ކ. މާލެ
|
30 މާރޗް 2020 | ހޯމަ 15:24
ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް
ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ފުރަތަމަ އޮންލައިންކޮށް ބޭއްވި ޖަލްސާ: ދާއިރާގައި ތިއްބަވައިގެން މެންބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު
 
ބައެއް މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ދާއިރާގައި ތިއްބަވައިގެން
 
ކޮވިޑް-19 ގެ ސަބަބުން މީހުން ގޭގައި ތިބެން ޖެހުނު ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ "ގޭބަންދަކަށް" ނުދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ގިނަ އޮފީސްތަކެއް ބަންދުކޮށް މަސައްކަތްކުރަމުން އަންނަ ވައްޓަފާޅިއަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ކުރިން އޮފީހުގައި ތިބެގެން ކުރަމުން އައި މަސައްކަތްތައް މިހާރު ކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ. ރާއްޖެއަށް ބަލާއިރު މިބަދަލު އެންމެ ބޮޑަށް ފެނިގެންގޮސްފައިވަނީ ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިވަނީ ޖަލްސާ އެއް ބާއްވާފަ އެވެ.

ހޯމަ ދުވަހުގެ ޖަލްސާ 11:00 ޖަހާއިރު ފެށުމަށް ކުޑަތަންވަމުން އަންނަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މީހުން ގޭގައި ތިބެން ޖެހުނު ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ "ގޭބަންދަކަށް" ނުދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އޮންލައިންކޮށް ޖަލްސާ ކުރިއަށްދާނެ ކަމަށެވެ.

11 ޖެހިއިރު ޖަލްސާ ފެށުމާއެކު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ މުހިންމު ކަމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކޮންމެ ކަމަކާބެހޭ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާގޮތެއްގެ މަތިން ޤާނޫނު ހެދުމާއި ޤާނޫނަށް ބަދަލު ގެނައުމާއި ޤާނޫނު ބާތިލްކުރުމާއި ޤާނޫނު އަސާސީ ބަޔާންކުރާ ގޮތުގެ މަތިން ޤާނޫނު އަސާސީ އިސްލާހުގެނައުމަށް ވެރިކަން ކުރމުގެ ބާރުން ކުރާ ކަންކަން ހިނގާ ނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުން ފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާއިން މަތިކޮށްފައިވާ އެއްބާރުކަމުގައިވާ ހިނދު ވަކިން ޚާއްސަކޮށް ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިފަދަ ހައްސާސް ވަގުތެއްހައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިޔށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވަކީލުންކަމަށާއި، ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެފަހަރަކު ރައްޔިތުން އެންމެ ފުރަތަމަ ގުޅާނެ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިވަގުތު މެންބަރުން ތިއްބަވަންޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭގޮތަށް އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށްކަމަށެވެ. މިއީ ރައްޔިތުންގެ ގާތުގައި ރައްޔިތުންގެ ވަކީލުން ތިބެންވީ ވަގުތުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ތާރީޚީ މިޖަލްސާއިން ފާހަގަވި ކަމަކީ ރައްޔިތުންގެ މަންދޫބުން އެމެމްބަރުން ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާއިންނާއި އަމިއްލަ ވަޒަނުން މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކަމެވެ. އެގޮތުން މި ޖަލްސާގައި ބައިވެރިވެވަޑައިގެން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ ރަށުގައި ހުންނަވައިގެންކަން ފާހަގަކުރައްވާފަ އެވެ. ފިރުޝާން މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ރަށް ގދ. ހޯޑެއްދޫގައި ހުންނަވައިގެންނެވެ.

ހޯމަ ދުވަހުގެ ޖަލްސާއިން ދެން މިގޮތަށް ފާހަގަވެގެންދިޔަ މެމްބަރަކީ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ. ޖާބިރު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ ދާދިފަހުން ޖާބިރަށް ލިބިވަޑައިގެންނެވި ވ.ބޮޑުމޮހޮރާގެ ހިތްގައިމު ބީޗުންނެވެ. ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވެ ގައިދުރުވެ ތިބުމަށްޓަކާ އޭނާ ހުންނެވީ ބޮޑުމޮހޮރާގައި ކަމަށެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިޔަށްގެންދިޔަ ފުރަތަމަ ޖަލްސާ ރައްޔިތުންނަށް މިވަނީ ފެނިގެންގޮސްފަ އެވެ. ބައެއް މެމްބަރުން ވާހަކަ ދައްކަވަމުން ގެންދެވިއިރު އިންޓަރނެޓްގެ މައްސަލަދިމާވުމުގެ ސަބަބުން ވީޑިއޯ ސާފުކޮށް ނުފެނުމުގެ މައްސަލަ އާއި ޓެކްނިކަލް މައްސަލަތައް މިޖަލްސާގެ ތެރެއިން ފެނިގެންދިޔަ ނަމަވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިޔަށްދާނީ މިގޮތަށް އޮންލައިން މެދުވެރިކޮށެވެ. މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވަޑައިނުގަންނަވާ ޖަލްސާތަކަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި އަދި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެއެވެ.

މިގޮތަށް ޖަލްސާތައް ބޭއްވުމަށް މާބޮޑު ޚަރަދެއް ނުހިނގާކަން ރައީސް ނަޝީދު ވަނީ ޖަލްސާގައި ފާހަގަކުރެއްވާފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން މައިގަނޑު ގޮތެއްގައި ކުރަންޖެހުނު ޚަރަދަކީ މެމްބަރުންގެ ނަން ބޯޑުތައް ތައްޔާރު ކުރުމަށް ދިޔަ 4،000ރ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުޑަޚަރަދަކާއެކު ޖަލްސާތައް ކުރިޔަށް ގެންދެވޭއިރު މިގޮތަށް ޖަލްސާތައް ބޭއްވުމުން މެމްބަރުންނަށް އެމެމްބަރުންގެ ދާއިރާތަކުގައި ތިއްބަވައިގެންވެސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފަ އެވެ. ކޮންމެސްވަރެއްގެ ޓެކްނިކަލް މައްސަލަތަކަކާއެކުވެސް ރައްޔިތުންކައިރީގައި ރައްޔިތުންގެ ވަކީލުން ތިއްބަވައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ފުރުސަތު މިއާއެކު މިވަނީ ލިބިގެންގޮސްފަ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލްސާތައް ފެށިއިރު މިކަން ބައިނަލްއަގްވާމީ ބައެއް މީޑިޔާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް