ކ. މާލެ
|
30 މާރޗް 2020 | ހޯމަ 08:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އޭއޭޕީ
ކޮވިޑް-19
ކުރިއަށް އޮތް 2 ހަފުތާގައި އެމެރިކާއިން ވައިރަސްގެ ޕީކަށް އަރާނެ، ނަމަވެސް ޖޫން މަހަށް ކޮންޓްރޯލްވާނެ: ޓްރަމްޕް
 
ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވި
 
އެ ދުވަސްވަރު ދިމާވަނީ ކްރިސްޓިއަނުން ފާހަގަކުރާ ޗުއްޓީއެއްކަމަށްވާ އީސްޓަރއާ
 
ސޯޝަލް ޑިސްޓެންސިންގ ފިޔަވަޅުތައް އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރާނެ

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ރޭޓް އެންމެ މަތިވާނެކަމަށް ބެލެވެނީ ކުރިއަށް އޮތް 2 ހަފުތާގައިކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް 2 ހަފުތާ ތެރޭގައި އެމެރިކާއިން ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު "ޕީކް"އަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެ ޤައުމުން ސޯޝަލް ޑިސްޓެންސިންގއަށް އަޅާފައިވާ ފިޔަވަޅުތައް އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމަވާފައިވާކަންވެސް ޓްރަމްޕް ވަނީ އިޢުލާނު ކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ، އެ ދުވަސްވަރު ދިމާވަނީ ކްރިސްޓިއަނުން ފާހަގަކުރާ ޗުއްޓީއެއްކަމަށްވާ އީސްޓަރއާ ކަމަށެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހަކީ އީސްޓަރން ހޮލިޑޭގެ ދުވަސްތަކެވެ. އެދުވަސްވަރު ވައިރަސް ފެތުރޭ މިންވަރު އިތުރުވުމަށްފަހު މަޑު މަޑުން ދަށްވަމުން ދާނެކަމަށް ބެލެވޭކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެގޮތުން މިއަހަރުގެ ޖޫން މަސް ފެށެންވާއިރަށް އެ ޤައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިނުވާނަމަ ގާތްގަނޑަކަށް 2.2 މިލިއަނަށްވުރެ ގިނަ މީހުން އެ ޤައުމުން މަރުވާނެކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރު ޖޫން މަސް ފެށެންވާއިރަށް އެމެރިކާގައި ވައިރަސް ކޮންޓްރޯލް ކުރެވޭނެކަމަށް ޓްރަމްޕް ވިދާޅުވިއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ އޭޕްރީލް މަހުގެ 12 ގައި އަންނަ އީސްޓަރ ހޮލިޑޭގެ ކުރިން ވައިރަސް ކޮންޓްރޯލް ކުރެވޭނެކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވީ، ސަރުކާރުން މިހާރު މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށާއި، އަންނަ އަންގާރަ ދުވަހު މުހިއްމު ނިންމުންތަކެއް އިއުލާނު ކުރައްވާނެ ކަަމަށެވެ.

މިހާތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 142،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓވްވެފައިވާއިރު، 2500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
33%
33%
11%
22%
ކޮމެންޓް