ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 18:06
ކޮވިޑް-19 ގެ ސަބަބުން ޓޯކިޔޯ އޮލިމްޕިކްސް ވަނީ ފަސްކޮށްފައި
ކޮވިޑް-19 ގެ ސަބަބުން ޓޯކިޔޯ އޮލިމްޕިކްސް ވަނީ ފަސްކޮށްފައި
ގެޓީ އިމޭޖަސް
ކޮވިޑް-19
އޮލިމްޕިކް ގޭމްސް ފަސްކޮށްފި
 
ކޮވިޑް-19ގެ ސަބަބުން ގޭމްސް ފަސްކުރުމަށް ގިނަ ގައުމުތަކުން އައީ ގޮވާލަމުން

މިއަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކް ގޭމްސް، ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ގޭމްސް ފަސްކުރުމަށް ގިނަ ގައުމުތަކުން އައީ ގޮވާލަމުންނެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެމަނިކުފާނާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބެޗް އާއެކު ދެކެވުނު ވާހަކައިގައި، އޮލިމްޕިކް ގޭމްސް ފަސްކުރާނެ ކަމުގެ ޔަގީންކަން އައިއޯސީގެ ރައީސް ތޯމަސް ދެއްވި ކަމަށެވެ. އަދި އަންގާރަ ދުވަހު އައިއޯސީން ވަނީ މި ގޭމްސް ފަސްކޮށްފައެވެ. ދެން މި ގޭމްސް ބާއްވާނެ ތާރީޚެއް އަދި ކަނޑާއަޅާފައި ނުވި ނަމަވެސް، އަންނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން ގޭމްސް ބޭއްވުމަށް އައިއޯސީން ވަނީ ނިންމާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެންމެ ފުރަތަމަ ވިދާޅުވީ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. މި ތާރީޚުގައި އޮލިމްޕިކްސް ބާއްވަން ޖަޕާނުން އެންމެ ފުރަތަމަ މަސައްކަތް ކުރުމުން، އެކަމާ ގުޅިގެން ގިނަ ގައުމުތަކުގެ އޮލިމްޕިކްސް އޯގަނައިޒަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ތާރީޚުގައި އޮލިމްޕިކްސް ބާއްވާނަމަ، މި ގޭމްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 41 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް