އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ކަޕިލް ޝަރްމާ ޝޯ

ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟

  • މުހިންމު ފަންނާނުންތަކެއް ޝޯ ބޮއިކޮޓްކުރުމުން ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައި
  • ދެން އެނބުރި ނާންނާނެ ކަމަށް ސުނިލް ވަނީ ބުނެފައި

ކ. މާލެ | 29 މާރޗް 2017 | ބުދަ 17:10 | 7,481

ކަޕިލް އާއި ސުނިލް ގްރޯވާ އެކުގައި: ދެ މީހުންގެ މެދުގައި ވަނީ މައްސަލަ ޖެހިފައި - ގޫގުލް

ސޮނީ ޓީވީން ދައްކާ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ"ގެ ތަރިންގެ މެދުގައި ޖެހުނު މައްސަލަތަކަށް ފަހު އެ ޝޯއިން ވަކިވި ތަރިންގެ ބަދަލުގައި އާ ތަރިން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ކަޕިލް ބުނެފިއެވެ.

މަޝްހޫރު ކޮމީޑިއަން ކަޕިލްގެ ޝޯ އަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވީ މި މަހުގެ ކުރީކޮޅު އޮސްޓްރޭލިއާގެ މެލްބަން އަށް ޓީމުން ކުރި ދަތުރަށް ފަހު އެނބުރި އައި މަގުމަތީގައި ކަޕިލް އާއި ޝޯގެ އެހެން ތަރިންނާ ދެމެދު ކުރި ޒުވާބަކަށް ފަހު ތިން ފަންނާނަކު ޝޯ ބޮއިކޮޓްކުރުމުންނެވެ. އެ ގޮތުން އެ ޝޯގެ މަޝްހޫރު ދެ ކެރެކްޓާ ކަމަށްވާ ޑރ. މަޝޫރް ގުލާޓީ އާއި ރިންކޫ ބާބީގެ ރޯލުން ފެނިގެންދާ ސުނިލް ގްރޯވާ އާއި ނާނީގެ ރޯލުން ފެނިގެންދާ އަލީ އަސްގަރު އަދި ޗައިވާލާ ނަންދަން ޕްރަބާކަރު ވަނީ ޝޫޓިން އަށް ދިއުމަށް ދެކޮޅު ހަދާފައެވެ.

މައްސަލަ ޖެހުނީ ފްލައިޓް ތެރޭގައި ކަޕިލް ރާބޮމުން ދަނިކޮށް ކްރޫގެ އެހެން ފަންނާނުން ކާން ފެށުމުން އޭނާ ރުޅި އައިސް ވަރަށް ބޮޑަށް ޒުވާބު ކުރުމުންނެވެ. ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ހުރި ކަޕިލް ވަނީ އެ މީހުންނަށް ކާމިޔާބު ހޯދައިދިނީ އޭނާ ކަމަށާއި އެއީ އޭނާގެ ޝޯއެއް ކަމަށް ބުނެ ފްލައިޓް ތެރޭގައި އަޑުގަދަކޮށްފައެވެ. ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ހުރި ކަޕިލް މައިތިރި ކުރުމަށް ފްލައިޓްގެ އަންހެން ސްޓާފަކު މަސައްކަތްކުރުމުން އޭނާ އަށް ވެސް ވަރަށް ހުތުރު ބަހުން ކަޕިލް މުހާތަބުކުރި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ޒުވާބަށް ފަހު މި މައްސަލަ ވަނީ ސޯޝަލް މީޑިއާއާ ހަމައަށް ވެސް އައިސްފައެވެ. އެ ގޮތުން ޝޫޓިންތައް ބޮއިކޮޓްކޮށް ސުނިލް ފޯނަށް ޖަވާބު ނުދޭތީ ކަޕިލް ވަނީ އެންމެ ފަހުން ފޭސްބުކް މެދުވެރިކޮށް މައާފަށް އެދިފައެވެ. އަދި އެއަށް ރައްދު ދީ ސުނިލް ބުނެފައި ވަނީ އެއީ އޭނާގެ ޝޯއެއް ނޫންކަން ހަނދާން ނެތުރީ ކަމަށާއި ދެން އަލުން އެ ޝޯއިން އޭނާ ނުފެންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ކަޕިލް ވަނީ ސުނިލް ރުއްސުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ގެއަށް ގެއަށް ޒިޔާރަތްކުރާނެ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ސުނިލް ރުއްސުމަށް ކުރި މަސައްކަތުގައި ކަޕިލް އަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި އަނެއް ދެ ފަންނާނުން ކަމަށްވާ އަލީ އަސްގަރާއި ޗަންދަން ވެސް ކުރިމަގުގައި ޝޯއިން ފެނިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ސުނިލް އެނބުރި އަންނާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް މީޑިއާތަކަށް އޭނާ ދިން އިންޓަވިއުއެއްގައި އެކަން ވަނީ ދޮގުކޮށްފައެވެ.

