ކ. މާލެ
|
27 މާރޗް 2020 | ހުކުރު 12:59
ހުކުުރު ކުރަނީ
ހުކުުރު ކުރަނީ
ވަން އޮންލައިން
ޚުތުބާ
އަމިއްލަ ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ މީހުން، މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާ: ޚުތުބާ
 
މާތްﷲ ގެ ރަޙުމަތްފުޅު އެކަލާނގެ އަޅުތަކުންނަށް މި ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ތަނަވަސްވެގެންވޭ

އަމިއްލަ ނަފްސުތައް ފާފައިން އިސްރާފުކޮށްފައިވާ މީހުން މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާށެވެ." މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މާތްﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ އޯގާވެވޮޑިގަންނަވާ މިންވަރާއި ތައުބާގެ ދޮރުތައް ހުޅުވިފައިވާ މިންވަރުގެ މައްޗަށެވެ.

މާތްﷲ ގެ ރަޙުމަތްފުޅު އެކަލާނގެ އަޅުތަކުންނަށް މި ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ތަނަވަސްވެގެންވާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މާތްﷲ ގެ ރަޙުމަތްފުޅު އާންމުވެގެން ނުވާނަމަ، މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވޭ ނުލެވޭނެ ކަމަށާއި ބޯނޭ ފެންފޮދެއް ވެސް އަދި އެއްވެސް މީހަކަށް ޝިފާއެއްވެސް ނުލިބޭނެ ކަމަށެވެ.

ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަމަވެސް މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާލާ މާޔޫސްނުވުމަށް އިލްތިމާސްކޮށް ޚުތުބާގައި ބުނެފައިވަނީ ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަމަވެސް އިޙްލާސްތެރިކަމާއެކު ތައުބާވެ ހެޔޮ އަމަލު ކުރުމުން މާތްﷲ އެކަލާނގެ އަޅުތަކުންގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވާނެކަން އަންގަވާފައިވާ ކަމަށެވެ.

މާތްﷲ ގެ ރަޙުމަތްފުޅު ތަނަވަސްވެގެންވާ މިންވަރަށް އަލިއަޅުވާލައްވައި ޚުތުބާގައި މީހަކު ނުބައި އަމަލެއް ކޮށްފިނަމަ އެމީހަކަށް ޖަޒާ ދެއްވަނީ އެމީހަކު އެ ކުރި އަމަލަކާ އެއްވަރަށް ކަމަށާއި ހެޔޮ އަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ޖަޒާ ދިހަ ގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވާނެ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ މީސްތަކުންނަށް ރަޙުމްކުރާ މީހުންނަށް މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅު ދުނިޔެ އާއި އާހިރަތުގައި ލިބޭނެ ކަމަށް އެކަލާނގެ އަންގަވާފައިވާ ކަމަށެވެ. އަދި މީސްތަކުން ބިމުގައިވާ މީހުންނަށް ރަޙުމް ކުރުމުން މަލާއިކަތުން އެމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރައްވާނެ ކަމަށް ޙަދީޘް ކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައިވެއެވެ.

މުސްލިމުންނަކީ ބަލިމަޑުކަމާއި މުސީބާތުގައި ވަގުތުގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ބަޔަކު ކަމުގައިވެ، ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާ ކުރުމާއެކު ސަބަބުތަކުގައި ހިފައި، ކަމާބެހޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ޚުތުބާ ވަނީ ބުނެފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް