ކޮރޯނާވައިރަސް އާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ކުރާ ހަނގުރާމައިގައި 14 ގަޑީއިރުގެ މުއްދަތަކަށް މަގުތައް ދޫކޮށްލުމަށްފަހު ގޭގައި ހޭދަ ކޮށްފިއެވެ.
ބޮޑުވަޒީރު މޯދީ ހުސްވި ހަފްތާގައި އިއުލާން ކުރެއްވި ކާފިއު އާ ގުޅިގެން ބިލިއަނަކަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ އިންޑިއާގެ މަގުތައް އާދިއްތަ ދުވަހު ފެނުނީ މުޅިންހެން ފަޅުވެފައި އޮއްވައެވެ.
ހުސްވި ހަފްތާގައި ކޮރޯނާވައިރަސްގެ ނުރައްކާ އިންޑިއާ ކުރިމަތިވެފައި އޮތް މިންވަރު ބަޔާން ކޮށްދެއްވާ ބޮޑުވަޒީރު މޯދީ ގައުމާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާދިއްތަ ދުވަހުގެ ކާފިއު އަކީ ކޮރޯނާ ވައިރަސް އާ ދެކޮޅަށް އިންޑިއާ ރައްޔިތުން ހަނގުރާމަ ކުރުމުގެ ގާބިލްކަން ހުރި މިންވަރު ޓެސްޓް ކޮށްލެވިގެންދާނެ ކަމެއް ކަމުގައެވެ.
ބޮޑުވަޒީރު އިއުލާން ކުރެއްވި ކާފިއު ކުރިއަށް ދިޔައީ އިންޑިއާ ގަޑިން ހެދުނު 7:00 ން ރޭގަނޑު 9:00 އަށެވެ.
ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އެންމެހާ ރައްޔިތުން މި ކާފިއުއަށް ތަބާވުން އެދި ވަޑައިގަންނަވާ ކަމަށާއި، އަދި އެގޮތުން ދޭ އިޖާބައިން، ކޮރޯނާވައިރަސް އާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކާފިއުއަށް އިޖާބަ ދިނުމުގެ ގޮތުން ވެރިރަށް ދިއްލީގައި ބޭސް ފިހާރަތަކާއި ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތަކާ ގުޅޭ ތަންތަން ވިޔަފާރިތައް ނޫން ހުރިހާ ވިޔަފާރިއެއް ހުރީ ބަންދު ކޮށްފައެވެ.
ކާފިއުގެ ވަގުތު ހޭދަ ކުރަމުންދިޔައިރު، ބޮޑުވަޒީރުގެ އެދިވަޑައިގަތުމަށް، ހަވީރު 5:00 ޖެހި އިރު އެތައް ބަޔަކު ގޭގޭގެ ބެލްކަނީ އަށް ނުކުމެ، ސިއްހީ ޚިދުމަތްތެރިން ކޮރޯނާވައިރަސް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރަނގަބީލު އެޅުމާއި، ތެލި ތަވާފަދަ އެއްޗެހީގައި ތެޅުމާއި އަދި އަތްތެލަބަޑި ޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
އިންޑިއާ އިން ވަނީ ބޭރު ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އަދި އޮން އެރައިވަލް ވިސާ ދޫކުރުންވެސް ވަނީ ހުއްޓާލާފައެވެ.
ފަތުރުވެރިންގެ ތެރޭގައި މަގްބޫލް ތަންތަން ކަމުގައިވާ ދިއްލީގެ ރެޑް ފޯޓް އާއި އާގަރާގެ ތާޖް މަހަލްގެ އިތުރުން 140 ށް ވުރެ ގިނަ ތާރީޚީ ސަގާފީ ތަންތަން ވަނީ ބަންދުކޮށްފައެވެ.
މިހާތަނަށް އިންޑިއާގައި ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައި ވެއެވެ.