 

ކަޕިލްގެ ޝޯގެ ފަންނާނުން

 

ސޮނީ ދޫކޮށް ކަލާސްއާ އެކު ސުނިލްގެ ޝޯއެއް ގެނައުމަށް މަޝްވަރާކުރަމުންދާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން އޭނާ ބުނެފައި ވަނީ މި ވަގުތު އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ޗެނެލްއަކާ އެކު ކުރިއަށް ނުގެންދާ ކަމަށާއި ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މި ޒުވާބަށް ފަހު ކަޕިލް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ފަސް އަހަރުގެ ތެރޭގައި ކަޕިލް ހޯދި މަގުބޫލުކަން ފަސް މިނިޓުން ފެނަށް ވެގެން ހިނގައްޖެ ކަމަށެވެ. އަދި މިހާތަނަށް މަޝްހޫރު އެންމެ ގިނަ ތަރިން ފިލްމްތައް ޕްރޮމޯޓްކުރުމަށް ބޭނުންކުރި ޕްލެޓްފޯމަކަށް މި ޝޯވެފައިވާ އިރު ބައެއް ފަންނާނުން މިހާރު ވެސް ކަޕިލް އަށް ނޫނެކޭ ބުނަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ތިން ފަންނާނުން ޝޯ ބޮއިކޮޓްކުރުމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ޝޯގައި ކަޕިލް ވަނީ ތިން ކޮމީޑިއަނުން ކަމަށްވާ ރާޖޫ ސްރިވާޝްތާވް އާއި އަހްސަން މެހްމާނުންގެ ގޮތުގައި ޝޯ އަށް ގެނެސްފައެވެ. ނަމަވެސް މާ ބޮޑު ތަރުހީބެއް ލިބިގެން ނުދެއެވެ. ހާއްސަކޮށް ޑރ. މަޝޫރް ގުލާޓީ ނެތްތައް ޝޯ އިން ވަރަށް ބޮޑަށް ދެއްކިއެވެ.

ޝޯގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ އިރު ކަޕިލްއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އޭޕްރީލް މަހު ހަމަވާނެއެވެ. ޝޯގައި މައްސަލަ ޖެހިފައި މި ވަނީ 106 ކްރޯޑް ރުޕީސްގެ ކޮންޓްރެކްޓަކަށް އެއްބަސްވެވިފައި ވަނިކޮށެވެ. ނަމަވެސް މި މައްސަލަތަކަށް ފަހު ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ޝޯގެ މަގުބޫލުކަން އިތުރުކުރުމަށް ޝޯ އަށް އާ ބަދަލުތަކެއް ގެންނަ އިރު ސޮނީ ޓީން ވަނީ ދެން ފެނިގެންދާނެ ކެރެކްޓާއަކާ މެދު ސުވާލު އުފައްދައި ޓްވީޓެއް ކޮށްފައެވެ. ޓްވީޓްގައި ބުނެފައި ވަނީ އާ މީހަކު އެބަ އަންނަ ކަމަށެވެ. ވާ ގޮތެއް ބެލުމަށް އިންތިޒާރުކޮށްލުމަށް އެ ޓްވީޓްގައި އެދިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.