ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 11:14
އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިން
އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސްގެ ކުޅުންތެރިން ނިންމައިފި
 
މި މުއްދަތުގައި ޔުވެންޓަސްއަށް 90 މިލިއަން ޔޫރޯ ރައްކާކުރެވޭނެ
 
ޔުވެންޓަސްގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީވެސް ވަނީ މުސާރަ ނުނަގަން ނިންމާފައި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް، އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމައިފި އެވެ.

މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލާފައި އޮތުމުން، އެކި ކްލަބުތަކަށް މާލީ ގޮތުން ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސްގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ނިންމިއިރު، މި މުއްދަތުގައި ޔުވެންޓަސްއަށް 90 މިލިއަން ޔޫރޯ ރައްކާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން ޔުވެންޓަސްގެ މުސާރަ ކުޑަކުރަން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އަމިއްލައަށް ނިންމާފައެވެ. އެގޮތުން ރޮނާލްޑޯ ވަނީ އޭނާގެ މުސާރާއިން 3.8 މިލިއަން ޔޫރޯ މަދުކުރަން ނިންމާފައެވެ. ޔުވެންޓަސްއާއެކު ރޮނާލްޑޯއަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބެއެވެ.

މިހާތަނަށް ޔުވެންޓަސްއިން ކޮވިޑް-19 އަށް ތިން ކުޅުންތެރިއަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕައުލޯ ޑިބާލާ އާއި ބްލައިސް މަޓުއިޑީ އާއި ޑެނިއަލީ ރުގާނީ އެވެ. އިޓަލީން މިވައިރަހަށް ޕޮޒިޓިވްވި ފުޓްބޯޅަ ކުޅުންތެރިންގެ އަދަދު 13 އަށް އަރާފައިވާއިރު، އިޓަލީގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ އެކި ކްލަބުތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މީގެ ކުރިން ސްޕެއިންގެ ބާސެލޯނާގެ ކުޅުންތެރިން ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ. އަދި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން މުސާރަ އެއްވެސް ގޮތަކަށް ނުނަގަން ނިންމާފައިވާއިރު، ބަޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުޅުންތެރިން ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
67%
0%
0%
0%
0%
ކޮމެންޓް