ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 11:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ފުލުހުންގެ 87 ވަނަ އަހަރީ ދުވަސް
ރައްޔިތުންނާ މުއާމަލާތްކުރާއިރު ހިތްހެޔޮކަމާއެކު މުއާމަލާތް ކުރެއްވުމަށް ފުލުހުންގެ ކިބައިން ރައީސް އެދިވަޑައިގަންނަވައިފި
 
ވަސީލަތްތަކާއި ތަމްރީނު ހޯދައި ދިނުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވި
 
ފުލުހުންގެ މުއައްސަސާގެ ހުރިހާ ފުލުހުންނަށާއި މުވައްޒަފުންނަށް، އެމުއައްސަސާގެ 87 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވެވި
 
މަސައްކަތުގައި އުޅުއްވާއިރު ޤާނޫނުގެ ބާރަށް ވުރެ، އެ ބޭފުޅުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް ރައީސް އެދިވަޑައިގެންނެވި

ފުލުހުންނަކީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުޢާމަލާތު ކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް، ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރައްވަމުން ވަނީ ފުލުހުން އެ ބޭފުޅުންގެ މަސައްކަތުގައި އުޅުއްވާއިރު ޤާނޫނުގެ ބާރަށް ވުރެ، އެ ބޭފުޅުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް ވެސް އެދިވަޑައިގަންނާވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފައްޓަވަމުން ވަނީ މި މުނާސަބަތުގައި، ފުލުހުންގެ ކަންކަމާއި ހަވާލުވެ ތިއްބެވި އިސްވެރިންނާއި ހުރިހާ ރޭންކްތަކެއްގެ ފުލުހުންނަށާއި ފުލުހުންގެ ތެރޭގައި ތިއްބެވި އެހެން މުވައްޒަފުންނަށް ވެސް އެކަނިކުފާނުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަވާފައެވެ.

މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުންކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ކޮވިޑް-19ގެ ނުރައްކަލުން، ދިވެހި ރާއްޖެ ރައްކާތެރިކުރުމަށް ކުރާ ޤައުމީ މަސައްކަތުގައި، ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން ފުލުހުން ކުރާ މަސައްކަތް ފާގަކުރައްވައި އެއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރައްވާ މަސައްކަތެއްކަމުގައި ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވި ފަހުން މިވީ އެންމެ 16 އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަކުރައްވައި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކާމިޔާބުކުރުމަށް، ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި 5 އަހަރަށް އެކުލަވާލާފައިވާ، އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ޤާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަ ގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައި ދިނުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދީ، ޞުލްޙަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖުތަމަޢުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ފުލުހުން މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.

ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭ ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެކަމުގައެވެ. ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވަމުން ފުލުހުން ކުރާ އެ މުހިންމު މަސައްކަތުގެ ނަތީޖާ ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް، ފުރިހަމަ ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމަށް، ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެވޭކަން، ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ، ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހުރިހާ ފުލުހުންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގަންނަވާ މުހިންމު އެދިވަޑައިގެންނެވުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް، ޞިއްޙީ ޚިދުމަތްތެރިން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާލުން ދެއްވުމަށާއި، ވީ އެންމެ އަވަހަކަށް ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، މިދުވަސްކޮޅު ގޭގައި މަޑުކޮށްދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް