ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 00:35
މީހުން ވަޅުލުމުގެ މަސައްކަތް ކުރަނީ
މީހުން ވަޅުލުމުގެ މަސައްކަތް ކުރަނީ
އިޓަލީ
ބިރުވެރިކަން ބޮޑުވަނީ، ސަންދޯއްތަައް ކިއުގައި ޖެހިފައި!
 
ހޮސްޕިޓަލްތަކުގެ މޯޗަރީތަކާއި ގަބުރުސްތާންތައް ވަނީ ފުރިފައި
 
އެގައުމުގެ ސިފައިން ހަށިގަނޑުތައް ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުން

ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެކެވެ. މުޅި ދުނިޔޭގެ ހުރިހާ ބައްރަކަށް މިވަނީ ފެތުރިފައެވެ. އެތައްލައްކައަކުން މީހުން ދަނީ މަރުވަމުންނެވެ. ކޮންޓްރޯލްވުމެއްނެތިއެވެ. މުޅި ދުނިޔެ މާޔޫސްވެ، ބިރުވެރިކަމުގެ ތެރެއަށް ވެއްޓި ގޮތްހުސްވެއްޖެއެވެ. މިބަލީގައި މަރުވާ މީހުން މަރުވަނީ ދެ މަރުން ކަމަށް ބައެއް މީހުން ސިފަކުރެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19ގެ ފަރުވާ ދެމުންދަނިކޮށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީގައެވެ. އެގައުމުގައި 9000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައިވާއިރު، ގަބުރުސްތާނުތައް މިވަނީ ފުރިފައެވެ. ހިނަވާގެތައް ތަޅުލެވިއްޖެއެވެ.

ބޮޑެތި ބާރުތައް ލިބިފައިވާ އިޓަލީ މިހާރުގެ ހާލަތު ހިތަށްވެސް ނުގެނެވޭ ވަރަށް ގޯސްވެފައިވާއިރު، އެގައުމުގެ ސަރުކާރުން ވަނީ ކޮވިޑް 19 ގައި މަރުވާ މީހުންގެ ޖަނާޒާތައް ނުބޭއްވުމަށް ނިންމާފައެވެ. އަދި ގިނަ ފަހަރަށް އާއިލާއަށް މޫނުވެސް ދެއްކުމެއްނެތި ވަޅުލުމަށް ވަނީ މަޖުބޫރުވެފައެވެ.

އާއިލީ ގުޅުން އެއްމެ ބޮޑު އެއް ގައުމު ކަމަށްވާ އިޓަލީގެ އެތައް އާއިލާއެއްގެ ހިތްތަކަށް ފުން އަސަރުތަކެއްކުރުވާނެ ގޮތައް ކަންތައްތައް ކުރުމަށް ސަރުކާރަށް މަޖުބޫރުވީ، އިޓަލީގައި މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، މަރުވެފައިވާ މީހާގެ ހަށިގަނޑުގައި ހުންނަ ވައިރަސް އޭނާ މަރުވުމަށްފަހުވެސް، އެހެން މީހެއްގެ ގަޔަށް އެރުމުގެ ފުރުސަތު ކުޑަ ކުރުމަށެވެ.

އިޓަލީގައި މީހުން ވަޅުލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންޑްރެއަރ ސެރާޓޯއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިވައިރަސްގެ ސަބަބުން ދެފަހަރަށް މީހާ މަރުވާކަމަށް ސިފަ ކުރައްވާ ސަބަބަކީ ކޮވިޑް-19އަށް ޕޮޒިޓިވްވުމާއެކު، އަމިއްލަ ނަފްސު އާއިލާގެ އިތުރުން އެންމެނާއި އެކެހެރި ކުރުވުމެވެ.

މީގެ އިތުރުން މިބަލީގައި މަރުވާ މީހާ މަރުވެގެން ދިޔަ ނަމަވެސް އެކަމުގެ ތަކުލީފާއި ވޭނުގައި މަރުވި މިހާގެ އެތައް އާއިލާ މެމްބަރުންނެއް އުފުލައެވެ. ނަފްސާނީ ގޮތުންވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދަނީ ލޯބިވާ އާއިލާ މެމްބަރުން މިވައިރަހަށް ޕޮޓިވްވުމާއެކު، އެކަހެރިކުރެވި ފަރުވާ ދެވި، މަރުވެގެން ދާއިރުވެސް ކުޑަމިނުން ބައްދަލުނުވެވޭތާ، ފަހުވަގުތު މޫނު ބަލާލާން ވެސް ފުރުސަތު ނުލިބިދާތީއެވެ.

އިޓަލީ ހޮސްޕިޓަލް ތަކުގައި އާއިލާގެ އެއްވެސް މީހަކަށް ބައްދަލުވުމުގެ ފުރުސަތު ނުލިބި އެތަކެއް ސަތޭކަ މީހުން ދަނީ ކޮންމެ ދުވަހަކު މަރުވަމުން. ނަމަވެސް މިނުން ގޮތެއް ވެސް ނެތް. ދެކިލަން ހޮސްޕިޓަލަށް ގޮސްފިނަމަ ގޭގައި ބާކީ ތިބި މީހުންނަށް ވެސް ބަލީގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު. އެހެންކަމުން މިވަގުތު އޮތް ގޮތަކީ، އެކަނި ހާލަށް ދޫކޮށްލުން. ޑޮކްޓަރުންނާއި ނަރުހުންނަށް އިތުބާރުކުރުން.
މިމަސައްކަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އަންޑްރެއަރ

މީގެ އިތުރުން އަންޑްރެއަރ ބުނީ އާއިލާ އެކަކު ޕޮޒިޓިވް ވެފައިވާ މިހާއާ މަދުފަހަރެއްގައި ބައްދަލުވި ނަމަވެސް އެމީހާއާ ވެސް ވާހަކަ ދައްކަން ޖެހެނީ ބިއްލޫރިގަނޑެއްގެ ދެފަރާތުގައި ތިބެގެން ކަމަށާއި، ކުޑަމިނުން މާޔޫސްވެފައިވާ އާއިލާ މީހާއަށް ހިތްވަރު ދިނުމުގެ ގޮތުން ބައްދާވެސް ނުލެވޭ ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި ވެސް ރުއިމާއި، ގިސްލުމުގެ އަޑު ކަނޑައިގެން ނުދާ ކަމަށެވެ.

މަންމަ އާއި ބައްޕައެވެ. ދައްތަ އާއި ކޮއްކޮއެވެ. ފިރިމީހާއާއި އަނބިމިހާއެވެ. ކާފާ އާއި މާމާއެވެ. ލޯބިވާ ދަރިންނެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ! ތިމާގެ އަމިއްލަ ފުރާނައިގެ ސަލާމަތައްޓަކައި އެގޮތަށް އަމަލުކުރުމަށް ދުނިޔެ މަޖުބޫރު ކުރެއެވެ. މިހާލަތުގައި މަރުވެގެންދާއިރު، އެ ވަނީ ދެ މަރުކަމުގައި ބުނެވެނީ އެހެންވެއެވެ.

ކަށުކަމާކެމީގެ ކަންތައްތައްތަކާ ބެހޭ ގޮތުން އެމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މާސިމޯ މަނަކަސްޓްރޮޕާ ބުނީ މިމަންޒަރުތައް ސިފަކޮށްދޭން ދަތިކަމަށާއި، މިފަދަ ކަމެއް ލޮލަށް ފެނިދާނެކަމަށް އުންމީދުވެސް ނުކުރާ ކަމަށެވެ.

މީގެ ކުރީގައި މަރުވާ މީހުން ވަޅުލަނީ، ވަރަށް ރީތިކޮށް ފެންވަރުވާ، ޒީނަތްތެރި ކުރުމަށްފަހު ނަމަވެސް މިހާރު މިވައިރަސްގައި މަރުވާ މީހުންވަޅުލަނީ ފެންވެރުވުމެއް، ޒީނަތްތެރި ކުރުވުމެއްނެތިއެވެ. ހަށިގަނޑުގައި އޮންނަ ފޮތިގަނޑާއެކު ސަންދޯކުގައި ވަޅުލަނީ އެނޫން އެހެން ގޮތެއް ނެތިގެންނެވެ. ހައްތަހާވެސް ދުނިޔެ ދައްކަމުންދާ ފިލާވަޅުތަކެވެ.

ކޮވިޑް-19އަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ މީހުންގެ ހަށިގަނޑު

މާސިމޯ ކިޔާދިން ގޮތުގައި އާއިލާގެ މީހުންގެ އެދުމުގެ މަތިން، އާއިލާ މީހުން ފޮނުވާ ހެނދުން ނުލެއްވުނު ނަމަވެސް، ހަށިގަނޑުގެ މަތީގައި ރީއްޗަށް ހެދުން ބާއްވައެވެ.

މީއީ އަހަރުމެންނަށް ކުރެވޭ ކަމަކީ. މިހިތްދަތި ދަނޑިވަޅުގައި، މަރުވެފައިވާ މީހުންގެ އާއިލާ މީހުންނާއި އަދި ރަށްޓެހިންގެ ޒިންމާ މި އަދާކުރަނީ ކަށުކަމާ ކެމީގައި މި އުޅޭ މީހުން. އެހެން އެއްވެސް ބަޔަކަށް މަރުވެފައިވާ މީހުންނާއި ކައިރި ވުމުގެ ހުއްދަ ނޯވޭ. ނޫނީ އާއިލާ މީހުންވެސް ތިބެނީ ގޭގައި ކަރަންޓީންކޮށްފައި.
ހިތްދަތިކަމާއެކު މަސީމޯ ބުނި

ބައެއް އާއިލާތަކުން މަރުވާ މީހާގެ ސަންދޯކަށް ލުމަށް ފޮޓޯ އަދި ބައެއް ސިޓީ ފަދަ ތަކެތި ހާވަލުކުރެއެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ސަންދޯކު ތެރެއަށްލުމަށް އެގައުމުގެ ސަރުކާރުން މިވަނީ މަނާކޮށްފައެވެ.

މޯޗަރީތައް ވަނީ ފުރިބާރުވެފައި

ކޮންމެ ދުވަހަކު ވެސް އިޓަލީގައި އެތައް ބަޔަކު ވަޅުލަންޖެހޭއިރު، އެ ކަންތައްތަކުގައި ހާރަކާތްތެރިވާ މީހުން ފިޔަވައި އިތުރު ބަޔަކަށް ގަބުރުސްތާންގެ ހުންނަ މަގަށްވެސް ނޭރެއެވެ. މަރުގެ ބިރުވެރިކަން މުޅި މާހައުލުންވެސް ފެންނައިރު، އެ މަންޒަރު ތަސައްވަރުކޮށްލަންވެސް ދަތިކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު، މަރުވާ މީހުންގެ ހަށިގަނޑުތައް ލާން ހުރި މޯޗަރީތައް ވަނީ ފުރިފައެވެ. ސަހަރާތަށް ފުރި މީހުން ވަޅު ނުލެވި ތޮއްޖެހިއްޖެއެވެ. މަރުވާ ރޭޓަށް ސަންދޯއްތައް ނުޖެހި ކިއު އެތައް ގުނައެއް ބޮޑުވެއްޖެއެވެ. އިތުރު ބިރުވެރިކަމަކަށް އާންމުން ހުށަހެޅިގެންދިއުމާއެކު އެންމެ ފަހުން ސިފައިންވެސް ވަނީ މީހުން ވަޅުލުމުގެ ކަންތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ހަށިގަނޑުތައް އަންދާލުމުގައި ސިފައިން ހަރަކާތްތެރިވަނީ

އެގޮތުން މަރުވާ މީހުންގެ އަދަދު ގިނަވުމާއެކު، ސިފައިން ނުކުމެ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އުފުލީ ބޮޑެތި ލޮރީތަކުގައެވެ. އެހަށިގަނޑުތައް ވަޅުލާނެ ތަނެއް ނުލިބި، ހަށިގަނޑުތައް އަންދާލަން މަޖުބޫރިވިއެވެ. މިއީ ޖާގައިގެ ގޮތުން ނަމަ 301،338 ސްކެއަރ ކިލޯމީޓަރސްގެ އިޓަލީގެ ހާލަތެވެ.

ސަންދޯއްތައް ޖެހުމުގެ ކިޔުވަރަށް ދިގު

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އުފެއްދުންތައް އުފައްދާ އެއް ގައުމު މިއަދު މިއޮތީ ގޮސް ހުސްވެފައެވެ. ދިރިތިބީންގެ ތެރެއިން ސިއްހީ މާހިރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު، ކަށުކަމާކެމީގައި އުޅޭ މީހުންގެ ހިތްވަރުވަކި ކުޑައެއް ނޫނެވެ. އާއިލާ މީހުން އެކުރާ ހިތްވަރާ ދައްކަމުންދާ ސާބިތުކަމަކީ އެހެން ގައުމުތަކަށް މިސާލެކެވެ. ގިނަ އާއިލާތަކުން މިއަދު ވެސް ތިބީ ބަލީގައި މަރުވި އާއިލާ މެމްބަރު މޯޗަރީގަ ބާއްވައިގެން ސަންދޯކެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އެ ހިތްދަތިކަން މަތީގައެވެ. ވަޅުލައިދިނުމަށް އެދިއެދިއެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
1%
1%
95%
1%
1%
1%
ކޮމެންޓް