަންތަކާއެކު ލިސްޓެއް ހިމަނާފައެވެ. ޓީމުުން ބުނީ، އެ މަޢުލޫމާތުތައް ހިއްސާކޮށްފައިވަނީ ޓީމްގެ މެންބަރުންކަމަށާއި، ނަމަވެސް އެ ލިސްޓުގައި މަޢުލޫމާތުގެ ކުށެއްވާނަމަ، ޓީމްގެ ފޭސްބުކް ޕޭޖަށް "އިންބޮކްސް" މެސެޖެއް ފޮނުއްވާ ދެއްވުން އެދޭ ކަމަށެވެ.

ޓީމުން ބުނީ، 11،000 އެއްހާ ރިސޯޓް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް (ނޯޕޭ) ރިސޯޓުން ދާން ޖެހުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި އެއްވެސް މުވައްޒަފެއްގެ މުސާރަ ނުލިބުމާއި، މުސާރަ ނުލިބޭގޮތަށް ރިސޯޓުން ދާންޖެހުމާއި، މުސާރައިން ބައެއް އުނިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އިޤުތިޞާދީ ޙަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ މިދަނޑިވަޅުގައި، ރާއްޖޭއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ގެއްލެމުންދާކަން ނިއުސް އެޖެންސީތަކުން ދަނީ ހާމަކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ޤާއިމުކޮށްފައިވާޖޮބް ސެންޓަރަށް200 އަށްވުރެ ގިނަ މައްސަލަ އެއް ހުށައެޅިފައިވާކަމަށް ސަރުކާރުން ބުނެއެވެ.

ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނީ، ހޯމަ ދުވަހާ ހަމަޔަށް ވަޒީފާއާ ގުޅުން ހުރި 219 މައްސަލަ އެއް ހުށައެޅިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ޙާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބްސެންޓަރގައި ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވަޒީފާގެ ޙާލަތައް ވަޒީފާދޭ ފަރާތުން ނުޙައްޤުން ބަދަލެއް ގެނެސްފިނަމަ، ލޭބަރ އޮތޯރިޓީއަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި، އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤުޞަދުގައި ވިޔަފާރިތަކައް ކޭޝް-ފްލޯވ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.

މިދަނޑިވަޅުގައި ވެސް ދިވެހި ސަރުކާރުން ބުނަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް، އަދި ރޯދަ މަހުގެ އިނާޔަތް ވެސް ދެވޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %20 އުނިކުރަން ނިންމާފަ އެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ދިވެހި ސަރުކާރުން އަޅަމުންދަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ދިވެހި ރައްޔިތުންނާއި ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ދަނީ ބުނަމުން ނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް