ކ. މާލެ
|
27 މާރޗް 2020 | ހުކުރު 23:34
އެއަރޯ ފްލޯޓް
އެއަރޯ ފްލޯޓް
ގޫގުލް
ކޮވިޑް-19
ޕޮޒިޓިވްވި 2 މީހުން ދަތުރުކުރި ފްލައިޓުގައި 358 މީހުން ދަތުރުކޮށްފައިވޭ!
 
އެ ފްލައިޓުގައި އައިލެންޑް ސަފާރީގެ ފަތުރުވެރިންނާއި އިޓަލީއަށް ނިސްބަތްވާ ކްރޫއިން ދަތުރުކުރި
 
އެ ފްލައިޓަކީ އިޓަލީ ސަރުކާރުން ހަމަޖެއްސި ފްލައިޓެއް

ޕޮޒިޓިވްވި އިޓަލީ ދެ މީހުން ދަތުރުކުރި ފްލައިޓުގައި 358 މީހުން ދަތުރުކޮށްފައިވާކަމަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމާއިއެކު އިޓަލީގެ ސަރުކާރުން ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ފްލައިޓެއް ހަމަޖެއްސި ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވި ދެމީހުން ދަތުރުކުރި އެއަރޯ ފްލޯޓް (SU321) އިން ޖުމްލަ 358 މީހުން ދަތުރު ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ ފްލައިޓުގައި ދަތުރު ކުރި މީހުންގެ ތެރޭގައި އެ ދެ ފަތުރުވެރިން އެންމެ ފުރަތަމަ ތިބި އައިލެންޑް ސަފާރީގެ އިތުރު ފަތުރުވެރިންނާއި އިޓަލީއަށް ނިސްބަތްވާ އެ ސަފާރީގެ ކްރޫއިންވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިޓަލީއަށް ނިސްބަތްވާ މި ދެމީހުން ބައްޔަށް ޕޮޒިޓިވް ވިކަން އެނގުނީ ފްލައިޓު ވައިގެ ތެރޭގައި އޮއްވާ ކަމަށް ހުކުރު ދުވަހުގެ ހަވީރު ބޭއްވުނު ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުމާއެކު، ފްލައިޓްގެ ކުރޫއިންނަށް އެ މައުލޫމާތު އަންގާފައިވާކަމަށެވެ. އިޓަލީގެ ކަމާއިބެހޭ އިދަރާތަކުގެ އިތުރުން، ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވާ އެއާޕޯޓާވެސް އެ މައުލޫމާތު މިހާރު ހިއްސާކުރެވިފައިވާކަމަށް މައިމޫނާ ވިދާޅުވި އެވެ.

އައިލެންޑް ސަފާރީން އެންމެ ފުރަތަމަ ބަލީގެ އަލާމާތްތައް ހުރި ބަޔަކު ތިބި ކަމަށް ރިޕޯޓު ކުރެވުނީި 13 މާޗުގައެވެ. މަބްރޫކް ވިދާޅުވީ އެމީހުން ރާއްޖެއިން ފުރާފައިވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ކަމަށެވެ. އެގޮތުން 14 ދުވަސް ހަމަވަނީ ހުކުރު ދުވަހަށް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19ގެ 16 ކޭސްއެއް ފެނިފައިވާއިރު ހުކުރު ދުވަހު ޕޮޒިޓިވްވި ދެ އިޓަލީ މީހުންގެ އިތުރުން އިތުރު ދެ މީހަކުވެސް އެ ސަފާރީން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
18%
61%
15%
0%
6%
ކޮމެންޓް