ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ސިއްހަތު - ކޮވިޑް-19

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

  • ގައުމުން ބޭރު މީހަކަށް ފަރުވާ ދެވޭނީ ހެލްތް މިނިސްޓްރީގެ ހުއްދަ ލިބިގެން
  • މިހާރު ފަރުވާ ހޯދަމުންދާ ބޭރު މީހުންވެސް އިތުރު ފަރުވާ އަށް ގައުމަށް ދިއުމަށް ދަނީ ބާރުއަޅަމުން

ރާއްޖެ އެމްވީ
raajjemv

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ | 23 މާރޗް 2020 | ހޯމަ 20:04 | 46,253

ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓުގައި ފަސިންޖަރުން ހަރަކާތްތެރިވަނީ - އޭއެފްޕީ

ސިންގަޕޫރުގައި ވަޒަންވެރިގެން އުޅޭ މީހުން ފިޔަވާ، ގައުމުން ބޭރު ބަލި މީހުންނަށް މި ވަގުތު ފަރުވާ ކުރުން ހުއްޓާލުމަށް ނުވަތަ ފަރުވާ ކުރުން ފަސްކޮށްލުމަށް ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން އެ ގައުމުގެ ސިއްހީ ޚިދުމަތްދޭ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލް ތަކާއި ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށް އަންގައިފިއެވެ.

މީގެ އިތުރުން ސިންގަޕޫރުގައި ދިރިއުޅޭ މީހުން ފިޔަވާ، މިހާރު ސިންގަޕޫރުގައި ފަރުވާ ހޯދަމުންދާ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންވެސް އެމީހުންގެ އަމިއްލަ ގައުމުން އިތުރު ފަރުވާ ހޯދުމުގެ ކަންކަން ހަމަޖެއްސުމަށްވެސް ސިންގަޕޫރު ސަރުކާރުންވަނީ އަންގާފައެވެ.

ސިންގަޕޫރު ސަރުކާރުން މާޗް 19 ވީ ބުރާސްފަތި ދުވަހު ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނަށާއި ސަރުކާރުގެ ތަންތަނަށް ފޮނުވި މެމޯ ގައި ބުނެފައިވަނީ، މި ނިންމުން ނިންމީ، ކޮރޯނާވައިރަސް ބަލި މެނޭޖް ކުރުމަށާއި އެހެނިހެން ސިއްހީ ޚިދުމަތައް ބޭނުންވާ ސިންގަޕޫރު ރައްޔިތުންނަށް ޓަކައި އެ ގައުމުގެ ސިއްހީ ވަސީލަތްތައް ރައްކާތެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ސިންގަޕޫރު ސަރުކާރުން އަލަށް އެކުލަވާލި މި ސިޔާސަތު ހާމަކޮށް ފޮނުވި މެމޯ ގައި ބުނެފައިވަނީ، މި ގޮތައް އަމަލު ނުކޮށްފިނަމަ، އާއްމު ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އެބަ އޮތް ކަމަށާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގައެވެ.

ކޮންމެހެން ގައުމުން ބޭރު މީހަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ޑޮކްޓަރަކަށް ފެނިއްޖެނަމަ އެފަދަ ހާލަތެއްގައި ފަރުވާ ދެވޭނީ ސިންގަޕޫރުގެ ހެލްތް މިނިސްޓްރީ އަށް ހުށަހަޅާ ހުއްދަ ލިބިގެން ކަމަށްވެސް ސިންގަޕޫރު ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިގެން ސިންގަޕޫރުގައި ފުރަތަމަ ފަހަރަށް ދެ މީހެއްގެ ފުރާނަ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިހާތަނަށް ސިންގަޕޫރުގައި 385 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައި ވެއެވެ.

ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު އިތުރުވުމާއެކު ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލްގެ ކާރު ޕާކު ކުރާ ސަރަހައްދުވެސް މި ދިޔަ ހުކުރު ދުވަހުން ފެށިގެން ބޭނުން ކުރަމުންދަނީ ރޯގާ ޖެހިގެން ނުވަތަ ހުން އައިސްގެން އަންނަ މީހުންނަށް ޚިދުމަތްދޭ ތަނެއްގެ ގޮތުގައެވެ. މީގެ ބޭނުމަކީ، އެ ގައުމުގެ ނޭޝަނަލް ސެންޓަރ ފޯ އިންފެކްޝަސް ޑިޒީޒް އަށް ބާރު ކުޑަކުރުން ކަމަށް ދަ ސްޓްރެއިޓް ޓައިމްސްގައި ބުނެފައިވެއެވެ.

މާޗް 20 ވީ ހުކުރު ދުވަހުން ފެށިގެން ސިންގަޕޫރަށް އެއްވެސް މީހަކަށް އެތެރެ ވުމުގެ ހުއްދަ ދެނީ 14 ދުވަހަށް އަމިއްލަ އަށް ގޭގައި ކަރަންޓީން ވުން މަޖުބޫރު ކޮށްފައެވެ. 14 ދުވަހަށް ކަރަންޓީނުގައި ހުންނާނެ ތަނެއް ހަމަ ނުޖައްސާ އަންނަ މީހުން ސިންގަޕޫރަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާ ގޮތައްވެސް މިހާރު ވަނީ ސިންގަޕޫރު ސަރުކާރުން ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.