ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 16:01
އޮލިމްޕިކްސް 2020
އޮލިމްޕިކްސް 2020
އޭއެފްޕީ
ކޮރޯނާވައިރަސް (ކޮވިޑް-19)
ވައިރަހުގެ ސަބަބުން އޮލިމްޕިކްސް ފަސްކުރަނީ
 
މި ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައި
 
އޮލިމްޕިކްސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށް

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކި ކުޅިވަރު މުބާރާތްތައް ފަސްކުރަމުން އަންނައިރު، ދާދި ފަހުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. އަދި މި ގޭމްސް ޖަޕާނުގައި ބާއްވާނީ ސަލާމަތީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގިނަ ގައުމުތަކުގެ އޮލިމްޕިކްސް އޯގަނައިޒަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި އޮލމްޕިކްސް ނުބޭއްވުމަށް ގިނަ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އަންނަނީ އޮލިމްޕިކްސް ބާއްވާ ތާރީޚު ފަސްކުރަން ޖަޕާން ސަރުކާތާއެކު މަޝްވަރާ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް އޮލިމްޕިކްސް ބާއްވާ ތާރީޚު ފަސްކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސް އަށް ޖަޕާނުން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިފަހަރުގެ ގޭމްސް ތިވާވެއްޓާ ރައްޓެހި ގޭމްސްއަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފަހަރުގެ މެޑެލްތައް އިލެކްޓްރޯނިކް ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާއިރު، އޮލިމްޕިކް ޓޯޗު ތައްޔާރުކޮށްފައި ވަނީ އެލުމިނަމްގެ ކުނިބުނިންނެވެ. އަދި މުބާރާތުގެ އެކިއެކި އިވެންޓްތަކުގައި ބަހައްޓާ ޕޯޑިއަމްތައް ކަނޑަށް އުކާލައިފައި ހުންނަ އެކި ބާވްތަތްކުގެ ޕްލާސްޓިކް ކުނިން ތައްޔާރުކޮށްފައިވާ އިރު، މުބާރާތުގެ ތެރޭގައި ބޭނުންކުރާ ކަރަންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި އޮލިމްޕިކްސް އާއި ޕެރައޮލިމްޕިކްސްގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ އެނދުތައް ބޭނުންކުރަން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 36 މީހަކު ވަނީ މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް