ކ. މާލެ
|
30 މާރޗް 2020 | ހޯމަ 21:52
2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23ވަނަ ޖަލްސާ (އޮންލައިން)
2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23ވަނަ ޖަލްސާ (އޮންލައިން)
މަޖިލިސް
ކޮވިޑް-19
މައިކްރޯސޮފްޓު "ޓީމް"ގެ ތެރެއިން، ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް!
 
އޮންލައިންކޮށް ބޭއްވި މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހު

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ، މިއަހަރުގެ 23 ވަނަ ޖަލްސާ، “މައިކްރޯސޮފްޓު”ގެ އެންމެ ފަހުގެ ޙައްލު ކަމުގައިވި، "ޓެކްނޮލޮޖީ އޮފީސް ތްރީ ސިކްސްޓީ ފައިވް" ގެ ސޮފްޓުވެއަރގައި، ހިމެނޭ، "މައިކްރޯސޮފްޓު ޓީމު" އެޕް، ބޭނުންކޮށްގެން، ކޮންފަރެންސްކޮށް ގެންދިޔަ ގެންދިއުމަކީ، ދިވެހި ތާރީޚުގައި ލިޔެވިގެންދިޔަ، އާ ސަފުޙާއެކެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ ތެރެއިން، އެމެރިކާއާއި، އޮސްޓްރޭލިއާވެސް، އެ ސޮފްޓުވެއަރ އެއްގެ، ބޭނުން ، މިއަދު ހިފަމުން އަންނަ، "ޓެކްނޮލޮޖީ އޮފީސް ތްރީ ސިކްސްޓީ ފައިވް" ގައި ހިމެނޭ "ޓީމް" އެޕަކީ، ކޮންފަރެންސްކޮށް ބޭއްވޭ ޖަލްސާތައް، އަރުޝީފު ކުރެވުމާއި، އެ އެޕުގެ ތެރެއިން ކަންކަން ފާސްކުރަން، ވޯޓު ނެގުމުގެ ގާބިލުކަން ލިބިފައިވި އެޕެކެވެ. ހަމަ އެހެންމެ، މިގޮތަށް ނަގާ ވޯޓާއި، ކޮންފަރެންސްގެ އަޑާއި، ވީޑިއޯވެސް، އިތުބާރާއެކު، އަރުޝީފު ކުރެވޭ ސޮފްޓުވެއަރ އެކެވެ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް މުޙަންމަދު ނަޝީދު، މަޖިލިސްކުރާ ގޭގެ ރިޔާސަތުގައި، ގިނިކަންޏާ އިންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، "މައިކްރޯސޮފްޓު ޓީމު"ގެ ޒަރީޢާއިން، ކުރިއަށް ގެންދެވިއިރު، މި "ވާރޗުއަލް ޖަލްސާ" އަށް، ރިޔާސަތުން ހުށަހެޅުއްވި، މައްސަލައަކީ، މެދު ހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ އާޒިމް، ހުށަހަޅުއްވާފައި އޮތް، މުހިންމު މައްސަލަ އެކެވެ.

ޢިއްޒަތްތެރި މެންބަރު ޢާޒިމް، މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ، " ކޮވިޑު19ގެ ރޯގާ، ފެތުރުނަ ނުދިނުމަށް، އަޅާ ފިޔަވަޅުތަކުގެ ސަބަބުން، އާއިލާތަކާއި، ވިޔަފާރިތަކުގެ އާމްދަނީއަށް، އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ، ޕްރޮގްރާމު ތަންފީޒު ކުރުމަށް، މަޖިލީހުން ދެކޭގޮތް ކަނޑައެޅުން". މި، މައްސަލައެވެ.

މި މައްސަލަ ތަޅުމަށް ގެންނަވަމުން، " ކޯވިޑު19" ގެ މި ޙާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން، ކަންކަން ކުރިއަށް ގެންދަވާ ގޮތަށް ، ރިޔާސަތުން ތަޢުރީފު ކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ ސިއްޙީދާއިރާގެ ޚިދުމަތްތެރިންގެ ބުރަ މަސައްކަތް، މަޖިލީހުން ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. އަދި މި ޚުތޫރަތްތެރި ދަނޑިވަޅުގައި، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންނާ ވީހާވެސް ގާތުގައި ތިއްބެކަމުގެ އިޙުސާސް، ހުރިހާ މާނައެއްގައި ރައްޔިތުންނަށް ދެއްވަން، އެދިވަޑައިގަތެވެ.

މަޖިލީހުގެ ތަޅުމަށް ހުށަހެޅުނު، ޚާއްސަ މައްސަލަ ބަލައިގަތުމަށް، ރިޔާސަތުން ވޯޓަށް އެއްސެވީ، ގައިދުރުކަމުގައި ތިއްބެވި ޢިއްޒަތްތެރި މެންބަރުން، " މައިކްރޯސޮފްޓު ޓީމް" އެޕުގެ އެހީގައި، ކުރިއަށް ދިޔަ، މި ޖަލްސާ އަށެވެ. ނުވަތަ އޮންލައިންކޮށް ގެންދެވި "ކޮންފަރެންސް ޖަލްސާ" އަށެވެ.

މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން، 71 މެންބަރުން، އޮންލައިންކޮށް ބައިވެރިވެ ތިއްބަވައިގެން، ކުރިއަށްދިޔަ މި ޖަލްސާގައި ، 69 މެންބަރުން، މި ނިޒާމުގެ ތެރެއިން، ވޯޓު ދެއްވައިގެން، ހުށަހެޅިފައި އޮތް މައްސަލަ ، ކުރިއަށް ގެންދަން ފާސްކުރެއްވިއެވެ. އެހައިތަނުން، " މައިކްރޯސޮފްޓު ޓީމް" އެޕުގެ ބޭނުންތެރިކަން، ޖަލްސާ ބަލަންތިބި އެންމެންނަށް ސާބިތުވެގެން ދިޔައެވެ. އަދި ރާއްޖޭގެ ސިވިސްސަރވީސްގައި ހިމެނޭ 34 ހާސް އޮފީހެއް، އެ ވިއުގައަކުން ގުޅާލަން، އަމާޒު ހިފާފައި އޮތް، "ޓެކްނޮލޮޖީ އޮފީސް ތްރީ ސިކްސްޓީ ފައިވް"ގެ ކުރިމަގު ތަސައްވުރު ވެގެން ދިޔައެވެ.

ކޮންމެއަކަސް. މަޖިލީހުގައި ފުރަތަމަ ނެގޮގެން އެދިޔަ، މި ވޯޓުގެ އިތުރުން، މި ޖަލްސާގެ ވަގުތު އިތުރު ކުރުމަށް، ރިޔާސަތުން ވޯޓަށް އެއްސެވީވެސް، މި ނިޒާމުގެ ތެރެއިންނެވެ. އަދި ހުށަހެޅިފައިވި، މައްސަލައިގެ ބަޙުސް ކުރިއަށް ގެންދެވީވެސް، ހަމަ " މައިކްރޯ ސޮފްޓު ޓީމު" ގެ މި ވާސިތާ އިންނެވެ.

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23ވަނަ ޖަލްސާ (އޮންލައިން)

ރާއްޖޭގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ބޭއްވިގެން އެދިޔަ، މިދެންނެވި ޖަލްސާގެ ތެރެއިން، ފާހަގަ ވެގެންދިޔަ ކަންކަމަކީވެސް، މިއަދު ކުރެވުނު އާ ތަޖުރިބާއެކެވެ. އާވެގެންދިއަ އުންމީދެކެވެ. މީގެ ތެރެއިން އެއްކަމަކީ، މިއަދުގެ އެއްގަޑި ސާޅީހުގައި ނިމިގެންދިއަ މި ޖަލްސާ، މިއަދު އެގާރަ ޖެހިއިރު، ފެއްޓެވި ހިނދު، ޢިއްޒަތްތެރި 71 މެންބަރުން، އޮންލައިންކޮށް، ބައިވެރިވެ ވަޑައިގެން ތިއްބެވި ތިއްބެވުމެވެ.

މިއީ، މާޒީގެ ރެކޯޑުތަކަށް ބަލާއިރު، މަޖިލީހުގެ ތަޅުމުގައި މިހާތަނަށް ބޭއްވިފައިވި، ގިނަ ޖަލްސާތައް ޢާންމުކޮށް ފެށިގެން ދާއިރު، ޙާޒިރުވެ ތިއްބަވާ މެންބަރުންނަށް ވުރެން، ގިނަ ޢަދަދެކެވެ. އެހެންކަމުން ފުރަތަމަ "ވާޗުއަލް ޖަލްސާގެ ޙާޒިރީއަކީވެސް، ފާހަގަވެގެން ދިޔަ އެއް ކަމެވެ.

މިއަދުގެ ޖަލްސާގައި ފާހަގަވި، އަނެއްކަމަކީ، ޢިއްޒަތްތެރި ގިނަ މެންބަރުން، މާލޭގައި، އެބޭފުޅުންގެ ގެކޮޅުގައި ތިއްބަވައިގެން، މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތްއިރު، ބައެއް ޢިއްޒަތްތެރި މެންބަރުން، އެބޭފުޅުންގެ ދާއިރާގައި ތިއްބަވައިގެންނާއި، ރާއްޖޭގެ އެހެން ސަރަޙައްދު ތަކުގައި ތިއްބަވައިގެންވެސް، މިއަދުގެ ޖަލްސާގައި، ބައިވެރިވެ ވަޑައިގެންނެވި ކަމެވެ.

އެހެން ކަމުން، ރާއްޖޭގައި މިވަގުތު އޮތް، އިންޓަރނެޓުގެ ގުޅުމަށް ނުވަތަ "ކަނެކްޓިވިޓީ"އަށް ބަލާއިރު، މާބޮޑު މައްސަލައަކާ ނުލައި، ނޫންނަމަ، އަޑުކެނޑުމާއި، ވީޑިއޯ ގެއްލުންފަދަ، ޓެކްނިކަލް ދަތިތަކާ ނުލައި، މި ޖަލްސާ ކުރިއަށް ގެންދެވުނުމަކީ، ކޮންފަރެންސްކޮށް، މަޖިލީހުގެ ޖަލްސާތައް، ކުރިމަގުގައިވެސް، ގެންދެވިދާނެ ކަމަށް، ލިބުނު ޔަޤީން ކަމެކެވެ.

އެހެންކަމުން، މި ޖަލްސާއަކީ، ދިވެހި ދައުލަތުގެ ތިންބާރުން އެއްބާރު ކަމުގައިވި، ރައްޔިތުންގެ މަޖިލިސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ރާއްޖޭގެ ތާރީޚުގައި ބޭއްވި، ފުރަތަމަ ޖަލްސާ ކަމަށް، ދިވެހި ތާރީޚުން އެވަނީ، ޖާގަ ހޯދައިފައެވެ.

މިއަދު ރާއްޖެއަށް ކުރިމަތިވެފައި މި އޮތް، ކޮވިޑު19ގެ، ނާޒުކު ޙާލަތަކީ، ދިވެހި ރައްޔިތުން ގައިދުރުކަމުގައި، ޙަޔާތް ވޭތުކުރަން ޖެހިފައިވި ޚާއްސަ ޙާލަތެކެވެ. މިއަދު މުޅި ދުނިޔޭގެ ޝިޢާރަކަށް ވެފައި މި އޮތީވެސް " ސްޓޭ އެޓު ހޯމް" ނުވަތަ ގޭގައި ތިއްބެވުމެވެ.

މި ޙާލަތު ރާއްޖޭގައިވެސް އޮތް އިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަ ހަޅުއްވައިގެން، ފާސްކުރަންޖެހޭ ބިލެއް، ނުވަތަ މައްސަލައެއް، ދިމާވެއްޖެ ހިނދެއްގައިވެސް، މި ގޮތަށް މަޖިލިސް ބޭއްވިދާނެކަން، މިއަދު މިވަނީ ޔަޤީންވެސް ކުރެވިފައެވެ.

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23ވަނަ ޖަލްސާ (އޮންލައިން)

އެހެންކަމުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނީވެސް، ދިވެހި ސަރުކާރުގެ އިރުޝާދާ އެއްގޮތަށް، ގައިދުރުކަމުގައި ތިއްބަވައިގެން، "ކޮންފަރެންސް"ކޮށް، މަޖިލިސް ކުރިއަށް ގެންދިއުމުގެ ގާބިލުކަމާއި އެ ހިތްވަރު ހުރި ބައެއްކަން، އެވަނީ ހާމަވެފައެވެ. ހަމަ އެހެންމެ މިކަން، ދުނިޔޭގެ އެހެން ޕާލަމެންޓު ތަކުން، ނަމޫނާ އެއްގެ ގޮތުގައިދެކި، އެހެން ގައުމު ތަކުގެ ޕާލަމެންޓުތައް، މިގޮތަށް ކުރިއަށް ގެންދަން، ރާއްޖެއިން އެވަނީ، ހިތްވަރު ދީފައެވެ.

މި ދެންނެވި އުސޫލުން، ދިވެހިރާއްޖެއިން މިއަދު ނަމޫނާދެއްކި، ރައްޔިތުންގެ މަޖިލީހުގެ "ވާޗުއަލް ޖަލްސާ"ގެ ވާހަކަ، ރާއްޖޭގެ އިތުރުން، ދުނިޔޭގެ ތާރީޚުންވެސް، ޖާގަ ހޯދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮވިޑު19ގެ ހާސްކަމާއެކު، ގައިދުރުކަމުގައި، މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި، ޔޫރަޕާއި، ދުނިޔޭގެ އެހެން ބައްރު ތަކުގައިވި، ގައުމުތަކުގެ ޕާލަމެންޓްރީ ޙަޔާތަށް، މިއީ ރާއްޖެއިން ފޯރުކޮށްދިން، އާ އުކުޅެކެވެ. ހުނަރެކެވެ. އާކޮށްދިން އުންމީދެކެވެ. ގައިދުރުކަމުގައި ތިބެގެންވެސް، ދައުލަތުގެ މުއައްސަސާތައް، ހިންގަމުން ގެންދެވޭނެ ކަމެވެ. ކުރިމިނިނަލް ކޯޓުފަދަ، ރާއްޖޭގެ ޝަރުޢީ ދާއިރާވެސް، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޒަމާން، މިއަދު ބަލައިގަންނަމުން، އެދާ ފަދައިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
0%
0%
0%
25%
ކޮމެންޓް
ގުޅުންހުރި