ކ. މާލެ
|
30 މާރޗް 2020 | ހޯމަ 13:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިއީ ރައްޔިތުންގެ ގާތުގައި ރައްޔިތުންގެ ވަކީލުން ތިބެންވީ ވަގުތު: މަޖިލީހުގެ ރައީސް
 
ހުރިހާ އެންމެންވެސް ކަންބޮޑުވާކަމަށާއި އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންނެވި
 
މަޖިލީހުގެ ރައީސް ވިދާޅުވީ މިވަގުތު މެމްބަރުން ތިއްބަވަންޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭގޮތަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވަކީލުންކަމަށާއި، ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެފަހަރަކު ރައްޔިތުން އެންމެ ފުރަތަމަ ގުޅާނެ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ފުރަތަމަ ފަހަރަށް ކުރިޔަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިވަގުތު މެންބަރުން ތިއްބަވަންޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭގޮތަށް އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށްކަމަށެވެ.

އަޅުގަނޑުމެންނަށް މިއަދު ރައްޔިތުންގެ ހުރިހާ ޝަކުވާތަކުގެ ޖަވާބު ނުދެވިދާނެ. އަދި ރައްޔިތުން ހިިތްހަމަޖެހޭ މިންވަރަށްވެސް އަދި އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރަށްވެސް މިވަގުތުގައި ނުކުރެވިދާނެ. އެހެންނަމަވެސް މިއީ ރައްޔިތުންގެ ގާތުގައި ރައްޔިތުންގެ ވަކީލުން ތިއްބަވަންވީ ވަގުތު. ރައްޔިތުންނާ އެކުގައި ވަކީލުން ތިއްބަވަންވީ ވަގުތު. މިއީ ގުޅިފައި ތިއްބަވަންވީ ވަގުތު. ބޭނުންޖެހޭ ގަޑީގައި ހުރި ރަހުމަތްތެރިޔާ އެއީ ހަގީގީ ރަހުމަތްތެރިޔާ. ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް މެމްބަރުން ވުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ބޭނުންކަމެއް. މިއަދު ރައްޔިތުންނާ އެކީގައި މިކުރާ މަސައްކަތްތައް ކާމިޔާބުކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިވަގުތު ބޭއްވުން މުހިންމު ކަމަށެވެ. ޤާނޫނު އަސާސީ އާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ރިޢާޔަތްކުރާއިރު މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމާމެދު ޤާނޫނީ ގޮތުން އިއުތިރާޒުކުރާނެ ކަމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، މަޖިލީހުގެ ކައުންސެލަރ ޖެނެރަލްވެސް އެފަދަ ގޮތަކައް ލަފާފުޅެއް ނުދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މުޅި ދުނިޔެ ވަނީ ކޮވިޑް-19 ގެ ވިލާގަނޑެއްގެ ދަށުގައިކަމަށާއި ރޯގާއިން ސަލާމަތްވުމަށް އަޅާ ފިޔަވަަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑެތި ދަތިތައް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންނަށް މިވަގުތު ދިމާވާ މިފަދަ ކަންކަމަށް އަޅާލާ އަދި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ސަރުކާރުން ރާވަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި މިފެންނަނީ ދިވެހި ރާއްޖެ އަލުން އަނބުރާ ތެދުވާނެ ގޮތެއް ހޯދުން. ރާއްޖެ މިސްރާބު ޖަހާނެ ދިމާ މިސްރާބު ހިފާނެ ގޮތް ހޯދުން. ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫ ކަންކަމުން އަރައިގަންނަ ބައެއް. ދިމާވާ ދަތިއުނދަގޫތައް މަދެއް ނޫން. ކާރިސާތައް މަދެއް ނޫން. އަމަލުކުރަމުންދާ ޤާނޫނު އަސާސީއަކީ ސުނާމީ ކާރިސާއަށްފަހު އެކުލަވާލަން ފެށުނު ޤާނޫނު އަސާސީ އެއް. އެ ޤާނޫނު އަސާސީ ވަރަށް ސާފުކޮށް ބަޔާންކުރޭ ޚާއްސަގޮތެއްގައި ސިއްހީ ކާރިސާއެއްގައި އަމަލުކުރަންވީ ގޮތް. ސިއްހީ ކާރިސާއަކަށް އެހެންވެސް ގުދުރަތީ ކާރިސާއަކަށް ކުރިމަތިލާ ހިންގާނެ ގޮތް ޤާނޫނު އަސާސީ ގައިވޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މިވަގުތު ހުރިހާ އެންމެންވެސް ކަންބޮޑުވާކަމަށާއި އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިކަމުން އަރައިގަނެވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް