ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 01:40
ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް
ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް
ގެޓީ އިމޭޖަސް
ކޮވިޑް-19
ގަލަތަސަރާއީގެ ކޯޗާއި ނައިބު ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
 
މިއީ ތުރުކީގެ ފުޓްބޯޅަ ކޯޗަކު މި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު

ތުރުކީގެ ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް އާއި ނައިބު ރައީސް އަބްދުލްރަހީމް އަލްބާރަކް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހޯމަ ދުވަހުގެ ވަހުގުތެއްގައި ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. މީގެ ކުރިން ތުރުކީގެ ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން އުމުރުން 66 އަހަރުގެ ފާތިހު ތެރިމް ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮވިޑް-19 އަށް ގަލަތަސަރާއީގެ ކޯޗު ޕޮޒިޓިވްވިއިރު، މީގެ ހަ ދުވަސް ކުރިން އެޓީމުގެ ނައިބު ރައީސް އަބްދުލްރަހީމް އަލްބާރަކްގެ ދެކަނބަލުން ވަނީ ޕޮޒިޓިވްވެފައެވެ. އުމުރުން 65 އަހަރުގެ އަލްބާރަކް ވަނީ ގަލަތަސަރާއީގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އެޓީމުގެ ބޯޑް މެމްބަރު ކަންވެސް ވަނީ އަދާކޮށްފައެވެ. 2014 ވަނަ އަހަރު ގަލަތަސަރާއީގެ ނައިބު ރައީސްގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވުމަށްފަހު، 2015 ވަނަ އަހަރު އޭނާ ވަނީ އެ މަގާމުން ވަކިވެފައެވެ. އަދި އަލުން ނައިބު ރައީސްގެ މަގާމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ.

ގަލަތަސަރާއީގެ ކޯޗާއި ނައިބު ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފުޓްބޯޅަ ކުޅުންތެރިންނާއި ބައެއް ކޯޗުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ތުރުކީގައިވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1،236 އަށް އަރާފައެވެ. އަދި މި ވައިރަސް ޖެހިގެން ތުރުކީން 30 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް