ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 08:14
ކޮވިޑް-19 ޖެހުނު މީހުންނަށް ހޮސްޕިޓަލެއްގައި ފަރުވާދެނީ
ފްރާންސް 24
ކޮވިޑް-19
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް
 
އިޓަލީ އަދި ސްޕެއިން އިން އިއްޔެ އެކަނި ވެސް 800 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް ހިނގައްޖެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑި އިރު ތެރޭގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ އިޓަލީ އާއި ސްޕެއިނުންނެވެ. އިޓަލީ ވިލާތުން އެކަނި ވެސް ހޮނިހިރު ދުވަހު ވަނީ 889 މީހަކު މަރުވެފައެވެ. އަދި ސްޕެއިން އިން ވަނީ ހޮނިހިރު ދުވަހު އެކަނި ވެސް 844 މީހަކު މަރުވެފައެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އެންމެ ގިނައިން އެއްފަހަރާ ސްޕެއިން އިން އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، ވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނައިން މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އިޓަލީން ހޮނިހިރު ދުވަހުގެ ނިޔަލަށް 10,023 މީހަކު ވަނީ މަރުވެފައެވެ. މި ލިސްޓްގެ ދެވަނަ އަށް އުޅެނީ ސްޕެއިންއެވެ. އެގައުމުން ހޮނިހިރު ދުވަހުގެ ނިޔަލަށް 5,982 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާއިން މިހާތަނަށް މަރުވި މީހުންގެ ނިސްބަތް އުޅެނީ 3,295 ގައެވެ. ޗައިނާއިން މަރުވި މީހުންގެ ނިސްބަތް ފާއިތުވި ހަފުތާއެއްގެ ތެރޭގައި ވަނީ މަދުވާން ފަށާފައެވެ. އަދި ޕޮޒިޓިވް ކޭސްތައް ވެސް އެހާ މަދުކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަރުވި މީހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް 2،000 އަށްވުރެ މަތިން އަދި 3،000 އަށްވުރެ މަދުން މީހުން މަރުވި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިރާން، ފްރާންސް އަދި އެމެރިކާއެވެ.

މިހާތަނަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ ހޮނިހިރު ދުވަހުގެ ނިޔަލަށް 123,578 މީހަކު ޕޮޒިޓިވްވެފައެވެ. މި ލިސްޓުގެ ދެވަނައިގައި އުޅެނީ އިޓަލީއެވެ. އިޓަލީން މިހާތަނަށް 92,472 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުރިން މި ލިސްޓްގެ އެއްވަނައިގައި އޮތް ޗައިނާ އޮތީ ތިން ވަނައިގައެވެ. ޗައިނާއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 81,394 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް