ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ރިޕޯޓު - ކޮވިޑް-19

ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

  • ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި
  • އުސޫލުތަކާއި އެންގުންތަކަށް ބޯނުލަނބާނަމަ އެކަމުގެ ގެއްލުން އެންމެނަށްކުރާނެ
  • ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ވީޑިއޯތައް ވަނީ ހަދާފައި

އަމްނާ އިމާދު
amnabinthimad

ކ. މާލެ 24 މާރޗް 2020 | އަންގާރަ 00:00 33,309

ކޮވިޑް-19އާ ގުޅިގެން ހޭލުންތެރިކުރުމަށް ހަދާފައިވާ ބައެއް ވީޑިއޯތަކުގެ މަންޒަރުތައް - ރާއްޖެއެމްވީ

ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައްވެސް ކުޑަކަކުލަށް ތިރިކޮށްލި، ލޮލަށްވެސް ނުފެންނަ ކޮވިޑް-19 މިވަނީ މިރާއްޖޭގެ މައިދޮރާށިންވެސް އެތެރެވެފައެވެ. އެދުވަހުން ފެށިގެން ދިވެހި ސަރުކާރުން ކޮވިޑް-19އާ އިދިކޮޅަށް އަޅަމުންދިޔަ ފިޔަވަޅުތައް މިވަނީ އިތުރަށް ހަރުދަނާ ކޮށްފައެވެ. އެކިވަގުތުތަކުގައި ދިވެހިންނަށް މީޑިއާ މެދުވެރިކޮށް މިދަނީ މައުލޫމާތު ހިއްސާ ކުރަމުންނެވެ. މިފަދަ ދަޑިވަޅެއްގައި ސަރުކާރުން ދެމުންދާ އިރުޝާދުތަކަށް ބޯލެނބުމަކީ ކޮވިޑް-19 އިން މިޤައުމު ސަލާމަތް ކުރުމަށް އެންމެ އިސްކަމެއްގެ ގޮތުން ކުރަން ޖެހިފައިވާ އެއްކެމެވެ.

މިއަދު ސަރުކާރުން ދިވެހި ރައްޔިތުން ގާތު އެދޭ އެންމެ ބޮޑު އެދުމަކަށްވެފައި މިވަނީ ގެއިން ބޭރަށް ނުނިކުތުމެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ އެންމެންވެސް ބޭރުގައި މަޑު ނުކުރުމެވެ. ގުރޫޕް ހަދާފައި ބޭރުތެރޭގައި ވަގުތު ހޭދަ ނުކުރުމަށެވެ. ހަވީރު ފިންޏަށް ދުއްވާލަން ނުކުމެ ނޫޅުމަށެވެ. ނަމަވެސް ބައެއްމީހުން މިކަމަށް ސަމާލުކަމެއް ނުދޭކަން ކަމާބެހޭ ފަރާތްތަކުންވެސް ދަނީ ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޑރ ނަޒްލާ ރަފީޤުވެސް ވިދާޅުވީ، އަދިވެސް މަގުތައް ކާރުބާރު ބޮޑު ކަމަށެވެ. އަދިވެސް މަގުތަކުގައި ހޭލަމޭލައަށް އުޅޭ މީހުން ގިނަ ކަމެކެވެ. އަދި އެއީ މިވަގުތު ރައްކާތެރި ގޮތެއް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ބަޔަކު ރަނގަޅުވުމަކީ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމާމެދު ފަރުވާކުޑަ ކުރަންޖެހޭ ސަބަބެއް ނޫންކަން ޑރ ނަޒްލާ ވެސް ފާހަގަކުރެއްވިއެވެ. އަދި އެކަން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވައިރަސް ފެތުރިގެން ގޮސްފައިވާ ގޮތަށް ބަލާލުމުންވެސް އެނގިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ނެރެފައިވާ އުސޫލުތަކާއި އެންގުންތަކަށް މަދު ބަޔަކު ބޯނުލެނބުމުގެ ނަތީޖާއެއްގެ ގޮތުން އެތަނެއްގައި ދިރިއުޅޭ ބޮޑު އާބާދީއަކަށް ވައިރަސް ފެތުރި އެންމެން ނުރައްކަލަކަށް ހުށައެޅިގެން ދިއުމުގެ ފުރުސަތު އޮވެއެވެ.

އެކަންކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން މިފަހަރު އަތުގުޅާލައިގެން މަސައްކަތް ފަށާފައި މިވަނީ ދިވެހި ޒުވާނުންނެވެ. ގިނަ ދިވެހިންނަކީ އަބަދުވެސް ކޮންމެ ކަމެއްގައިވެސް މިސާލު ދައްކާ ކިޔަމަންތެރި ބައެއްކަން މިއަދު ސޯޝަލް މީޑިއާއަށް ބަލާލުމުންވެސް ފެނިގެންދެއެވެ. އެގޮތުން އަމިއްލަ ފަރުދީ ޒިންމާ އުފުލުމަށް ޤައުމުގެ ޒުވާނުން ނިކުމެ ތިބި މަންޒަރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ބަލާލުމުން ފެނިގެންދެއެވެ. ގޭގައި މަޑުކޮށްގެން ތިބޭ ވަގުތުތަކުގެ ބޭނުން ހިފައި ގިނަ ޒުވާނުން ދަނީ ވައިރަސްއާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

އެކިއެކި މެސެޖްތައް ދޭ ވީޑިއޯތަކާ ޑްރާމާ ކްލިޕްތައް ތައްޔާރުކޮށް އާންމުން ހޭލުންތެރިކަން އިތުރު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ. އަދި މީގެން ކޮންމެ ކްލިޕަކުން ރައްޔިތުންނަށް ދަނީ އެތަކެއް މައުލޫމާތުތަކެއް ފޯރުކޮށްދެމުންނެވެ. ގޭގައި ތިބެ މުނިފޫހި ފިލުމުގެ އިތުރުން އެފަދަ ވީޑިއޯތަކުގެ ޒަރިއްޔާއިން މުހިންމު މައުލޫމާތުތަކެއްވެސް ލިބިގެންދެއެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެމުންދާ އިރުޝާދުތަކައް އަމަލުކުރުމަށް ހިތްވަރުދެމުންނެވެ. މިކަމުން ދޭހަވަނީ ގިނަ ޒުވާނުންތަކެއް ކޮވިޑް-19 އަށް ހޭލުންތެރި ވެފައިވާކަމެވެ. މިއަދު މިގައުމުން މިފެންނަނީ ހޭލުންތެރި ޒުވާން ޖީލެއް ބިނާވެގެންދާ މަންޒަރެކެވެ.

މިޤައުމު ކޮވިޑް-19 އިން ސަލާމަތްކުރުމުގައި ޒުވާނުން ތި ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު ބަލައިގަންނާނެ ކަމެކެވެ. ދާދިފަހުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އެދެނޯމް ގެބްރިއޭސިއަސް ވިދާޅުވި ފަދައިން ޒުވާނުންގެ ކިބައިން ވައިރަސް ފެތުރޭ މިންވަރަށްވުރެ ވައިރަސްގެ މައުލޫމާތު ފެތުރޭ މިންވަރު ބޮޑެވެ. މިއަދު ދިވެހި ޒުވާނުން މިދަނީ މިކަމުގަވެސް ނަމޫނާ ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް